ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު ފ.ފީއަލީގެ ތަރައްގީ އެއްކޮށް ހުއްޓިފައިވާ ކަމަށާއި، ސައިންސް ލެބް އިމާރާތް ކުރާ ބިމުގައި ވެސް ކަރާ ހެއްދުމުގެ މަސައްކަތް ކުރާ ކަމަށް އެރަށު ކައުންސިލްގެ ރައީސް މޫސާ އަހުމަދު ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް މޫސާ ވިދާޅުވީ ފީއަލީގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވީ ބިން ފުރިފައިވާތީ، ބިން ހިއްކުމުގެ މަޝްރޫއު ކަމަށާއި، އެ މަސައްކަތް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކޮށްދީފައިވާ ކަމަށެވެ.
މޫސާ ވިދާޅުވީ ކުރީ ސަރުކާރު ގައި ސްކޫލުގެ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތާއި، ސައިންސް ލެބްގެ މަސައްކަތާއި ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތުގެ އިތުރުން ފެނުގެ މަޝްރޫއުގެ މަސައްކަތް ފެށި ކަމަށެވެ. އަދި އައިސްޕްލާންޓްގެ މަސައްކަތް ނިންމާ މަސްވެރިންނަށް ޚިދުމަތް ދޭން ފެށި ކަމަށާއި، އައު އިންޖީނުގެއެއް އިމާރާތް ކޮށްދީ، ޒަމާންވީ ކަރަންޓުގެ މައްސަލަ ވެސް އެއްކޮށް ހައްލު ހައްލު ކޮށްދިން ކަމަށެވެ.
ނަމަވެސް މި ސަރުކާރާ އެކު ހުރިހާ މަޝްރޫއެއް ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ބިން ހިއްކި ސަރަހައްދު ގައި ރިވެޓްމަންޓު ވެސް ނުޖެހި އެ ސަރަހައްދު ވެސް ގިރަމުންދާ ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލަ އެއް ކަމަށް މޫސާ ވިދާޅުވި އެވެ.
މީގެ އިތުރުން މޫސާ ވިދާޅުވީ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ހުއްޓިފައިވަނީ ބޭނުންވާ ސާމާނު ހުސްވެގެން ކަމަށާއި، އަމަލީ މަސައްކަތްތައް ފެށޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށެވެ. އަދި މިހާރު ސައިންސް ލެބް އިމާރާތް ކުރާ ބިމުގައި ހައްދަނީ ކަރާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިސަރުކާރު އައިސްފައި ކޮންމެވެސް ވަރަކަށް ޕޮލިސް ޕޯސްޓެއްގެ މަސައްކަތް ފެށި. ތަނބުކޮޅެއް ޖަހާފައި އެބަހުރި. އެއްވެސް މިހާރު ތަކެތި ހުސްވެގެން ހުއްޓިފައި. ދެން ބޮޑަށް މިސަރުކާރުގެ ވިސްނުމަކީ ކުންފުނިތަކަށް މަސައްކަތް ދީގެން ކުރިއަށް ގެންދިއުން. އެގޮތުން ސްކޫލުގެ ސައިންސް ލެބްގެ މަސައްކަތް ވެސް އެހުރީ ފައްޓަވާފައި ކުރީ ސަރުކާރުގައި. އެހެން ނަމަވެސް މިސަރުކާރުން އައިސްފައި ކޮންމެ ވެސް ވަރަކަށް ފެނަކައަށް ދީގެން ކޮންމެވެސް ވަރަކަށް އެބަހުރި ކޮށްފައި. އެވެސް ތަކެތި ހުސްވެގެން އެހުރީ ހުއްޓިފައި. މިހާރު އެތާގައި ކުރާ މަސައްކަތަކީ ފެނަކަ މުވައްޒަފުން ލައްވާ ކަރާ އޮށް އިންދުން. ކަރާ ހައްދަނީ. އެއީ އެބޭފުޅުން ކުރާ މަސައްކަތަކީ ސައިންސް ލެބްގައި.
ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަހުމަދު![]()
މޫސާ ވިދާޅުވީ ރަށުގެ ތަރައްގީ ހުއްޓިފައި އޮތުމަކީ މުޅި ރަށަށް ލިބޭ ދެރައެއް ކަަމަށެވެ.
މި ސަރުކާރުން ތަރައްގީ ހުއްޓުވުމަށް ފަހު ކުންފުނިތަކުން ވަރަށް ގިނަ ވަޒީފާތައް ދޭ ކަމަށާއި، ހަމައެކަނި ފެނަކައިން ވެސް ކުރާނެ މަސައްކަތެއް ނެތި ގިނަ ބަޔަކަށް ވަޒީފާ ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.