ކ. މާލެ
|
12 މެއި 2017 | ހުކުރު 03:21
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރާއްޖެ އެމްވީ
ރައީސް ނަޝީދު
ސަރުކާރަށް އިންތިޚާބު ގެއްލުނީ އިޤްތިސޯދީ ދޯހަޅިކަމާއި އިންސާފު ނެތުމުން:ނަޝީދު
އިޤްތިސޯދީ ކަންކަން ހަރުދަނާކޮށް ގެންދެވިދާނެ ކަމަށް ބައެއް ފަރާތްތަކުން ޤަބޫލު ކުރި، އެކަމަކު އެކަން އެއްވެސް ވަރަކަށް ފެނިގެނެއް ނުދިޔަ
އިންސާފް ލިބިފައި ނެތް މިންވަރު ވަރަށް ރަނގަޅަށް ސާފުވާން އެބައޮތް

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ބޮޑުތަނުން ބަލިވެގެން ދިޔައީ އިޤްތިސޯދީ ބޭފުޅެއްގެ ގޮތުގައި ވެރިކަމަށް ވަޑައިގެންނެވި ރައީސް ޔާމީންގެ އިޤްތިސޯދީ ދޯހަޅި ސިޔާސަތުގެ ސަބަބުންނާއި އިންސާފު ނެތުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސްރީލަންކާގައި ހުންނަވައިގެން ރާއްޖެ ޓީވީއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ 2013 ވަނަ އަހަރުގެ އިންތިޚާބަށް ފަހުގައި ރައީސް ޔާމީން ކަންކުރެއްވި ގޮތް ރައްޔިތުން ވަރަށް ބޮޑަށް ވިސްނަވާ ކަމަށާއި އެރައްޔިތުންނަށް ހަޤީގަތް އެނގިގެން ހިނގައްޖެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީނަށް އިޤްތިސޯދީ ކަންކަން ހަރުދަނާކޮށް ގެންދެވިދާނެ ކަމަށް ބައެއް ފަރާތްތަކުން ޤަބޫލު ކުރި ކަމަށާއި އެހެންނަމަވެސް ނިމިދިޔަ އިންތިޚާބާ ހަމައަށް އައިއިރު އެކަން އެއްވެސް ވަރަކަށް ފެނިގެނެއް ނުދިޔަކަމަށެވެ.

"ވަޒީފާގެ ފުރުސަތެއް ނުއުފެދުނު. ތަކެތީގެ އަގު ހުރީ މައްޗަށް ގޮއްސަ. ދަރަނިވެރިކަން އިންތިހާއަށް ގޮސްފައި. ޑެފިސިޓް ބޮޑުވެފައި. މަހުންމަހުން މުސާރަ ދެވޭނެ ގޮތްވެސް ނުވެފައި. އެހާލަތުގައި އިގްތިސޯދު އޮވެ އިންތިޚާބަށް ދިޔައީ. ޚާއްޞަކޮށް ތަކެތީގެ އަގު ބޮޑުވަމުން ދިޔަ އިރެއްގައި. އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ޔާމީނަށް އިޤްތިސޯދީ ކަންކަން ނުބެލެހެއްޓުނުކަން މިއިންތިޚާބުގައި މިހެން ދިމާވި ސަބަބަކީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އިޤްތިސޯދީ ކަންކަން ނުބެލެހެއްޓުމުގެ އިތުރުން އިންސާފް ނެތުމާއި އިދިކޮޅު ފަރާތްތައް ހިފާ ހައްޔަރުކޮށްގެން ގެންގުޅެން އުޅުއްވުމަކީވެސް މިއިންތިޚާބު ކާމިޔާބު ނުކުރެއްވުނު ސަބަބުކަމަށެވެ.

އިންސާފް އެއީ ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް އުއްމީދު ކުރަމުން އައި ކަމެއް ކަމަށާއި މިރާއްޖޭގައި އިންސާފް ލިބިފައިނެތް މިންވަރު ކޮންމެ ރައްޔިތަކަށްވެސް ހާމަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.  

"އިންސާފް އެއީ ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް އުއްމީދު ކުރަމުން އައި ކަމެއް. އަޅުގަނޑަށް އެނގޭ ރައްޔިތުންނަށް އަދި ލިބިފައި ނުވާ ކަމެއްކަން. އިންސާފް ލިބިފައި ނެތް މިންވަރު ވަރަށް ރަނގަޅަށް ސާފުވާން އެބައޮތް. ހުރިހާ ސިޔާސީ ލީޑަރުން އެވަނީ ހައްޔަރުކޮށްފައި އެބޭފުޅުންގެ ބޭފުޅުންނަށްވެސް އެވަނީ އެގޮތް މެދުވެރިވެފައި. ކާނަލް ނާޒިމް، އަދީބު އެވަނީ ޖަލުގައި. މިނިސްޓަރުން ވަކިކުރެއްވި އަދަދެއްވެސް އަޅުގަނޑުމެންނަކަށް ނޭނގޭ. އެހެންވީމާ އެބޭފުޅުންގެ ތެރޭގައިވެސް އިންސާފެއް ނެތް. އަޅުގަނޑުމެންނަށް ރައްދުވި މިންވަރު މާބޮޑު. އިންސާފް ނެތުން އެއީ މިނަތީޖާ ލިބިގެން އައި ބޮޑު ސަބަބު. ވަރަށް ގިނަ މީހުން މަރައިފި. ޚާއްޞަކޮށް ޑރ އަފްރާޝީމްގެ މަރަށް ފަހު 16 ވަރަކަށް މީހުން މަރައިފި. އެމީހުންނަށް ވީގޮތެއް އެނގޭކަށް ނެތް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރު އުފެއްދި ޤާނޫން އަސާސީގައި ރައީސް  ޔާމީން ނުހިފެހެއްޓެވިކަން ވަރަށް ރަނގަޅަށް އެނގެން އެބައޮތް ކަމަށާއި ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބޭނުން ކުރައްވައިގެން ޤާނޫން ތަކަށް އެގެންނެވި ބަދަލުތައް ފާހަގަ ކުރެވޭ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި މިހުރިހާ ކަމެއް ފުނިޖެހެމުން އައިސްފައިވަނިކޮށް މިއިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ އިދިކޮޅު އެހެން ލީޑަރުން އެއްގަލަކަށް އަރުއްވައިގެން ކުރެއްވި މަސައްކަތުގެ ސަބަބުން ކަމަށެވެ. އެކަމަށްޓަކައި އެމްޑީޕީން އިދިކޮޅު އެހެން ލީޑަރުންނަށް ޝުކުރު އަދާ ކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

- ކޮމެންޓް
12 މެއި 2017 | ހުކުރު 11:45
Moosa
Konme meehakuves thedheh buneema vaanee thedhakah. Mee 100% dhrdhu vaahakaeh . Hee kuri gothakahnoon kanthah kuree. .