ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ރަށްރަށުގައި ހަދަން ފަށާފައި ނުހެދި ހުރި ގެތަކާއި ގެ އެޅުމަށް ދޫކުރާ ލޯނުގެ ތަފްސީލު ހޯމަ ދުވަހުގެ ރޭ އާންމު ކުރަން ނިންމައިފިއެވެ.
ސަރުކާރުން ބުނެފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭ މުހިންމު ކަމެއް ހޯމަ ދުވަހުގެ ރޭ އިއުލާން ކުރާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ސިޔާސަތެއް ކަމެއް އަދި ހާމަކޮށްފައި ނުވެއެވެ. ސަރުކާރުގެ ސިޔާސަތަކީ މި 5 އަހަރު ނިމޭ އިރު ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމެވެ. ހޯމަ ދުވަހުގެރޭ އިއުލާންކުރާ ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭގޮތުން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ބުނެފައިވަނީ އިއުލާން ކުރުމަށް ނިންމާފައިވަނީ ރަށްރަށުގައި ހަދަން ފަށާފައި ނުހެދި ހުރި ގެތަކާއި ގެ އެޅުމަށް ދޫކުރާ ލޯން ސްކީމުގެ މައުލޫމާތު ކަމަށެވެ. އިތުރު ތަފްސީލެއް މިނިސްޓްރީން ވެސް ހާމައެއް ނުކުރެއެވެ.
ހޯމަ ދުވަހުގެ ރޭ 9:30 ގައި ބާއްވާ މި ރަސްމިއްޔާތު، ގަވަމަންޓް އޮފް މޯލްޑިވްސްގެ ފޭސްބުކް އަދި ޓްވީޓާ އެކައުންޓުންނާއި ޓީވީ ޗެނަލްތަކުން ލައިވްކުރާނެއެވެ.
ރަށްރަށުގައި ހަދަން ފަށާފައި ނުހެދި ހުރި ގެތަކާއި ގެ އެޅުމަށް ވަކި ލޯން ސްކީމެއް ކުރިޔަށް ގެންދިޔުމަށް ނިންމަވާފައިވާކަމަށް ހައުސިން މިނިސްޓަރ އަސްލަމް ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި ވެސް ވިދާޅުވެފައެވެ. އެގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ން 7 ލައްކަ ރުފިޔާއާ ހަމައަށް މިކަމަށް ލޯނު ދޫކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ލޯނުތަކުގެ އަގު ހުންނާނީ ބައި މިލިއަނާއި އެއް މިލިއަނާ ދެމެދުގައެވެ.
އަދި މިއަހަރު ތެރޭގައި 175 މިލިއަން ރުފިޔާގެ 6 އިންސައްތަ ލޯނު ލިބޭ ސްކީމަކާއި 7 ލައްކަ ރުފިޔާ ކެޕްކޮށްފައި 6 ޕަސެންޓުގައި ލޯނު ލިބޭ ސްކީމެއް އެޗްޑީއެފްސީން ހުޅުވާލާނެ. ސަރުކާރުގެ އަމާޒަކީ ކުރިޔަށް އޮތް 3 އަހަރު ތެރޭ އެފަންޑު 500 މިލިއަން ރުފިޔާއަށް ބޮޑުކުރުން. އެއީ އަމިއްލައަށް ގެދޮރު އެޅުމަށް ނުވަތަ އަޅަން ފަށާފައިވާ ތަނެއް ނިންމުމަށް ނަގާނެ ލޯނު. ހައުސިންގ ލޯނު 7 ލައްކަ ރުފިޔާއަށް. އާންމު ގޮތެއްގައި ރަށެއްގައި މިވަރުން ވޭ.މުހައްމަދު އަސްލަމް - މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ
ރަށްރަށަށް ޚާއްސަކޮށް ބޯހިޔާވަހިކަމުގެ މަޝްރޫޢު 1.5 ބިލިއަން ރުފިޔާ ބަޖެޓްކޮށްގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިންގ މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ ކޮންޓްރެކްޓަރުން ގެނެސްގެން ލޯނު ނަގައިގެން ފައިނޭންސް ހޯދައިގެން ރަށްރަށުގައި ގެ އެޅުމުން އެކަންކުރުމަށް ދިޔަ ޚަރަދުގެ ހަމައަގު ލިބެމުންނުދާ ކަމަށެވެ.
ސަރުކާރުން އަންނަނީ މި ދައުރު ނިމެންވާއިރަށް ބޯހިޔާވަހިކަމުގެ މަޝްރޫޢަށް ހައްލެއް ހޯދައިދިނުމަށް އެކި މަޝްރޫޢުތައް ހިންގާނެކަން ހާމަކުރައްވަމުންނެވެ. އެގޮތުން މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ބިމެއް ހިއްކާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.