ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހްގީގަށް ހުރަސްއެޅުމަށް މަސައްކަތް ކުރުމުގެ ތުޙުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
އާދީއްތަ ދުވަހުގެރޭ ފުލުހުން ކުރި ޓްވީޓްތަކެއްގައި ބުނެފައިވަނީ، މި ތުޙުމަތުގައި ހައްޔަރުކޮށްފައިވަނީ، ޤާނޫނީ ވަކީލު އަލީ ޝާޙު (ބީޗް ހައުސް، ގއ. ވިލިނގިލި) ކަމަށެވެ.
Yaamyn Rasheed, Chan'beyleege, S. Feydhoo, ge maruge massalaigai fuluhun kuramundha thahgeegah huraselhumah masahkaikurumuge 1/2
— Maldives Police (@PoliceMv) May 14, 2017
thuhumathugai Qaanoony Vakeelu Ali Shah, Beach House, GA. Villigili, vany hayyaru kurevifai.2/2
— Maldives Police (@PoliceMv) May 14, 2017
ރާއްޖެއެމްވީއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ހައްޔަރުކޮށްފައިވާ އަލީ ޝާޙުއަކީ ޔާމީންގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ޤާނޫނީ ވަކީލެވެ. ޝާޙުއަކީ ޖިނާއީ، ބޮޑެތި ގިނަ މައްސަލަތަކުގައި ޤާނޫނީ ވަކީލުކަން ކޮށްފައިވާ މަޝްޙޫރު ވަކީލެކެވެ.
ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި، ޔާމީންގެ މަރުގެ މައްސަލައިގައި މީގެ ކުރިން ހަ މީހަކު ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް، އެ ހަ މީހުންގެ ނަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ފުރަތަމަ ހައްޔަރުކޮށްފައި ވަނީ ގދ. ގައްދޫއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ މުހައްމަދު ދިފްރާނެވެ. އޭނާ ހައްޔަރުކުރުމަށް ފަހު، މާލޭގައި އޭނާ ދިރިއުޅެމުންދިޔަ މ. އަފްސާނާގެ ބަލައިފާސްކުރި އެވެ.
އޭޕްރީލް 22 ވަނަ ދުވަހުގެ ރޭ ޔާމީނަށް ވަޅިން ހަމަލާދީ މަރާލީ، އޮފީހުގައި އުޅުމަށް ފަހު، މެންދަމު އޭނާ އެނބުރި ގެއަށް ގޮސް ވަން ވަގުތުގަ އެވެ. އޭނާ އަށް ހަމަލާދިނުމުގައި ބައިވެރިވި ދެ މީހުންގެ ފޮޓޯ ފުލުހުން ވަނީ އާންމުކޮށްފަ އެވެ. ނަމަވެސް އެއީ ކޮން ބައެއްކަން ފުލުހުން ހާމައެއް ނުކުރެ އެވެ.