އދ ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖެއިން ބަލަހައްޓަމުން ގެންދާނީ ފަޚުރުވެރި ގައުމެއްގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، އދ ގެ އާންމު މަޖިލީހުގެ ރިޔާސަތަށް އެމަނިކުފާނު ހޮވިވަޑައިގަތުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ހުރިހާ މެމްބަރުންގެ ފަރާތުން މަރުހަބާ ވިދާޅުވެ މަޖިލީހުގެ އިދާރާއިން ނެރެފައިވާ ބަޔާނެއްގައެވެ.
މިބަޔާނުގައި ބުނެފައިވަނީ އދ ގެ އާންމު މަޖިލީހުގެ ރިޔާސަތު، ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ޢަބްދުﷲ ޝާހިދު ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބު ކުރެއްވުމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، އަދި ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހަށް ލިބޭ ވަރަށް ބޮޑު ފަޚުރެއްކަމަށެވެ.
މިކާމިޔާބީއާ ގުޅިގެން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވެފައިވަނީ ގައުމެއްގެ ހާލަތުގައި ދަނޑިވަޅުތަކަކާއި ހިނދުކޮޅުތަކެއް އަންނާނެކަމަށެވެ. ގައުމު އެއް ހާލަތުން އަނެއް ހާލަތަށް ބަދަލުކުރާ ކަންތައްތަކެއް އަންނާނެކަމަށެވެ.
ދިވެހިރާއްޖެ ބައިނަލްއަގްވާމީ އާއިލާއަށް ހުޅުވި، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ބަލައިގަނެ، ޑިމޮކްރަސީގެ މަގުގައި ކުރިޔަށްދާކަމީ ބައިނަލްއަޤްވާމީ އާއިލާއިންވެސް ރާއްޖެ ބަލައިގަންނަ އެންމެ ބޮޑު ސަބަބު. އދ ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖެއިން ބަލަހައްޓާނީ ފަޚުރުވެރި ގައުމެއްގެ ގޮތުގައި. ރާއްޖެ ޑިމޮކްރަސީއަށް ފުރޮޅާލުމަށް މަސައްކަތްކުރެއްވި ހުރިހާ ފަރާތްތަކަށް އަޅުގަނޑުގެ ހިފެހެއްޓުމެއްނެތް ޝުކުރުރައީސް މުޙައްމަދު ނަޝީދު/ ރައްޔިތުންގެ މަޖިލީހުގެ ރައީސް
މިބަޔާނުގައި އިތުރަށް ބުނެފައިވަނީ އދ ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރަށް ރާއްޖެ އިންތިޚާބުވުމަކީ ރާއްޖެފަދަ ޖަޒީރާ ގައުމުތަކަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވާ ހުރިހާ ގައުމުތަކަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ.
މީގެއިތުރުން ބުދަ ދުވަހު އޮންނަ ޖަލްސާއަށް ރައީސްގެ މޭޒުން ހުށަހަޅާކަމެއްގެ ގޮތުގައި، އ.ދގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަމަށް ފޮރިން މިނިސްޓަރ އިންތިޚާބުވެ ވަޑައިގަތުމުން، އެކަން ވަނީ އެޖެންޑާކޮށްފައެވެ. މިކަން ރައީސްގެ މޭޒުން ހުށަހެޅުމަށްފަހު މިކަމާމެދު ވާހަކަދެއްކެވުމުގެ ފުރުސަތު މެމްބަރުންނަށް އަރުވާނެއެވެ.