ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖުޑިޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް އަލީ ހަމީދުގެ ހިޔާނާތުގެ މައްސަލަ ކްރިމިނަލް ކޯޓުގައި "އުމަގު" ވެފައި އޮންނަތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ފަނޑިޔާރުންގެ މޯބައިލް ފޯން ބިލްތައް ދައްކަމުން ދިޔަ ދުވަސްވަރު އަލީ ހަމީދު ގެންގުޅުއްވި ފޯނުން ތަފާތު އެކި ފަހަރުމަތިން އެހެން ފޯނުތަކަށް 2،223 ރުފިޔާ ޓްރާންސްފާ ކުރައްވާފައިވާ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
މި މައްސަލައިގައި އަލީ ހަމީދުގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ކޮރަޕްޝަން މަނާކުރާ ގާނޫނުގެ 12 ވަނަ މާއްދާއާ ހަވާލާދީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ބަޔަކަށް ނާޖައިޒު ފައިދާ ހޯދައިދީފައިވާތީ އާއި އެމަނިކުފާނު އެކަން ކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ނިންމާފައިވާ ގޮތާ ވެސް ހިލާފަށް ކަމަށްވާތީ އެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ކޮރަޕްޝަންގެ ދައުވާ ކުރަން މައްސަލަ ޕީޖީއަށް ފޮނުވާފައި ވަނީ 2013 ވަނަ އަހަރުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންނެވެ. އެ މައްސަލަ ފެންމަތިވެފައި ވަނީ އޮޑިޓާ ޖެނެރަލް އެކުލަވާލެއްވި ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓްގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގަ އެވެ. އެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެ މައްސަލަ ފާހަގަ ވުމުން ފޯނުތަކަށް ޓްރާންސްފާ ކުރެއްވި ފައިސާ އަލީ ހަމީދު ވަނީ ދައުލަތަށް ދައްކަވައިފަ އެވެ.
އަލީ ހަމީދުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން، ކްރިމިނަލް ކޯޓަށް ފޮނުވި މައްސަލައިގެ ލިޔެކިއުންތަކުގެ މައްޗަށް ކޮފީތައްޓެއް ބަންޑުވެ، އެ ލިޔެކިއުންތައް ހަލާކުވެފައިވާ ކަމަށް 2014 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.
ލިޔެކިޔުންތަކުގެ މައްޗަށް ކޮފީ އެޅި ލިޔެކިޔުންތައް ހަލާކުވެއްޖެ ކަމަށް ބުނެ ކްރިމިނަލް ކޯޓުން ވަނީ މައްސަލައިގެ ލިޔެކިޔުންތައް އަލުން ހޯދުމަށް އޭސީސީއާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފަ އެވެ. ކޯޓުން އެގޮތަށް އެެދުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ކޮފީ އެޅި ހަލާކުވި ކަމަށް ބުނާ ލިޔެކިޔުންތައް ދެއްކުމަށް އެދިފަ އެވެ.
ފަނޑިޔާރު އަލީ ހަމީދުގެ އެ މައްސަލަ ކޯޓުގައި އޮންނަތާ ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެ މައްސަލަ ކުރިއަށް ނުދާ ސަބަބެއް ކޯޓުން ހާމައެއް ނުކުރެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ކޯޓުގެ ބަހެއް ހޯދަން ރާއްޖެއެމްވީ އިން ތަކުރާރުކޮށް ކުރި މަސައްކަތް ވެސް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.
އޮޑިޓާ ޖެނެރަލް ނެރުއްވި ރިޕޯޓުގައި ފަނޑިޔާރު އަލީ ހަމީދާ ގުޅޭ އިތުރު މައްސަލައެއް ވެސް ފާހަގަކޮށްފައިވެ އެވެ. އެގޮތުން އަލީ ހަމީދަށް ދައުލަތުން ދީފައިވާ ކާރަކަށް އޭނާގެ އިހުމާލުން ގެއްލުންވުމުން ބަޖެޓުން ޚަރަދުކޮށްގެން ކާރު މަރާމާތު ކުރި މައްސަލައެއް ވެސް ހިމެނެ އެވެ.