ކ. މާލެ
|
4 މާރޗް 2021 | ބުރާސްފަތި 04:27
ބާސާ އާއި ސެވިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 3-0 ން
ބާސާ އާއި ސެވިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 3-0 ން
ގެޓީ އިމޭޖަސް
ސްޕެނިޝް ކަޕް
ސެވިއްޔާ ކަޓުވާލުމަށްފަހު ބާސާ ފައިނަލަށް
 
ސެވިއްޔާ އަތުން ބާސާ މޮޅުވީ 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން
 
ފައިނަލުގައި ބާސާ ބައްދަލުކުރަން ޖެހޭނީ ލެވަންޓޭ ނުވަތަ ބިލްބާއޯއާ

ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގައި އެގްރިގޭޓް ނަތީޖާއިން ސެވިއްޔާ ބަލިކުރުމަށްފަހު، މުބާރާތުގެ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފިއެވެ.

ސެމީގެ ފުރަތަމަ ލެގުގައި މިދިޔަ ފެބްރުއަރީ މަހު ސެވިއްޔާއިން ވަނީ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ބާސާ ބަލިކޮށްފައެވެ. އެކަމަކު ބުދަ ދުވަހުގެރޭ ކުޅުނު ދެވަނަ ލެގުގެ މެޗުން ބާސާ ވަނީ އަމިއްލަ ދަނޑުގައި 3-0 ގެ ނަތީޖާއަކުން ސެވިއްޔާ ބަލިކޮށް، 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދާފައެވެ.

ބާސާގެ ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި އެ ޓީމުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު ބާސާއިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން 12 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އޮސްމާނޭ ޑެމްބެލޭއެވެ. އޭގެ ފަހުން މެޗުގެ 73 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކުރުމަށް ސެވިއްޔާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ ލޫކަސް އޮކަމްޕޯސް ފޮނުވާލި ޕެނަލްޓީ ބާސާގެ ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓޭގެން ވަނީ މަތަކޮށްފައެވެ.

އަދި މި މެޗު ނިމެން ގާތްވެފައި ވަނިކޮށް ސެވިއްޔާއަށް މައްސަލަތަކެއް ކުރިމަތިވީ އިތުރު ވަގުތުގައި އެ ޓީމުގެ ފެނާންޑޯއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ. އެއާއެކު އިތުރު ވަގުތުގެ ފަހު މިނެޓުގައި އެންޓޮއިން ގްރީޒްމަން ހުރަސްކޮށްދިން ބޯޅައަކުން ޖެރާޑް ޕީކޭ ވަނީ ލަނޑެއް ޖަހައި، ބާސާ މި މެޗުން ސަލާމަތްކޮށްދީފައެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެގްރިގޭޓުން ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، ފުރަތަމަ ހާފުގައި ބާސާއިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން ޖޯޑީ އަލްބާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާޓިން ބްރެތުވެއިޓެވެ.

މި މޮޅާއެކު މުބާރާތުގެ ފައިނަލަށް ބާސާ ދަތުރުކުރިއިރު، ފައިނަލުގައި ބާސާ ބައްދަލުކުރަން ޖެހޭނީ ލެވަންޓޭ ނުވަތަ އެތުލެޓިކް ބިލްބާއޯއާއެވެ. ލެވަންޓޭ އާއި ބިލްބާއޯ ބައްދަލުކުރާ ސެމީގެ ދެވަނަ ލެގު ބުރާސްފަތި ދުވަހުގެރޭ ކުޅޭއިރު، އެ ދެ ޓީމު ބައްދަލުކުރި ސެމީގެ ފުރަތަމަ ލެގު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް