Advertisement
ކ. މާލެ
|
15 މެއި 2017 | ހޯމަ 04:22
ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙުމަދު ރިލްވާންގެ މަންމަ އައިމިނަތު އީސަ، ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި
ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙުމަދު ރިލްވާންގެ މަންމަ އައިމިނަތު އީސަ، ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި
ރާއްޖެއެމްވީ
ރިލްވާން ވަގަށް ނެގުން
ބައްދަލު ނުވީ ރައީސްގެ ދެކަނބަލުންނާ އެކަނި: ރިލްވާންގެ މަންމަ
ފުރަތަމަ ފަހަރު ބުނީ ޙައްޖަށް ވަޑައިގަންނަވަނީ ކަމަށް، ދެވަނަ ފަހަރު ސިންގަޕޫރަށް
އަދީބު ބައްދަލުކުރައްވާ ރިލްވާން ހޯދަން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި
ރިލްވާން ގެއްލުވާލުމުގައި ސަރުކާރުގެ އަތެއް ވާކަމަށް ތުޙުމަތުކުރެވޭ

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙުމަދު ރިލްވާންގެ މައްސަލައިގައި، އާއިލާއިން ބައްދަލުކުރަން އެދުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބައްދަލު ނުވެ ވަނީ ހަމައެކަނި ރައީސްގެ ދެކަނބަލުންނާއިކަން ރިލްވާންގެ މަންމަ އައިމިނަތު އީސާ ހާމަކޮށްފިއެވެ.

 

މައިންގެ ދުވަހާއި ގުޅުވައިގެން، ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން، ރިލްވާންގެ މަންމަ ބުނީ، ރިލްވާން ގެއްލުވާލި މައްސަލައިގައި އާއިލާގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ދެމަފިރިކަނބަލުންނާއި ބައްދަލުކުރުމަށް އެކި ފަހަރުމަތިން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ފަހަރަކު އެ ފުރުޞަތު ނުލިބުނު ކަމަށާއި، ރިލްވާންގެ އާއިލާއާއި ބައްދަލުކުރެއްވުމަށް އެ ދެމަފިރިކަނބަލުންނަށް ވަގުތު ނުވި ކަމަށެވެ.

 

ކޮންމެ މީހަކާ ބައްދަލުކުރުމަށްވެސް އެކުދިން އެޕޮއިންޓްމަންޓް ހަދައިގެން ހަމަ، އެތަނުން އެންގެވީމަ ދަނީ. އެގޮތުން ހަމަ ރައީސުލްޖުމްހޫރިއްޔާއަށްވެސް، ދެކަނބަލުންނަށްވެސް އެދުނިން. އެއްފަހަރު ވިދާޅުވީ ޙައްޖަށް ފުރާށޭ، އަނެއްފަހަރު ވިދާޅުވީ މިއުޅޭނީ ސިންގަޕޫރަށް ފުރާށޭ. ބައްދަލެއް ނުވޭ. ވަގުތެއް ނެތޯ. ދެން އަޅުގަނޑުމެންނާ ބައްދަލުކުރައްވަން ވަގުތު ނެތީމާ ކީއްތޯ ކުރާނީ

 

ރިލްވާންގެ މަންމަ ބުނީ، ރައީސްގެ ދެމަފިރިކަނބަލުން މެނުވީ ސަރުކާރުގެ އެކި ފަންތީގެ ފަރާތްތައް އެ އާއިލާއާއި ބައްދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން ކުރީގެ ނައިބުރައީސް އަޙުމަދު އަދީބުވެސް އެ އާއިލާއާއި ބައްދަލުކުރައްވާ، ރިލްވާން ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަޤީންކަން ދެއްވާފައިވާ ކަމަށެވެ. އޭގެއިތުރުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުވެސް އާއިލާއާ ބައްދަލުކޮށް، ހިތްވަރުދެއްވިކަމަށް ރިލްވާންގެ މަންމަ ބުންޏެވެ. 

 

އަދީބުވެސް ބައްދަލުކުރި އަޅުގަނޑުމެންނާ، އޭނާ އެންމެ ފުރަތަމަ ޖަޕާނުން އައި ދުވަހު، އެދުވަހު އަޅުގަނޑުމެންނާ ބައްދަލުކުރި. އޭނަ ކައިރީ ހަމަ ރޮއެހެދިން ގޮއްސަ. ބުނީ ބަލާނަމޭ، ސަފާރީތައްވެސް ބަލާނަމޭ، ހުރިޙާ ތަނެއް ބަލާނަމޭ، ބެލުނު ވަރަކަށް ހުރިހާތަނެއްވެސް ބަލާނަމޭ. އަދިވެސް އެންމެވެސް ހޯދަނީ.

 

ރިލްވާންގެ މަންމަ ބުނީ ރިލްވާން މަރުވެފައިވެދާނެ ކަމަށް ޤަބޫލުކުރަން ބޭނުން ނުވާ ކަމަށާއި، އޭނާ ދުނިޔޭގައި ހުރިކަމުގެ އުއްމީދު އެބަ އޮތް ކަމަށެވެ. މިމޭރުމުން ވާހަކަ ދައްކަމުން، ރިލްވާންގެ މަންމަ ބުނީ، ރިލްވާން ގެއްލުވާލާފައިވަނީ ސިޔާސީ ބަޔަކު ސިޔާސީ ބޭނުމެއްގައި ކަމަށް ޤަބޫލުކުރެވޭ ކަމަށާއި، މިކަމުގެ ތަފްޞީލު ފޮރުވަން އުޅޭ މިންވަރުން، ސަރުކާރުގެ އަތެއް އެ ޖަރީމާގައި ވާކަމަށްވެސް ތުޙުމަތު ކުރެވޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް