ފެނަކަ ކޯޕަރޭޝަނަށް ހައްދުންމަތީ ގަމު ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ނުދެވޭނަމަ، ކައުންސިލާއި އިންޖީނުގެތަށް ހަވާލުކުރުމަށް ގަމު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް ގޮވާލައްވައިފި އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ގަމު ކައުންސިލްގެ ރައީސް ޝިޔާމް ވިދާޅުވީ ގަމު ތުނޑީ އަވަށުގެ ބައެއް ސަރަހައްދުތަކުންނާއި ގަމު އަބާދު ސަރަހައްދުގެ ބައެއް ސަރަހައްދުތަކުން ފެކަނަ ކޯޕަރޭޝަނުން ކަރަންޓް ކަނޑަމުންދާ ކަމަށެވެ. ނިމިދިޔަ ހަފްތާގެ ދުވަސްތަކުގައި ގަމުގެ އަލަށް އަބާދުވާ ސަރަހައްދުގެ ގެތަށް ފަސް ބަޔަކަށް ބަހާލުމަށް ފަހު ކަރަންޓް ކަނޑަމުން އަންނަ ކަމަށެވެ.
އެގޮތަށް ކަރަންޓް ކަނޑަން ފެނަކައަށް ޖެހެނީ ހައްދުންމަތީ ގަމުގައި ހުރި އިންޖީންތަކަށް މައްސަލަތަށް ދިމާވުމުން ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ. މިކަމާއި ރައްޔިތުން ކަންބޮޑުވުން ފާޅުކުރާކަން ފާހަގަކުރަމުން ސިޔާމް ވިދާޅުވީ ގަމުގެ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް އެ ކައުންސިލުން ތައްޔާރަށް ތިބި ކަމަށެވެ.
އަދި ފެނަކަ ކޯޕަރޭޝަނުން ގަމު ރައްޔިތުންނަން ކަރަންޓްގެ ޙިދުމަތް ނުދެވޭނަމަ ، ގަމު ކައުންސިލުން އެރަށުގެ ތިން އަވަށުގެ އިންޖީނުތަކާއި ހަވާލުވެ ކަރަންޓްގެ ހިދުމަތް ދިނުމުގެ ގާބިލްކަން އެބަހުރި ކަމަށް ސިޔާމް ވިދާޅުވިއެވެ. ގަމު ކައުންސިލުން އިންޖީނުގެތަކާއި ހަވާލުވެއްޖެނަމަ މިހާރަށް ވުރެ ހެޔޮ އަގުގައި ކަރަންޓްގެ ހިދުމަތް ރައްޔިތުންނަން ފޯރުކޮށްދެވޭނެ ކަމަށް އެނާ ވިދާޅުވިއެވެ.