ފާއިތުވި 24 ގަޑިއިރު އައްޑޫ ސިޓީން އިތުރު 03 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ޖުމްލަ 302ށް އަރައިފިއެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ އަންގާރަ ދުވަހުގެ އިރުއޮއްސި 6:00ން ބުދަ ދުވަހުގެ އިރުއޮއްސި 6:00ށް ނެގުނު 198 ސާމްޕަލްގެ ތެރެއިން އިތުރު 5 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ ހުޅުދޫ އިން 04 މީހުންނާއި ހިތަދޫ އެކަކެވެ. 155 މީހަކު ބަލިން ރަނގަޅުވެފައިވާކަން ފާހަގަކޮށް އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ ސާމްޕަލް ނެގުމުގެ މަސައްކަތަށް ޚާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދާ ކަމަށާއި، މި މަސައްކަތަށް އާންމު ރައްޔިތުންގެ ފަރާތުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ. އެގޮތުން މިހާތަނަށް 4730 ސާމްޕަލެއް ނަގާފައިވާކަން އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ފޭދޫއިން 2 މީހުން، މަރަދޫ-ފޭދޫއިން 02 މީހުން، މަރަދޫއިން 11، ހިތަދޫއިން 111، ރިސޯޓުތަކުން އެކަކު، މީދޫއިން އެކަކު، ހުޅުދޫއިން 26 މީހުން އަދި ގަމުން އެކަކު ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.
މިހާތަނަށް އައްޑޫ ސިޓީން މި ބަލީގައި ދެ މީހަކު ނިޔާވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާދެމުންދަނީ 03 މީހަކަށެވެ.
އައްޑޫ ސިޓީ ދެވަނަ ފަހަރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ 1 މެއި ވީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. އޭގެފަހުން ކޮންމެ ދުވަހަކު ވެސް އެސިޓީން ޕޮޒިޓިވް ކޭސްތައް ރިޕޯޓު ކުރެވެއެވެ. އައްޑޫގައި ކޮވިޑްގެ ހާލަތު ރަނގަޅު ނޫން ކަމަށާއި، ކޮންޓްރޯލް ކުރުމަށް އާއްމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމުގެ ގޮތުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކޮންމެހެން ނުކުންނަން ޖެހިގެން މެނުވީ ނުނުކުތުމަށް އިލްތިމާސްކޮށްފައިވާއިރު، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރައްޔިތުންނަށް ލުއި ފަސޭހަވާނެ ގޮތަށް ކަންކަން އިންތިޒާމް ކުރުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.