ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކަތެރިކަން، ބިރަކާ ނުލައި ރާއްޖޭގެ ރައްޔިތުންނަށް ރާއްޖޭގައި އުޅެވޭނެ ގޮތް ހޯދައިދިނުން ވަރަށް ބޭނުންތެރި ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހާ ގުޅިގެން އެމްޑީޕީގެ ކްލަބް ހައުސް ހަރުގެ ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިންތިޒާމުވެގެން ހިންގާ ސިޔާސީ ހަރަކާތް ހިންގުމުގެ ބޭނުންތެރިކަމާއި އެފަދަ ހަރަކާތްތަކުގެ ތެރެއިން ރާއްޖޭގެ ރައްޔިތުންނަށް ފައިދާ އާއި މަންފާ ހޯދައިދިނުމަކީ އެމްޑީޕީން އަބަދުވެސް ދެކޭ ގޮތުގައި ބޭނުންތެރިކަމެކެވެ. އެގޮތުގެ މަތިން އެމްޑީޕީން ފާއިތުވި ދުވަސްތަކުގައި މަސައްކަތްކޮށްފައިވާނީ ރައްޔިތުންގެ އަސާސީ ހައްގުތައް ކަމަށްވާ ސުލްހަވެރި އެއްވުންތައް، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ، އަދި އިޖުތިމާއީ ރައްކާތެރިކަމާއި އާންމު ޓެކްސްގެ ނިޒާމެއް ދައުލަތުގައި އޮތުމާއި ރައްޔިތުންނަށް ބޭސްފަރުވާގެ ޚިދުމަތް ލިބިދިނުމަށް ކަމަށެވެ.
އެގޮތުން ތައުލީމީ އުސޫލުތަކެއް ހަމަޖެހި، ފަށާ ތައުލީމުއްސުރެ މަތީ ތައުލީމާ ހަމައަށް ހިލޭ ތައުލީމު ލިބޭ ގޮތްވެފައިވާ ކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މިއަސާސްތައް އެއީ އަބަދުވެސް އެމްޑީޕީން ދެކެތިބި އަސާސްތައް ކަމަށެވެ. އަދި އެމައްޗަށް ކަންކަން ބިނާކުރަމުން އަންނަ ކަންކަން ކަމަށް ނަޝީދު ވިދާޅުވިއެވެ. ބޯހިޔާވަހިކަމާއި ބޭސް ސިޓީއަށް ސަލާންޖެހުމާއި ފޮތް ލިސްޓަށް އާދޭސްކުރުމާއި ދޮށީ އުމުރުގެ މީހުންނަށް އެހީތެރިވުމާއި ނުކުޅެދޭ މީހުންނަށް އިނާޔަތެއް އޮތުމާއި އެކަނިވެރި މައިންނަށް އިނާޔަތެއް އޮތުމާއި ޔަތީމު ކުދިންނަށް އަޅާލެވޭނެ ގޮތްވުން، ޖުމްލަ ގޮތެއްގައި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުން އެއީ ކުރަންޖެހިފައި ހުރި ކަންކަން ކަމަށް ނަޝީދު ވިދާޅުވިއެވެ. އެކަންކަން ކުރުމުގައި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމާއި ވަޒީފާގެ ފުރުސަތު ގާއިމުކޮށްދިނުން އެވެސް ކުރަންޖެހިފައި ހުރި ކަންކަން ކަމަށް ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން ޓެކްސްގެ ނިޒާމު އެމްޑީޕީގެ ވެރިކަމުގައި ތައާރަފްކުރެވި ފާއިތުވި 10 އަހަރުގެ ތެރޭގައި އާމްދަނީ ލިބޭ މިންވަރު އިތުރުކުރެވިފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ. އާމްދަނީ އިތުރުވުމުގެ ސަބަބުން ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެންދިޔަ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެކަންތައްތައް ކުރެވުމުން ރައްޔިތުން އާންމު ހާލަތުން އަރައިގަނެވޭނެ ކަމަށް އެމްޑީޕީން ދެކެފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މިކަންކަން ކުރީމާ އަޅުގަނޑުމެން ދުށީ އެމްޑީޕީ ދުށީ ހަމަގައިމު ވެސް އަޅުގަނޑު ދުށީ މިދެންނެވި މައިގަނޑު އަސާސީ ކަންކަން ހަމަޖެހުނީމާ ގައުމުތަކުގެ ރައްޔިތުން އަރައިގަނެއޭ. ސައުތުކޮރެއާ ވެސް އަރައިގަތޭ، ސިންގަޕޯރ ވެސް އަރައިގަތޭ ، އިންޑޮނޭޝިޔާ މެލޭޝިޔާ ވެސް އަރައިގަތޭ ފިލިޕީންސް، ތައިލެންޑް ވެސް އަރައިގަތޭ ދުބާއީ ގަތަރު ވެސް އަރައިގަތޭ. އަސާސީ މައިގަނޑު ވަކި ކަންތައްތަކެއް ކުރީމާ އެގައުމުތަކުގެ ރައްޔިތުންނަށް އާންމު ހާލަތު ރަނގަޅު ކުރެވެއޭ. އެމީހުންގެ ދިރިއުޅުމަށް ފަހިކަން ގެނެވެއޭ، ހާސްކަން ނެތްގޮތް ވެޔޭ. އުފަލުގައި ދިރިއުޅެވޭނެ ގޮތް ވެޔޭ. އަޅުގަނޑުމެން ބިރަކާ ނުލައޭ ދެންނެވީމާ ބައެއް ބޭފުޅުން އަޅުގަނޑުމެންނަށް ހަޖޫ ޖެހި ކަމުގައިވިޔަސް އެނގިވަޑައިގަންނަވާނެ އެމެރިކާގެ އަސާސީ ހައްގެއް އެއީ ބިރަކާ ނުލާ ދިރިއުޅެވޭނެ ގޮތްވުން. މިއަދު އަނެއްކާވެސް ދަންނަވަންޖެހެނީ ހަމަ މިވާހަކަ. ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކަތެރިކަން، ބިރަކާ ނުލާ މިރާއްޖޭގެ ރައްޔިތުންނަށް ރާއްޖޭގައި އުޅެވޭނެ ގޮތް ހޯދައިދިނުން ވަރަށް ބޭނުންތެރި.ރައީސް މުހައްމަދު ނަޝީދު / އެމްޑީޕީގެ ރައީސް
ރައީސް ނަޝީދު ވިދާޅުވީ މާލޭގެ މަގުމަތީގައި އެތައް ބަޔަކަށް އަނިޔާލިބޭފަދަ ބޮމެއް ގޮއްވާލުމަކީ އަލަށް ވީ ކަމެއްކަމަށެވެ. އަދި އެއްވެސް ބިރެއް ނެތި މީހުން މަރަމުންދާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެމްޑީޕީއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އަލުން އަނބުރާ ހޯދައިދިނުންކަމަށެވެ.
މާލޭ މެދުގައި ބޮމެއް ގޮއްވާލައި އަޅުގަނޑަށް ވަރަށް ބޮޑަށް އަނިޔާލިބި އަދި އެތައް ބަޔަކަށް އަނިޔާލިބުމުގެ ވަރަށް ބޮޑު ފުރުސަތު އޮވެ އިރާދަކުރައްވައިގެން ގުލްއަލާގޭގައި ދިރިއުޅުނު އެންމެ މީހަކަށް ޅަކޮއިގޭގައި ދިރިއުޅުނު އެންމެ މީހަކަށް އިރާދަކުރައްވައިގެން މިފަހަރު މިހެން މިވީ. އެހެންނަމަވެސް ރިމޯޓުން ބޮން ހެދުމުގެ ސައިންޓިފިކް މައުލޫމާތު ހުނަރުވެރިކަން ލިބުން އަދި އެބޮން ބަލަހައްޓައިގެން ހުރެ އޭނާ އަޅުގަނޑާދިމާލަށް ބަލަހައްޓައިގެން ހުރެ އޭނާގެ އަތުގައި އޮތް ރިމޯޓަށް އޮއްބާލާ އެ އަޅުގަނޑާ އެކީގައި އެތައް އެތައް ބަޔަކަށް އަނިޔާ ދިނުމަށް އެހިންގި އަމަލު އެއީ އައު ކަމެއް. ކުރީގއި ހިނގާ ކަމެއް ނޫން. އަޅުގަނޑުމެން އައު ކަމެއްގެ ގޮތުގައި ދުށީ ސިލްވިޔާ މަރާލި ދުވަހު. އެއީ ވަރަށް ނުރައްކާ ކަމަކަށްވީ. އަދި މީހުން މެރުން އެހެން ނަމަވެސް މިއަދު އާންމުވެއްޖެ މާލޭ މަގުމައްޗަށް ރަށްރަށުގެ މަގުމައްޗަށް މީހުން މަރާ އެތައް އެތައް ބަޔެއް މިދަނީ ޒަހަމް ވެސް ކުރަމުން. ސަލާމަތާއި ރައްކާތެރިކަން ވަރަށް ބޮޑަށް ގެއްލިއްޖެ. ބިރަކާ ނުލާ ދިރިއުޅެވޭނެ ގޮތް ނެތެން ފަށައިފިރައީސް މުހައްމަދު ނަޝީދު / އެމްޑީޕީގެ ރައީސް
ނަޝީދު ވިދާޅުވީ މީހަކު ޖާނުން ފިދާވުމުގެ ކުރީގައި އޭނާގެ ގައިގައި ބަނދެފައި އޮންނަ ބޮން ހަދައި، ޓެކްނޮލޮޖީ ދެނެގަނެ، އެ ޓެކްނޮލޮޖީ ލިބިހުރީ ކާކަށްތޯ އެނގިގެން އެ ޓެކްނޮލޮޖީ ލިބިހުރި އެންމެން ވެސް ކޮންމެސް ގޮތަކުން ބަލަންޖެހޭ ކަމަށެވެ. ދިމާވެފައިވާ ކަންތައް ބޮޑުކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ މިކަމަށްވެސް ހައްލެއް ގެންނަންޖެހޭ ކަމަށާއި ބްރިޖް ހެދުމާއި ބޯހިޔާވަހިކަމާއި އެއް ދަންފަޅީގެ ސްކޫލްތަކަކީ ވެސް މުހިންމު ބޭނުންތެރި ކަންތައްތައްކަމަށެވެ. މަތީ ތައުލީމުގެ ފުރުސަތާއި ވަޒީފާގެ ފުރުސަތުތައް ވެސް މުހިންމު ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެންމެ މުހިންމީ ދިރިހުރުމުގެ ހައްގުކަމަށް ނަޝީދު ވިދާޅުވިއެވެ.
ސަލާމަތްތެރިކަން އެއީ އެންމެ ބޮޑު ހައްގު. އަޅުގަނޑު ދެން އަބަދުވެސް އެންމެ ބޮޑަށް ވަކާލާތު ކުރަން ޖެހިފައި މިއޮތީ އެހައްގު އެކަން ފުރިހަމަ ކުރުން. ސަރުކާރުން އެއްގޮތަކަށްވެސް މިއީ ފަހަތު ފަޔަށް ބުރަވެފައި އޮންނަންވީ ވަގުތެއް ނޫން. ސަރުކާރުން ކުއްލިއަކަށް ނެރެން ޖެހޭ ކުރަންޖެހޭ ހިންގަންޖެހޭ ވަރަށް ގިނަ. މިދަންނަވާ ކަންކަން އެބަ ހިންގަން ޖެހޭ. ގިނަ އަދަދެއްގެ ބަޔަކު ހިފާ ހައްޔަރުކުރުން ކުއްލިއަކަށް މިއަދު މިއޮތީ ބޭނުންޖެހިފައި. ވަރަށް ދެރަ އަޅުގަނޑު ދުވަހަކުވެސް ހިތަކަށް ނާރާ އަޅުގަނޑަށް ވާކާލާތު ކުރަން ޖެހިފައި އޮވެދާނެ ކަމެއް ކަމަކަށް މީހުން ހިފާ ހައްޔަރުކުރަން ޖެހިއްޖޭ ބުނުން. އެހެންނަމަވެސް އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަންޖެހުނު ކަމެއް އަޅުގަނޑުމެން ކުރަންޖެހޭނެ. ރައީސްއަށް ވެސް އަޅުގަނޑު ވަރަށް ބޮޑަށް މަރުހަބާ ދަންނަވައި މިދުވަހު އަދި ރައީސް އަރިހު ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވަން ބޭނުން އަވަހަށް ފަހަތު ފަހަޔަށް ބުރެވަވަޑައިނުގަންނަވާ މިކަންކަން ކުރައްވާށޭ. ދިވެހިރާއްޖެ ސަލާމަތްކުރައްވަން މަނިކުފާނު މިހާރު ނިކުންނަވަންޖެހޭނެ.ރައީސް މުހައްމަދު ނަޝީދު / އެމްޑީޕީގެ ރައީސް
ރައީސް ނަޝީދު ވިދާޅުވީ ޓެރަރިޒަމްގެ އަމަލުތަކުގައާއި އޭގެ ފިކުރުގައި އުޅޭކަމަށް ފެންނަ އެތައް ބަޔަކަށް ވަރަށް ފަސޭހައިން މަޢާފްލިބިގެންދާ މަންޒަރު ފެންނަކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނާއި އެހެނިހެން ގާނޫނުތައް ހެދިފައި އެބަހުރިކަމަށާއި ނަމަވެސް ޓެރަރިޒަމްގެ ތުހުމަތުކުރެވޭ މީހުން ފަސޭހައިން ދޫވެގެންދާއިރު މިއީ ފަނޑިޔާރުން ވެސް ވިސްނަވަންޖެހޭ ކަމެއްކަމަށް ނަޝީދު ވިދާޅުވިއެވެ. ގައުމަށް ދިމާވެގެން އުޅެނީ ކުޑަކަމެއް ނޫންކަމަށާއި ކުދި ކުށްތައް ކޮށްފައި ތިބޭ މީހުންނަށް ޖަލުގައި އެތައް ދުވަހެއް ހޭދަކުރަންޖެހޭއިރު މިފަދަ ބޮޑެތި ކުށްތައް ކުރާ މީހުންނަށް އެއްވެސް އަދަބެއް ނުދެވި ދޫވެގެންދާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.