ކޮކާކޯލާ މޯލްޑިވްސްއިން ބޮނަކުއާ ބްރޭންޑަށް ޚާއްސަ، ތިމާވެއްޓާ ރައްޓެހި އެއް ލީޓަރުގެ ބިއްލޫރި ފުޅި، މީގެ ހަފްތާއެއްހާ ދުވަސް ކުރިން ތައާރަފުކޮށްފައިވާއިރު ބޮނަކުއާ އެއް ލީޓަރުގެ ބިއްލޫރި ފުޅިއަށް ތަރުހީބު ބޮޑު ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ކޮކާކޯލާ އިން ބުނީ ބިއްލޫރި ފުޅިތަކަށް ތަރުހީބު ބޮޑު ކަމަށާއި، އާންމުންގެ ފަރާތުން ވެސް މިކަމަށް ލިބޭ އެއްބާރުލުން ބޮޑު ކަމަށެވެ.
މި ބިއްލޫރި ފުޅިތައް މިހާރު ބައެއް ރިސޯޓުތަކާއި ހޮޓެލްތަކުގެ އިތުރުން ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުގައި ބޭނުންކުރަމުން ދާއިރު، ދެން އެ ފުޅި ތައާރަފުކުރުމަށް ހަމަޖެހިފައިވަނީ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.
'ކޯކް2ހޯމް' މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށްވެސް މި ފުޅިތަކަށް އޯޑަރު ކުރެވޭނެއެވެ. ބޮނަކުއާގެ ބިއްލޫރި ފުޅި ރާއްޖެއަށް ތައާރަފުކުރި ނަމަވެސް، ކޮކާކޯލާއިން ބުނީ އެކުންފުނިން ވިއްކާ ބޮނަކުއާ ޕެޓް ފުޅިވެސް ލިބެން ހުންނާނެ ކަމަށެވެ.
ޕްލާސްޓިކް ކުނި މަދުކުރުމަށް ކޮކާކޯލާއިން ޚާއްސަ ކެމްޕޭނެއް ފަށާފައިވާއިރު މި ކެމްޕޭނުގެ ދަށުން 2030 ގެ ނިޔަލަށް އެކުންފުނިން ވިއްކާ ކޮންމެ ދަޅަކާއި ޕްލާސްޓިކް ފުޅިއަކަށް ކުނީގެ ގޮތުގައި އުކާލާފައިވާ ދަޅަކާއި ޕްލާސްޓިކް ފުޅިއެއް ރީސައިކަލް ކުރުމަށް ނިންމާފައިވެއެވެ.