ފިއްލަވައިގެން އިނގިރޭސި ވިލާތަށް ވަޑައިގެންފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު އެގައުމުގައި ހުންނަވަނީ ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައިވާ ޑެޕިއުޓީ ހައިކޮމިޝަނަރ ނައުޝާދު ވަޙީދުގެ ގޭގައި ކަމަށް ދައްކާ ވާހަކަތައް، ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަޙަނާޒް ފައިޞަލް ދޮގު ކުރައްވައިފިއެވެ.
މިކަމާއި ގުޅިގެން ފަރަޙަނާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ދިޔަރެސް" ނޫހުގައި ފަތުރާފައިވަނީ %100 ދޮގު ޚަބަރެއް ކަމަށާއި، އެފަދަ މީހުންނަކީ ނޫސްވެރިންކަމަށް ބުނަން ވެސް ލަދުގަންނަން ޖެހޭ ކަމަށެވެ. އަދި މިއީ ނައުޝާދާއި ހައިކޮމިޝަންގެ އަގު ވައްޓާލުމަށް ކުރަމުންދާ ކަމެއް ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރ ކަމުގެ މަގާމުގައި ހުންނެވިއިރު، އެ ވުޒާރާގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ޢަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ކުރިއަށްދާއިރު، އޭނާ ހުންނެވީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައެވެ. އެ މައްސަލަ ފެންމަތިވުމާ އެކު އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހު ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓު ދޫކުރީ ހަތަރު މަހަށެވެ. އަދި އެކަން ކުރީ އަސްޢަދު ޢަލީ (އަޑުބަރޭ) ޖާމިނުވާގޮތަށެވެ. އެހެންނަމަވެސް ހަތަރު މަސްވެ، ޝަރީއަތް ފެށުނު އިރު ވެސް އޭނާ ރާއްޖެއަށް އެނބުރި ވަޑައިގެންފައެއްނުވެއެވެ. އަދި އެކަމުގެ ޒިންމާ އަޑުބަރޭ ވެސް ނަގާފައެއް ނުވެއެވެ.
ޢަލީ ވަޙީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް މި މަހުގެ 22ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާކަން ޕީޖީ އޮފީހުން ވަނީ ރާއްޖެ އެމްވީއަށް ޔަގީންކޮށްދީފައެވެ. އަދި ޖޫން 23ވަނަ ދުވަހު ފުލުހުން އެކަން ކޯޓަށް ހުށަހެޅި ކަމަށް ވެސް ބުންނެފައި ވެއެވެ.
ޢަލީ ވަޙީދު ބޭސްފަރުވާއަށް ވަޑައިގެން ހުންނެވީ އިނގިރޭސިވިލާތުގައި ކަމަށްވާތީ، އޭނާގެ އެދުމުގެ މަތިން ކޯޓުން ޝަރީއަތް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. ޝަރީއަތުގައި އޭނާ ބައިވެރިވެވަޑައިގަންނަވަން ޖެހެނީ އެ ގައުމުގެ ހައިކޮމިޝަނުގައި ހުންނަވައިގެންނެވެ. ކޯޓުން މިގޮތަށް ނިންމާފައި ވަނީ ޢަލީ ވަޙީދުގެ ބޭސްފަރުވާ ނުނިމޭކަން ހާމަކޮށް ލިޔެކިޔުންތައް ހުށަހެޅުއްވުމުންނެވެ. އެ ލިޔެކިޔުންތައް ދައުލަތާ ހިއްސާކުރުމަށް ޕީޖީއިން އޮފީހުން ކޯޓުގައި އެދިފައިވާ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.
މި މަހުގެ 21ވަނަ ދުވަހު މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފައިވާއިރު، ދައުލަތުން ވަނީ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އިންކާރުކޮށްފައެވެ. އެގޮތުން އޭނާ ހުންނެވީ ކޮންތާކުކަން ދައުލަތަށް ޔަގީން ނުވާކަމަށާއި، އިނގިރޭސިވިލާތުގައި ހުންނެވި ނަމަވެސް އެތަނަކީ ރާއްޖޭގެ އިޚްތިޞާޞް ހިނގާ ތަނަކަށް ނުވާތީ، އެތަނުގައި ހުންނަވައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް ތަކުރާރުކޮށް ދައުލަތުން އިންކާރުކޮށްފައިވެއެވެ. އެހެންނަމަވެސް ކޯޓުން ވަނީ އެދުވަހުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައެވެ.
މި އަޑުއެހުމަކީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގައި ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި ފުރަތަމަ އަޑުއެހުމެވެ. އެއީ ސުޕްރީމް ކޯޓުގެ ގަވާއިދާ މުޅިން ޚިލާފު ކަމަކަށްވާތީ ޕީޖީ އޮފީހުން ވަނީ އެ ޝަރީއަތް އޮންލައިންކޮށް ގެންދަން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރަން ނިންމާފައެވެ.