ހިއުމަން ރައިސްޓް ކޮމިޝަން އޮފްދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ކުރި ޒިޔާރަތުގައި ފާހަގަކުރި ކަންކަން ރަނގަޅުކުރަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މައްސަލަތަކެއް ހުރިކަމަށް ބުނެ އެކަމުގެ ޝަކުވާއާ ގުޅިގެން އެ ކޮމިޝަނުން ވަނީ މި މަހުގެ 25 ވަނަ ދުވަހު ފެސިލިޓީއަށް ޒިޔާރަތްކޮށް ކަންކަން ބަލާފައެވެ. އެކަމާ ގުޅިގެން އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19 އަށް ފަރުވާދޭ ހުޅުމާލެ މެޑިކަލް ފެސިލިޓީއާ ގުޅޭ ގިނަ ޝަކުވާތަކެއް މީޑިއާ މެދުވެރިކޮށް ކޮމިޝަނުގެ ސަމާލުކަމަށް އައުމާ ގުޅިގެން ކޮމިޝަނުގެ ޓީމެއް މެއި 25 ވަނަ ދުވަހު ވަނީ އެ ފެސިލިޓީއަށް ޒިޔާރަތް ކޮށްފައެވެ. މި ޒިޔާރަތުގައި ފާހަގަކުރެވުނު މުހިންމު ކަންތައްތައް ވަނީ ކަމާ ގުޅުން ހުރި އިދާރާތަކަށް ހުށަހަޅާފައެވެ.
އެޗްއާރުސީއެމުން ހުށަހެޅި ކަންތައްތަކާ ގުޅިގެން، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ އެޗްއާރުސީއެމްގެ ޒިޔާރާތުގައި ފާހަގަކުރި ކަންކަން ބަލައި ރަނގަޅުކުރަމުންދާ ކަމަށެވެ. މިކަމާ ގުޅިގެން އެޗްއާރުސީއެމުން ބުނެފައިވަނީ އެ ކޮމިޝަންގެ ދައުރަކީ މޮނިޓަރ ކުރުމަށްފަހު ފާހަގަވާ ކަންތައްތައް ގުޅުން ހުރި މުއައްސަސާތަކާ ހިއްސާކޮށް ހައްގު ކަށަވަރުކޮށްދިނުން ކަމަށެވެ. އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް އެޗްއާރުސީއެމުން ކުރި ޒިޔާރަތުން ފާހަގަ ކުރެވެނު ކަންތައްތައް ރަނގަޅު ކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރާ މަސައްކަތަށް ކޮމިޝަނުން މަރުހަބާ ކިޔާ ކަމަށެވެ.
25 ވަނަ ދުވަހު އެޗްއާރުސީއެމުން ކުރި ޒިޔާރަތުގައި ފާހަގަކުރެވުނު މުހިންމު ކަންތައްތަކުގެ ތެރޭގައި ހުޅުމާލެ މެޑިކަލް ފެސިލިޓީއަކީ ކޮވިޑް-19ށް ޕޮޒިޓިވްވާ މީހުން އެނދުމަތިކޮށްގެން ސިއްޙީގޮތުން ދޭންޖެހޭ ހުރިހާ ފަރުވާއެއް ދިނުމަށް ގާއިމުކޮށްފައިވާ ތަނަކަށްވާއިރު ފެސިލިޓީން ފަރުވާ ހޯދަމުންދާ ބަލިމީހުންގެ އަދަދަށާއި، ބަލިމީހުންގެ ސިއްހީ ހާލަތަށް ބަލާއިރު ބަލިމީހުންނަށް ފަރުވާ ފޯރުކޮށްދިނުމަށް ތިބި ނަރުހުންގެ އަދަދު މަދުވުމުގެ ސަބަބުން މިފަދަ ފެސިލިޓީއެއްގައި ބަލިމީހުން އެނދުމަތިކޮށްގެން ދޭންޖެހޭ ފަރުވާ އެންމެ ފުރިހަމަގޮތުގައި ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާކަން ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ.
އަދި ފެސިލިޓީގައި ބަލިމީހުންނާ އެންމެ ގާތުން މަސައްކަތްކުރަނީ ނަރުހުންކަމަށްވާއިރު ޚިދުމަތްދިނުމުގައި ހަރަކާތްތެރިވާ ނަރުހުން މަދުވުމުގެ ސަބަބުންނާއި، ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަލިމީހުން އެނދުމަތިކުރުމުގެ މަސައްކަތް މި މުވައްޒަފުން ކުރަމުންދާއިރު އެނދުމަތިކުރާ ބަލިމީހުންނަށާއި ބަލިމީހާގެ އެހީތެރިންނަށް ތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭ ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމުގައި ލަސްވަމުންދާކަން ފާހަގަކުރެވިފައިވެއެވެ.
ބަލިމީހުންގެ ޢާއިލާތަކުން ފޮނުވާ ތަކެތި ބަލައިގަންނަ ވަކި ގަޑިތަކެއް ފެސިލިޓީ ބޭރުގައި ހަރުކޮށްފައިވާކަމާއި، ޢާއިލާތަކުން ފޮނުވާ ކާބޯތަކެއްޗާއި އެފަދަ އެހެނިހެން ތަކެތި ބަހައްޓާ ތަނުގައި އަބަދުވެސް މީހަކު ހުންނައިރު މިގޮތަށް ގެނެވޭ ތަކެތި ވަގުތުން އެ ވޯޑެއްގައި އެކަމަށް ޚާއްސަކޮށްފައިވާ ކޮޓަރިއަށް ގެންދާކަމާއި، ނަމަވެސް އެތަނުން ބަލިމީހާއާ ހަމައަށް އެ ތަކެތި ގެންދަނީ އެޓެންޑެންޓެއް ނުވަތަ ނަރުހުންކަމަށްވުމުން، އެ ފަރާތްތަކުގެ މަސައްކަތް ހުންނަގޮތުން ބަލިމީހާއާ ހަމައަށް ތަކެތި ގެންގޮސްދިނުމުގައި ލަސްވާކަން ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
ފެސިލިޓީން ފަރުވާ ހޯދަމުންދާ ބަލިމީހުންނަށް ޑައެޓީޝަނެއްގެ ލަފާގެމަތިން އެ މީހެއްގެ ބައްޔާގުޅޭގޮތުން ކެއުން ފޯރުކޮށްދޭކަމާއި، ކޮންމެ ގަޑިއަކަށް ކެއުން އޯޑަރ ކުރާއިރު، އެވަގުތެއްގައި ފެސިލިޓީގައި ތިބި ބަލިމީހުންގެ ބޭނުންތަކަށް ބެލުމަށްފަހު އެ އަދަދަށް އޯޑަރ ކުރިކަމުގައިވިޔަސް، މިފަދަ ތަނަކުން ފަރުވާ ހޯދަމުންދާ ބަލިމީހުންނަށް ފޯރުކޮށްދޭ ކެއުމަކީ ބަލިމީހުންގެ ޙާލަތަށް ރިޢާޔަތްކުރާއިރު، އެންމެ އެކަށީގެންވާ ކެއުމެއް ނޫންކަން ފާހަގަކުރެވިފައިވެއެވެ. އޭގެއިތުރުން، ބަލިމީހުން މިހާރު ތަހައްމަލުކުރަމުންދާ ވޭނުގެ އިތުރުން އެހެން އުނދަގޫތަކާ ކުރިމަތިލާންޖެހޭކަން ބައެއް ބަލިމީހުންނާއި ބަލިމީހުންގެ އެހީތެރިން ދީފައިވާ މަޢުލޫމާތުން ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
މި ފެސިލިޓީއަކީ ކޮވިޑް-19ށް ޕޮޒިޓިވްވާ މީހުން އެކަނި އެޑްމިޓްކޮށްގެން ބެލެހެއްޓުމަށް ޤާއިމުކޮށްފައިވާ ތަނަކަށް ވީނަމަވެސް އަމިއްލައަށް ނޫޅެވޭ ވަރުގެ ބަލިމީހުންގެ އެހީތެރިންވެސް މިހާރު ތަނުގައި ތިބޭކަމާއި، މިހެންވުމުގެ ސަބަބުން ތަނުގެ ޖާގައަށްވުރެ އިތުރަށް މީހުން ވޯޑުތަކުގައި ތިބެންޖެހުމުގެ ސަބަބުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުތައް ނުބެހެއްޓޭކަން ވެސް ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
އަދި ކޮމިޝަނުން ބެލި ބެލުމުން ފެސިލިޓީގައި މީހަކު އެޑްމިޓް ކުރުމަށްފަހު ކުއްލި ޙާލަތްތަކުގައި ބަލިމީހުންގެ ކަންކަމުގައި ޢާއިލާއަށް ގުޅޭނެ ފޯން ނަންބަރެއް ހޯދާކަމާއި، އަދި އެ މީހަކަށް ބަލިމީހާ އެޑްމިޓް ކުރި ވޯޑާއި އެނދު ނަމްބަރު އަންގާއިރު ބަލިމީހާގެ ޙާލަތު ބަދަލުވާނަމަ ޑޮކްޓަރެއް އެ މަޢުލޫމާތު ޢާއިލާއަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަން ފާހަގަކުރެވިފައިވެއެވެ. އަދި ބަލިމީހުންގެ މަޢުލޫމާތު ޢާއިލާތަކަށް ފޯރުކޮށް ދިނުމަށް ވަކި ފަރާތެއް ހަމަޖައްސާފައި ވީނަމަވެސް އެ ފަރާތަށް ވޯޑުތަކުން މަޢުލޫމާތު ލިބުން ލަސްވުމުގެ ސަބަބުން އެންމެ އެދެވޭގޮތުގައި ޢާއިލާތަކަށް ބަލިމީހާގެ މަޢުލޫމާތު ފޯރުކޮށް ނުދެވޭކަން ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
ފެސިލިޓީގައި މަސައްކަތްކުރާ މުވައްޒަފުން ނަފްސާނީގޮތުން އެތައްކަމެއް ތަޙައްމަލުކުރަންޖެހޭއިރު، އެ ފަރާތްތަކަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްނުދެވޭކަން ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އެ އެހީތެރިކަން އެ މުވައްޒަފުންނަށް ފޯރުކޮށް ދިނުމަކީ މި ކޮމިޝަނުން ބާރު އަޅާ ކަމެއް ކަމަށް ބުނެފައިވެއެވެ.
މީގ އިތުރުން ފެސިލިޓީ ސާފުކުރުމުގެ މަސައްކަތް ކުރުމަށް ފޮނުވާފައިތިބޭ މުވައްޒަފުން އެއްވެސް ބަންދެއް ނުލިބި 12 ގަޑިއިރު މަސައްކަތްކުރުވާކަމާ އަދި މިހާގިނައިރު މަސައްކަތްކުރުވާއިރު މި މުވައްޒަފުންނަށް މުސާރަ ނުދިނުމުގެ މައްސަލަތަކެއް ވެސް ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން މި ޒިޔާރަތުގައި ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަމުގެތެރެއިން ބައެއް ކަންކަން ވަކި މައްސަލަތަކުގެ ގޮތުގައި ލޮޖްކޮށް ބަލަމުންދާ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.