ދިރިހުރުމުގެ ހައްގަކީ އެންމެ ބޮޑު ހައްގަށްވާއިރު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެހައްގު ފުރިހަމަކުރުމަށް މިއީ ސަރުކާރުން އެއްގޮތަކަށް ވެސް ފަހަތު ފަޔަށް ބުރަވެފައި އޮންނަންވީ ވަގުތު ނޫންކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހާ ގުޅިގެން އެމްޑީޕީގެ ކްލަބް ހައުސް ހަރުގެ ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް ދެވުނު ހަމަލާއާއި އެމްޑީޕީން ކުރިޔަށް އޮތްތަނުގައި މަސައްކަތްތައް ބައްޓަންކުރަންޖެހޭ ގޮތުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަދައްކަވާފައެވެ. އަދި ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިޔުންފަދަ ކަންކަމުގައި މިހާރު އަމަލުކުރަމުން އަންނަ ގޮތްތަކަށް ކަންބޮޑުވުން ފާޅުކުރައްވާ ވަނީ ވާހަކަދައްކަވާފައެވެ. އެގޮތުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ހެދިފައި އޮތަސް އެފަދަ އަމަލުތައް ކުރާ މީހުން ފަސޭހައިން ދޫވެގެންދާއިރު އެއަށްވުރެ ކުދި ކުށްތަކުގައި މީހުން އެތައް ދުވަހެއް ޖަލުގައި ހޭދަކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ފަނޑިޔާރުންނަށް އެބަ ވިސްނެންޖެހޭ 15 ދުވަސް ޖަހާފައި ދޫކޮށްލާ ޒާތުގެ ކަންކަން ނޫންކަން މިޒާތުގެ ކަންކަން މިއީ. އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ފަނޑިޔާރުންނަށް ވަރަށް ބޮޑު މެސެޖެއް ލިބެން އެބަޖެހޭ ތިބޭފުޅުން މިކަންތައްތަކުގައި ވަރަށް ބޮޑަށް ވިސްނަން އެބަޖެހެއޭ ގައުމަށް ދިމާވެގެން މިއުޅެނީ ކުޑަ ކަމެއް ނޫނޭ މިއަދު 15 ދުވަސް 10 ދުވަސް 5 ދުވަސް ޖަހާ ދޫކޮށްފައި ހުރިހާ އެންމެން މަގުމަތީގައި ތިބެވޭނެ ގޮތް އެހެން ހައްދަވައިގެން ނުވާނެ. އަޅުގަނޑުމެންނަށް ކަނޑައެޅިގެން ޓެރަރިޒަމްގެ އަމަލުތަކުގައި އޭގެ ފިކުރުގައި އުޅޭކަމަށް ފެންނަ އެތައް ބަޔެއް އެމީހުންނަށް ވަރަށް ފަސޭހައިން މައާފް ލިބިގެން އެބަދޭ. އެހެންނަމަވެސް އަޅުގަނޑުގެ ދާއިރާގައި ވެސް އަދި މަޖިލީހުގެ ކޮންމެ މެމްބަރެއްގެ ދާއިރާގައި ވެސް އަޅުގަނޑުމެންގެ ކޮންމެ ރައްޓެއްސެއްގެ ދާއިރާގައި ވެސް އެބަތިބޭ ކުދިން ރޮއިރޮއި އާދޭސްކުރޭ އެބަ. އަޅުގަނޑަކީ ވަރަށް ގިނައިން ޖަލުގައި ވެސް އިންނަ މީހެއް. މި މީސްމީހުންނަށް ޖަލުން ނިކުމެވޭނެ ގޮތެއް މިއޮންނަނީ ނުވެފައި.ރައީސް މުހައްމަދު ނަޝީދު
ރައީސް ނަޝީދު ވިދާޅުވީ ދިމާވެފައި މިވަނީ ވަރަށް ބޮޑު ކަމެއްކަމަށާއި ގިނަ ބަޔަކު ހައްޔަރުކޮށްގެން ނަމަވެސް މިކަމަށް ހައްލެއް ގެންނަންޖެހޭ ކަމަށެވެ. މީގެއިތުރުން ބޮން ހެދުމުގެ ގާބިލްކަން ހުރި މީހުންނަކީ ކޮބައިކަން ދެނެގަނެ އެކަންކަން ބެލެހެއްޓޭނެ ގޮތެއް އޮންނަންޖެހޭކަމަށް ނަޝީދު ވިދާޅުވިއެވެ.
އަޅުގަނޑުމެން އެބަ ވަރަށް ގިނަ އަދަދެއްގެ ބަޔެއް ހިފާ ހައްޔަރުކޮށްގެން ނަމަވެސް މިހާރު ރާއްޖެއަށް ދިމާވާން މިއުޅޭ ކަންކަމުން އެބަ އަރައިގަންނަންޖެހޭ. ގަބޫލުކުރައްވާ އަޅުގަނޑު ބައެއް ފަހަރު އެއްޗެއް ބުނީމާ ބޭފުޅުން ވިދާޅުވެދާނެ އެ އަޅުގަނޑު ހަމަ ދެއްކި ވާހަކައެކޭ. އެހެންނަމަވެސް މީހަކު ޖާނުން ފިދާވުމުގެ ކުރީގައި އޭނާގެ ގައިގައި ބަނދެފައި އޮންނަ ބޮން ހަދާ ޓެކްނޮލޮޖީ ދެނެގަނެ އެޓެކްނޮލޮޖީ ލިބިހުރީ ކާކަށްތޯ އަޅުގަނޑުމެންނަށް އެނގިގެން އެޓެކްނޮލޮޖީ ލިބި ހުރި އެންމެން ވެސް ކޮންމެސް ގޮތަކުން އަޅުގަނޑުމެން އެބަ ބަލަހައްޓަން ޖެހޭ.ރައީސް މުހައްމަދު ނަޝީދު
ބްރިޖް ހެދުމާއި ބޯހިޔާވަހިކަމާއި އެއް ދަންފަޅީގެ ސްކޫލްތަކަކީ ވެސް މުހިންމު ބޭނުންތެރި ކަންތައްތައްކަމަށް ނަޝީދު ވިދާޅުވިއެވެ. މަތީ ތައުލީމުގެ ފުރުސަތާއި ވަޒީފާގެ ފުރުސަތުތައް ވެސް މުހިންމު ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެންމެ މުހިންމީ ދިރިހުރުމުގެ ހައްގުކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން މިއީ ސަރުކާރުން ފަހަތު ފަޔަށް ބުރަވާންވީ ވަގުތު ނޫންކަމަށާއި ސަރުކާރުން ވަރަށް އަވަހަށް ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިކަންކަން ކުރެއްވުމުގައި ފަހަތު ފަޔަށް ބުރަވެވަޑައިނުގަންނަވާ ރާއްޖެ ސަލާމަތްކުރުމަށް ނިކުމެވަޑައިގަތުމަށް އިލްތިމާސްކުރައްވާފައެވެ.
ސަރުކާރުން އެއްގޮތަކަށްވެސް މިއީ ފަހަތު ފަޔަށް ބުރަވެފައި އޮންނަންވީ ވަގުތެއް ނޫން. ސަރުކާރުން ކުއްލިއަކަށް ނެރެން ޖެހޭ ކުރަންޖެހޭ ހިންގަންޖެހޭ ވަރަށް ގިނަ. މިދަންނަވާ ކަންކަން އެބަ ހިންގަން ޖެހޭ. ގިނަ އަދަދެއްގެ ބަޔަކު ހިފާ ހައްޔަރުކުރުން ކުއްލިއަކަށް މިއަދު މިއޮތީ ބޭނުންޖެހިފައި. ވަރަށް ދެރަ އަޅުގަނޑު ދުވަހަކުވެސް ހިތަކަށް ނާރާ އަޅުގަނޑަށް ވާކާލާތު ކުރަން ޖެހިފައި އޮވެދާނެ ކަމެއް ކަމަކަށް މީހުން ހިފާ ހައްޔަރުކުރަން ޖެހިއްޖޭ ބުނުން. އެހެންނަމަވެސް އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަންޖެހުނު ކަމެއް އަޅުގަނޑުމެން ކުރަންޖެހޭނެ. ރައީސްއަށް ވެސް އަޅުގަނޑު ވަރަށް ބޮޑަށް މަރުހަބާ ދަންނަވައި މިދުވަހު އަދި ރައީސް އަރިހު ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވަން ބޭނުން އަވަހަށް ފަހަތު ފަހަޔަށް ބުރެވަވަޑައިނުގަންނަވާ މިކަންކަން ކުރައްވާށޭ. ދިވެހިރާއްޖެ ސަލާމަތްކުރައްވަން މަނިކުފާނު މިހާރު ނިކުންނަވަންޖެހޭނެ.ރައީސް މުހައްމަދު ނަޝީދު
ނަޝީދު ވިދާޅުވީ އެމްޑީޕީއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އަލުން އަނބުރާ ހޯދައިދިނުންކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކަތެރިކަން ، ބިރަކާ ނުލާ ރާއްޖޭގެ ރައްޔިތުންނަށް ރާއްޖޭގައި އުޅެވޭނެ ގޮތް ހޯދައިދިނުން ވަރަށް ބޭނުންތެރި ކަމަށް ނަޝީދު ވިދާޅުވިއެވެ.