Advertisement
ކ. މާލެ
|
15 މެއި 2017 | ހޯމަ 04:34
މަޖިލީހުގެ ތިމަރަފުށި ދައިރާގެ މެމްބަރު މުހައްމަދު މުސްތަފާ
މަޖިލީހުގެ ތިމަރަފުށި ދައިރާގެ މެމްބަރު މުހައްމަދު މުސްތަފާ
ގޫގުލް
މެމްބަރުންނަށް ބިރުދެއްކުން
ޕީޕީއެމްގެ މަޖިލިސް މެމްބަރުންވެސް ބިރު ފަހަނައަޅާ ދިއުމަށް މަސައްކަތް އެބަކުރައްވާ: މުސްތަފާ
ޕީޕީއެމް ޕީޖީ ބައްދަލުވުންތައް ކުރިއަށް ވުރެ ތަފާތު، ބިރު ފަހަނައަޅާ ދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް މުސްތަފާ ވިދާޅުވި
މުސްތަފާ ވިދާޅުވީ 2018 ރިޔާސީ އިންތިހާބުގައި އެއްވެސް ގޮންޖެހުމެއް ނެތްކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށް
މުސްތަފާ ވިދާޅުވީ މިހާރު ހައްޔަރު ކޮށްފައިވާ އެއްވެސް ސިޔާސީ ލީޑަރެއް ދޫނުކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ޔާމީން ފެކްޝަނަށް ނިސްބަތްވާ މެމްބަރުންވެސް ބިރު ފަހަނަ އަޅާ ދިއުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

 

އާދިއްތަ ދުވަހުގެ ރޭ ރާއްޖެޓީވީގެ "60 މިނެޓް" ގައި ވާހަކަ ދައްކަވަމުން މުސްތަފާ ވިދާޅުވީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕާއެކު ރައީސް އަބްދުﷲ ޔާމީން އާދިއްތަ ދުވަހު މުލިއާގޭގައި ބައްދަލު ކުރެއްވި ކަމަށާއި ނަމަވެސް އެފަދަ އެހެން ބައްދަލުވުންތަކާއި މި ބައްދަލުވުން ތަފާތު ކަމަށެވެ. ކުރިން ބައްދަލުވުންތަކުގައި މަޖިލިސް މެމްބަރުން ތިއްބަވަނީ ބިރުން، "ޔެސް ސަރ" ވިދާޅުވެ، ވިދާޅުވެ ކަމަށެވެ. ނަމަވެސް އާދިއްތަ ދުވަހުގެ އެ ބައްދަލުވުމުގައި މެމްބަރުން ބިރު ފަހަނަ އަޅައިދާން މަސައްކަތްކުރަމުންދާ މަންޒަރު ފެނިގެންދިޔަ ކަމަށް މުސްތަފާ ވިދާޅުވި އެވެ.

 

"މިއަދުގެ ބައްދަލުވުން ދިޔައީ ތަފާތުކޮށް. މީގެ ކުރީގެ ބައްދަލުވުންތަކުގައި ރައީސް ޔާމީން އެއްޗެކޭ ވިދާޅުވެއްޖެއްޔާ ހުރިހާ ބޭފުޅުންވެސް ތިއްބަވަނީ ޔެސް ސަރ ކިޔަން. މިއަދު އެ ކަމެއް ނުފެނޭ. އަޅުގަނޑަށް މައުލޫމާތު ލިބުނު ގޮތުގައި މި ބައްދަލުވުން ނިމުނީމަ، ބައެއް މެމްބަރުން ވިދާޅުވި ކަމަށްވޭ، ތިމަންނަ އެކަނި ނިކުތަސް ތިމަންނަ ނިކުންނާނީ ހަތަރު ފަސް މެމްބަރުން ގޮވައިގެންނޭ. މިހެން ތާއަބަދަށް ބަނދެވިގެން ނުހުރެވޭނެ ކަމަށް ބައެއް މެމްބަރުން ވިދާޅުވި." މުސްތަފާ ވިދާޅުވި އެވެ.

 

މުސްތަފާ ވިދާޅުވީ، މަޖިލިސް މެމްބަރުންނަށާއި ފަނޑިޔާރުންނަށް ބިރު ދައްކައިގެން ތާއަބަދު ރައީސް ޔާމީނަށް ނޫޅުއްވޭނެކަން އެނގިވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

 

ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅެން މިހާރު އޮތްގޮތް ބަދަލުކުރަށް ސަރުކާރުން މަސައްކަތް ފެށީވެސް މަޖިލިސް މެމްބަރުންނަށް އިތުބާރު ނުކުރައްވާތީ ކަމަށް މުސްތަފާ ވިދާޅުވި އެވެ. އެގޮތުން ސިޔާސީ ބޭނުމެއްގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓަކުން ވަޒީރަކު މަގާމުން ވަކި ނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ސަރުކާރުން ވަނީ ސުޕްރީމް ކޯޓުގައި އެދިފަ އެވެ.

 

މީގެއިތުރުން މުސްތަފާ ވިދާޅުވީ، 2018 ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންނަށް އެއްވެސް ގޮންޖެހުމެއް ނެތްކަމަށް އެމަނިކުފާނު ވިދާޅުވާ ކަމަށެވެ. އަދި މިހާރު ހައްޔަރު ކޮށްފައިވާ ސިޔާސީ އެއްވެސް ލީޑަރެއް ދޫކޮށް ނުލައްވާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިކަމަށް މުސްތަފާ ވިދާޅުވި އެވެ.

 

މުސްތަފާ ވިދާޅުވީ މިސަރުކާރަކީ އެއްވެސް ލަދެއް ހަޔާތެއްވެސް ނެތް ސަރުކާރެއް ކަމަށެވެ. ނަމަވެސް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ރައްޔިތުންގެ މަޖިލީހުގައި ފަށާފައިވާ މަސައްކަތް ކުރިއައްގެންގޮސް، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރުނެތް ކަމަށް ފާސްކޮށް، މަސީހު މަގާމުން ވަކިކުރާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް