ހަތިޔާރުއެޅި ބަޔަކު ދިން ހަމަލާއެއްގައި ޔޫގަންޑާގެ ޓްރާންސްޕޯޓު މިނިސްޓަރު އަދި ކުރީގެ އަސްކަރިއްޔާގެ ކޮމާންޑަރު ޖެނެރަލް ކަޓުމްބަ ވަމަލާ ޒަޚަމްވެވަޑައިގެން, އޭނާގެ ދަރިކަނބަލުން އަވަހާރަ ވެއްޖެއެވެ. މި ހަމަލާގައި އޭނާގެ ޑްރައިވަރު ވެސް ވަނީ މަރުވެފައެވެ.
މިހަމަލާ ދީފައި ވަނީ ވެރިރަށް ކަމްޕަލާގައި ހުންނަ އޭނާ ދިރިއުޅުއްވާ ގެކޮޅު ކައިރީގައި، ވެހިކަލެއްގައި އިންނަވަނިކޮށެވެ. މަންޒަރުދުށް ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކޮށްފައި ވާގޮތުން, ސައިކަލުތަކެއްގައި ދިޔަ ބަޔަކު ވަނީ ވެހިކަލަށް އެތައް ފަހަރަކު ބަޑިޖަހާފައެވެ.
ކަޓުމްބަ ވަމަލާއަށް ހަމަލާގައި މާ ސީރިއަސް ޒަޚަމްތަކެއް ލިބިވަޑައިގެންފައި ނުވި ނަމަވެސް އޭނާ މިހާރު ގެންދަވަނީ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންނެވެ. އަދި އެ ހޮސްޕިޓަލުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ސިފައިން އަންނަނީ ހަރަކާތްތެރި ވަމުންނެވެ.
މި ހަމަލާގެ ތަހުގީގު ޔޫގަންޑާގެ އަސްކަރިއްޔާއިން މިހާރު ވަނީ ފަށާފައެވެ. އެގޮތުން ހަމަލާއާ ގުޅުން ހުރި ފޯން ކޯލުތައް މިހާރު ތަހުގީގު ކުރަމުން ގެންދާ ކަމަށް އަސްކަރިއްޔާއިން ބުނެއެވެ.
ކަޓުމްބަ ވަމަލާ އަކީ ޔޫގަންޑާގައި ގިނަ ބަޔަކު އެންމެ އިހްތިރާމުކުރާ އެއް ސިޔާސީ ލީޑަރެވެ. އެހެން ކަމުން އޭނާއަށް އަމާޒުކޮށް ދިން ހަމަލާގެ ސަބަބުން ގިނަ ބަޔަކަށް ވަނީ ސިހުން ލިބިފައެވެ.
ހަމަލާގެ ވަގުތުކޮޅެއް ފަހުން ނަގާފައިވާ ވީޑިއޯ ފުޓޭޖް ތަކުން ފެންނަ ގޮތުގައި ކަޓުމްބަ ވަމަލާ ހުންނެވީ ލެއިން ފޯވެ ތުރުތުރު އަޅާ ހާލުކޮޅުގައެވެ. އަދި ހޮސްޕިޓަލަށް ވަޑައިގެންނެވީ ސައިކަލެއްގެ ފަހަތުގައި އިންނަވައިގެންނެވެ.
ފާއިތުވި އަހަރުތަކުގައި ޔޫގަންޑާގައި މިފަދަ އެތައް ހާދިސާއެއް ތަކުރާރު ވެފައި ވެއެވެ. އެގޮތުން 2018 ވަނަ އަހަރު ސައިކަލެއްގައި ދިޔަ ހަތިޔާރުއެޅި ބަޔަކު ވަނީ، އެގައުމުގެ ސިޔާސީ ލީޑަރެއް ކަމަށްވާ އިބްރާހިމް އަބީރިގާގެ ގަޔަށް ބަޑިޖަހާ އަވަހާރަކޮށްލާފައެވެ. ހަމައެހެންމެ 2017 ވަނަ އަހަރު، ކުރީގެ ޕޮލިސް ސްޕޯކްސް ޕާސަން އަވަހާރަކޮށްލާފައި ވަނީ ވެސް އެފަދަ ގޮތަކަށެވެ.
މީގެ އިތުރުން މެޖިސްޓްރޭޓަކާއި މުސްލިމް އިމާމުން ތަކަކަށް ވެސް ބަޑިން ހަމަލާދީ މަރާލާފައިވެއެވެ.
މިއިން އެއްވެސް ހަމަލާއެއް މިހާތަނަށް ކާމިޔާބު ކަމާއެކު ތަހުގީގުކޮށް, ދައުވާކޮށްފައެއް ނުވެއެވެ.