ކ. މާލެ
|
22 ޖޫން 2021 | އަންގާރަ 17:33
13 އަހަރުގެ ކުޑަކުއްޖާ މަރުވެފައި ފޮއްޓެއްގެ ތެރޭގައި އޮއްވާ ފެނުނު ސަރަހައްދު
13 އަހަރުގެ ކުޑަކުއްޖާ މަރުވެފައި ފޮއްޓެއްގެ ތެރޭގައި އޮއްވާ ފެނުނު ސަރަހައްދު
ރާއްޖެއެމްވީ
ކުޑަކުއްޖާ މަރާލި މައްސަލަ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުއްޖަކަށް އަނިޔާ ލިބިފައިވާކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބުނު
ހުޅުމާލެ 2 ވަނަ ފޭސްގެ އާންމުން ވަނުން މަނާ ސަރަހައްދުގައި ކުއްޖަކަށް އަނިޔާ ލިބިފައިވާ ކަމުގެ މައުލޫމާތު 21 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވޭ
މައްސަލަ ޝަރީއަތަށް ފޮނުވުމަށްޓަކައި ހެއްކާއި ގަރީނާ އެއްކުރުމުގެ މަސައްކަތް ދަނީ ކުރަމުން
މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވި ހައްޔަރު ކުރެވިފައިވޭ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުއްޖަކަށް އަނިޔާ ލިބިފައިވާކަމުގެ މައުލޫމާތު އާންމު ފަރާތަކުން ހޯމަ ދުވަހު ފުލުހުންނަށް ދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ 13 އަހަރުގެ ކުޑަކުއްޖެއް މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނު މައްސަލައާއި ގުޅިގެން ފުލުހުންނާއި ޖެންޑަރ މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސީރިއަސް އެންޑް އޯގަނައިޒް ކުރައިމްގެ ހެޑް، ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ 20 ވަނަ ދުވަހު ފުލުހުންނަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި ފުލުހުން ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން 21 ވަނަ ދުވަހު ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ފުލުހުންނަށް އާންމު ފަރާތަކުން، ހުޅުމާލެ 2 ވަނަ ފޭސްގެ އާންމުން ވަނުން މަނާ ސަރަހައްދުގައި ކުއްޖަކަށް އަނިޔާ ލިބިފައިވާ ކަމުގެ މައުލޫމާތެއް ހިއްސާކޮށްފައިވާ ކަމަށެވެ.

މި މައުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން ފުލުހުން އިތުރަށް މަސައްކަތްކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހޯދަމުން ދިއުމުގެ ތެރޭގައި ދެވަނަ ފިޔަވަހީގެ އިރު އުތުރު ފަރާތުގެ ފަޅުތެރޭ އޮތް ފޮއްޓެއްގެ ތެރެއިން ދިޔަ 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ފެނިފައިވާ ކަމަށް ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ މި މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވި ހައްޔަރު ކުރެވިފައިވާ ކަމަށެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވާ 27 އަހަރުގެ ޒުވާނާއަކީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން ނަމަކަށް ކިޔާ ޒުވާނެކެވެ.

ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މި މައްސަލައިގައި އިތުރަށް ހޯދަންޖެހޭ މައުލޫމާތު ހޯދާ މައްސަލަ ޝަރީއަތަށް ފޮނުވުމަށްޓަކައި ހެެއްކާއި ގަރީނާ އެއްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން މި މައްސަލައާއި ގުޅިގެން އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތަކުން ފުލުހުންނާއި ގުޅާ މައުލޫމާތު ހިއްސާ ކޮށްދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

13 އަހަރުގެ ކުއްޖާ ރަހީނުކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. މިހާތަނަށް އެކި ގޮތްގޮތުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، 13 އަހަރުގެ ކުއްޖާ މަރާލުމަށްފަހު އެ މައްސަލައިގައި ޝާމިލްވާ 2 މީހުން ތިބީ ގެސްޓްހައުސްއެއްގައި ފިލައިގެންނެވެ. އާދީއްތަ ދުވަހުން ފެށިގެން އެމީހުން ގެސްޓް ހައުސްގައި ފިލައިގެން ތިބި އިރު، އެމީހުން ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭ ދަންވަރު 2:38 ހާއިރުއެވެ.

- ކޮމެންޓް