މިނިސްޓްރީ އޮފް އެންވަޔަރަންމެންޓާއި ވޯލްޑް ބޭންކާ ގުޅިގެން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނާރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އާބާދީ ބޮޑު ހަ ސަރަހައްދެއްގައި 11 މެގަވޮޓްގެ ސޯލަރ ޕީވީ ނިޒާމް ޤާއިމުކުރުމަށް ހުޅުވާލި ފުރުސަތުގައި އެ މަސައްކަތްކުރުމަށް ޕްރިކޮލިފިކޭޝަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް ބިލަން ހުށަހެޅުމަށް ދައުވަތު ދީފިއެވެ.
މި މަޝްރޫޢުގެ ދަށުން 11 މެގަވޮޓް ސޯލަރ ޕީވީ ޤާއިމުކުރާ ރަށްތަކަކީ
- އައްޑޫ ސިޓީ
- ފުވައްމުލައް ސިޓީ
- ކުޅުދުއްފުށީ ސިޓީ
- ގދ. ތިނަދޫ
- ބ. އޭދަފުށި
- ޅ. ހިންނަވަރު
މި ސަރަހައްދުތަކުގެ ސޯލާ ހަކަތައިގެ ނިޒާމު ޤާއިމުކުރުމަށް ބީލަން ހުށަހަޅަންޖެހޭ ސުންގަޑިއަކީ 14 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހެވެ. މި މަޝްރޫޢުގެ މަސައްކަތައް ހުޅުވާލުމުން 61 ކުންފުންޏަކުން ވަނީ މި މަސައްކަތްކުރުމަށް ޝައުޤުވެރިކަން ފާޅުކޮށް ޕްރިކޮލިފިކޭޝަން ހުށަހެޅުމަށްޓަކައި ރަޖިސްޓަރވެފައެވެ. އަދި އޭގެތެރެއިން 34 ކުންފުންޏަކުން ވަނީ މި ނިޒާމްތައް ގާއިމުކުރުމަށް ޕްރިކޮލިފިކޭޝަން ހުށަހަޅާފައެވެ. މިފަދަ މަޝްރޫޢުތަކުގައި އަމަލުކުރާ އުސޫލުތަކަކީ މަޝްރޫއަށް އިއުލާންކޮށް ޕްރިކޮލިފިކޭޝަން ހުށަހަޅާ ފަރާތްތައް އިވެލުއޭޓްކޮށް މި ކުންފުނިތަކަކީ މިފަދަ މަސައްކަތްކުރުމަށް ފަންނީ އަދި މާލީ ގާބިލުކަން ހުރި ކުންފުނިތަކެއްތޯ ވަޒަންކުރުމަށްފަހު، ބީލަން ހުށަހެޅުމުގެ ދައުވަތު ދެވެނީ ހަމައެކަނި ޝަރުތު ހަމަވާ ކުންފުނިތަކަށެވެ. އެގޮތުން މި މަޝްރޫޢުގެ މަސައްކަތަށް ކުރިމަތިލި ކުންފުނިތަކުގެ ތެރެއިން ޝަރުތުހަމަވެ ބީލަން ހުށަހެޅުމުގެ ދައުވަތު މިހާރު ދެވިފައިވަނީ 12 ކުންފުންނަކަށެވެ.
އެސްޕަޔަރ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 6 ސަރަހައްދެއްގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ސޯލަރ ހަކަތައިގެ ނިޒާމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.
އެސްޕަޔަރ ޕްރޮޖެކްޓްގެ އިތުރުން ވޯލްޑް ބޭންކްގެ އެހީގައި ހިންގާ އެރައިސް ޕްރޮޖެކްޓުން ވެސް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ސޯލަރ ޕީވީގެ ނިޒާމުތައް ގާއިމުކުރުމަށް ވަނީ އިއުލާންކުރެވިފައެވެ. އެގޮތުން (އެރައިސް) ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި 11 – 14 މެގަވޮޓް ސޯލަރ ހަކަތައިގެ ނިޒާމެއް ގާއިމުކުރުމަށް ޖޫން މަހުގެ 17 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ.
އެރައިސް ޕްރޮޖެކްޓްގެ ދަށުން ސޯލަރ ޕީވީގެ ނިޒާމުތައް ގާއިމުކުރާ ރަށްތަކަކީ
- ގއ. ވިލިނގިލި
- ދ. ކުޑަހުވަދޫ
- ށ. ފުނަދޫ
- ޅ. ނައިފަރު
- ލ. ފޮނަދޫ
- ލ. ގަން
- ލ. ހިތަދޫ
- ލ. މާމެންދޫ
- ލ. ކުނަހަންދޫ
- ލ. މާބައިދޫ
- ލ. ދަނބިދޫ
- ލ. މާވަށް
- ލ. އިސްދޫ
- ލ. ކަލައިދޫ
އެސްޕަޔަރ އަދި އެރައިސް މަޝްރޫޢުގެ ދަށުން އަލަށް ސޯލަރ ޕީވީގެ ނިޒާމް ގާއިމުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުގައި 40 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. މި ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމުގެ ސަބަބުން ސޯލާ ހަކަތައިން އުފައްދާ ކަރަންޓުން އެވަގުތެއްގައި ބޭނުންކޮށް އިތުރުވާ ކަރަންޓު މި ނިޒާމުގައި ރައްކާކުރެވިގެންދާނެއެވެ. އަދި ވިއުގައަށް ފޯރުކުރާ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ޖުމުލަ 30 އިންސައްތައަށް ވުރެ މައްޗަށްދާ ހާލަތްތަކުގައި ގްރިޑް ސްޓެބިލިޓީ މައްސަލަތައް ކޮންޓްރޯލްކޮށް، އާންމުކޮށް ކަރަންޓް ކެނޑުމަށް ދިމާވާ ގިނަ ހާލަތްތަކަށް ހައްލެއް ލިބިގެންދާނެއެވެ.
މިނިސްޓްރީން ހިންގާ އެސްޕަޔަރ އަދި އެރައިސް މަޝްރޫޢަކީ، ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރާއި މިކަމަށްކުރާ ޚަރަދު ކުޑަކޮށް ދިވެހިރާއްޖޭގައި އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޕްރައިވެޓް އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ވާރލްޑް ބޭންކްގެ އެހީގައި އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގާ މަޝްރޫޢެކެވެ. މިގޮތުން ޕްރައިވެޓް އިންވެސްޓްމަންޓްތައް ގެނައުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައި، އިންވެސްޓްކުރުމަށް ފަސޭހަ މާހައުލެއް ގާއިމުކުރުމަށް މަސައްކަތް ކުރުމާއެކު މިކަމަށް ފުރުޞަތުތައް ހުޅުވައިދިނުމާއި އަދި މިކަމާ ގުޅޭ ތަމްރީން ދިނުން މި މަޝްރޫޢުގައި ހިމެނެއެވެ.