ކޮވިޑް-19 އިން ރާއްކާތެރިވުމަށް ހއ. ދިއްދޫއާއި ފ.ފީއަލީގައި ޚާއްސަ ފިޔަވަޅުތަކެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅައިފިއެވެ.
އެޗްޕީއޭ އިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މެއި 16 ވަނަ ދުވަހުން ފެށިގެން ދިއްދޫ އަދި ފީއަލީގައި ރޭގަނޑު 09:00 ފެށިގެން ފަތިހު 04:00ށް އެއްގަމު އުޅަނދު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެ ކަމަށެވެ.
ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް އަންގާފައިވާއިރު، ދެ ރަށުގައި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ނުކުރުމަށާއި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ ނޫޅުމަށް ވަނީ އަންގާފައެވެ.
ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކޮށް، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހުއްޓާލުމަށް ވަނީ އަންގާފައެވެ. ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކާއި ފިހާރަތަކުން ޚިދުމަތް ދޭއިރު، އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުމަށް ވަނީ އަންގާފައެވެ. ހޮޓާ، ކެފޭ، ރެސްޓޯރަންޓު ފަދަ ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުން ދެމުންގެންދާ ޚިދުމަތްތަކުގެ ތެރެއިން، ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތްތައް ފިޔަވައި އެހެން ހިދުމަތްތައް ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.
މީގެ އިތުރުން، ދިއްދޫ އަދި ފީއަލީގައި ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ނުގެންދިއުމަށް ވަނީ އަންގާފައެވެ.
އަތޮޅުތެރެއިން ރިޕޯޓްކުރެވޭ ކޭސްތަކުގެ އަދަދު އިތުރުވަމުންދާތީ އެޗްޕީއޭ އިން ދަނީ ގިނަ ރަށްތަކެއްގައި ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. މިހާރު ރާއްޖެއިން ކޮންމެ ދުވަހަކު 1،000ށް ވުރެ ގިނަ މީހުން ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. އަދި 50 ރަށެއް ވަނީ ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިން އަށް ލާފައެވެ.