އެމެރިކާއިން ފޯރުކޮށްދޭން ނިންމާފައިވާ 80 މިލިއަން ވެކްސިން ޑޯޒްގެ ތެރެއިން ފުރަތަމަ 25 މިލިއަން ޑޯޒް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެކަމަށް ބުރާސްފަތި ދުވަހު ހާމަކޮށްފައިވާއިރު، މީގެ 75 އިންސައްތަ ޑޯޒް އެގައުމުން ފޯރުކޮށްދޭން ނިންމާފައި ވަނީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށެވެ.
ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާއިން ފޯރުކޮށްދޭން ނިންމާފައި ވަނީ 19 މިލިއަން ވެކްސިން ޑޯޒެވެ. އެގޮތުން ވެކްސިން ފޯރުކޮށްދިނުމުގައި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކާއި އެފްރިކާގެ ގައުމުތައް އަދި ކެރީބިއަން އަށް އިސްކަންދޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި 25 މިލިއަން ޑޯޒްގެ ތެރެއިން، ހަ މިލިއަން ޑޯޒް ފޯރުކޮށްދިނުމަށް ނިންމާފައި ވަނީ އެމެރިކާއާއި ގާތް ގުޅުމެއް އޮންނަ، ނުވަތަ އެގައުމުން ޚާއްސަ އިސްކަމެއްދޭ ގައުމުތަކަށެވެ. އޭގެތެރޭގައި ކެނެޑާ އަދި މެކްސިކޯ ހިމެނެއެވެ.
އެމެރިކާއިން ފޯރުކޮށްދޭން ނިންމާފައިވާ ކޮވިޑް ވެކްސިންތަކުގެ ތެރޭގައި ޖޯންސަން އެންޑް ޖޯންސަން ގެ ކޮވިޑް ވެކްސިނާއި، ފައިޒަރ، އަދި ބައޯއެންޓެކްގެ އިތުރުން މޮޑާނާގެ ވެކްސިނާއި، އެސްޓްރަޒެނެކާގެ ކޮވިޑް ވެކްސިން ހިމެނެއެވެ.
އެމެރިކާއިން ވަނީ މި މަސް ނިމެންވާއިރަށް ކޮވިޑް ވެކްސިންގެ 80 މިލިއަން ޑޯޒް ގައުމުތަކަށް ފޯރުކޮށްދިނުމަށް އަމާޒު ހިފާފައެވެ.