ކ. މާލެ
|
3 ޖޫން 2021 | ބުރާސްފަތި 11:04
ޤައުމީ އެއަރލައިން މޯލްޑިވިއަން
ޤައުމީ އެއަރލައިން މޯލްޑިވިއަން
މޯލްޑިވިއަން
ބަންގްލަދޭޝްގައި ކޮވިޑް ކޮންޓްރޯލްކުރުން
ބަންގްލަދޭޝްގައި ކޮވިޑް ކޮންޓްރޯލްކުރުމަށް މޯލްޑިވިއަންގެ ފްލައިޓްތައް މެދުކަނޑާލައިފި
މިމަހުގެ 4 ވަނަ ދުވަހު ރާއްޖެއިން ބަނގްލަދޭޝްއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރު މިހާރު އޮންނާނީ މިމަހުގެ 3 ވަނަ ދުވަހު
ކޮވިޑް ފެތުރުން އިތުރުވާން ފެށުމާއެކު މިދިޔަ އޭޕްރީލްމަހުގެ ތެރޭގައި ވެސް މޯލްޑިވިއަނުން ދަތުރުތައް މެދުކަނޑާލި
ބަންގްލަދޭޝްގައި މިހާތަނަށް އައިރު 802،000 މީހުންނަށް ކޮވިޑް ޖެހިފައިވޭ

ބަންގްލަދޭޝްގައި ކޮވިޑް ކޮންޓްރޯލްކުރުމަށް އެ ޤައުމުގެ ޑާކާއަށް ދަތުރުކުރާ މޯލްޑިވިއަންގެ ފްލައިޓްތައް މެދުކަނޑާލައިފިއެވެ.

ބަންގްލަދޭޝްގައި ކޮވިޑް-19 ފެތުރުން އިތުރުވުމާއެކު އެޤައުމަށް ބައިނަލްއަޤްވާމީ ފްލައިޓްތައް އެތެރެވުމާއި ބޭރުވުން އެ ޤައުމުގެ ސަރުކާރުން ވަނީ މަނާކޮށްފައެވެ. މޯލްޑިވިއަންއިން ބުނީ ބަންގްލަދޭޝް ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ބަންގްލަދޭޝްގެ ޑާކާއަށް މޯލްޑިވިއަނުން ކުރުމަށް ހަމަޖެހިފައިވާ ހުރިހާ ދަތުރުތަކެއް މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ކެންސަލްކޮށްފައިވާކަމަށެވެ. މި މަހުގެ 4 ވަނަ ދުވަހު ރާއްޖެއިން ބަންގްލަދޭޝްއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރު މިހާރު އޮންނާނީ މިމަހުގެ 3 ވަނަ ދުވަހުކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މިއީ ބަންގްލަދޭޝްގައި ކޮވިޑް ކޮންޓްރޯލްކުރުމަށް މޯލްޑިވިއަންގެ ފްލައިޓްތައް މެދުކަނޑާލި ދެވަނަ ފަހަރެވެ. ބަނގްލަދޭޝްގައި ކޮވިޑް ފެތުރުން އިތުރުވާން ފެށުމާއެކު މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވެސް މޯލްޑިވިއަނުން ވަނީ އެޤައުމަށް ކުރަމުންދިޔަ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާފައެވެ. ކޮވިޑް-19އަށްފަހު މޯލްޑިވިއަންއިން ކުރަމުން ދިޔަ ބައިނަލްއަޤްވާމީ ދަތުރުތައް އެންމެ ފުރަތަމަ ފެށި އެއް މަންޒިލްގެ ތެރޭގައި ބަނގްލަދޭޝްގެ ޑާކާ ހިމެނެއެވެ. މޯލްޑިވިއަންއިން ޑާކާއަށް އަލުން ދަތުރުތައް ފެށީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ. އަދި ޑާކާއަށް ކުރާ ދަތުރުތައް ހަފްތާއަކު 4 ދަތުރަށް ވަނީ ފަހުން އިތުރު ވެސް ކޮށްފައެވެ.

ސަރަހައްދީ އެހެން ޤައުމުތައް ފަދައިން ބަންގްލަދޭޝްގައި ވެސް ކޮވިޑްދަނީ ވަރަށް ހަލުވިކަމާއެކު ފެތުރެމުންނެވެ. އެގޮތުން މިހާތަނަށް އައިރު 802،000 މީހުންނަށް މި ބަލި ޖެހިފައިވާއިރު، 12،000ށް ވުރެ ގިނަ މީހުން މި ބަލީގައި ވަނީ އެ ޤައުމުން މަރުވެފައެވެ.

- ކޮމެންޓް