ސްޕެނިޝް އެލް ކެލެސިކޯގައި ބާސެލޯނާ ދެ ފަހަރު ހޯދި ލީޑް ކެންސަލްކޮށް، 3-2އިން ރެއާލް މެޑްރިޑް ތިން ޕޮއިންޓު ހޯދައި ޗެމްޕިއަންކަމާ ގާތަށް ޖެހިލައިފި އެވެ.
މި މެޗުގެ ތަރިއަކަށްވީ މެޗުގެ އިތުރު ވަގުތުގައި ރެއާލް މޮޅުވި ލަނޑު ޖެހި ޖޫޑް ބެލިންހަމެވެ. މިއީ މި ސީޒަނުގައި އޭނާ ބާސެލޯނާ އަތުން ރެއާލް މޮޅުކޮށްދިން ދެ ވަނަ ފަހަރެވެ.
މި މެޗުން މޮޅުވުމާއެކު ރެއާލް އެއްވަނައިގައި ވަނީ 81 ޕޮއިންޓާއެކުގަ އެވެ. ބާސެލޯނާ ދެ ވަނާގައިވަނީ 70 ޕޮއިންޓާއެކުގަ އެވެ. ލީގުގައި ބާކީ އޮތީ ހަ މެޗެވެ. މިހެންވެ ރެއާލް މެޑްރިޑް 36 ވަނަ ފަހަރަށް ސްޕެނިޝް ލީގު ތަށި ހޯދާނެ ކަމަށް މިހާރު ގިނަ ބަޔަކު ވަނީ ޔަގީންކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖެހީ ބާސެލޯނާގެ ޑިފެންޑަރު ކްރިސްޓިއަންސެން އެވެ. މެޗުގެ ހަ ވަނަ މިނެޓުގައި އޭނާ ޖެހި ލަނޑު ކެންސަލްވީ 18 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ވިނީޝިއަސް ޖޫނިއާ ނަތީޖާ ހަމަހަމަކުރުމުންނެވެ. ބާސެލޯނާ އަށް ދެ ވަނަ ފަހަރަށް ލީޑް ހޯދައިދިނީ ފާމިން ލޮޕޭޒެވެ. އެކަމަކު މެޗުގެ 69 ވަނަ މިނެޓުގައި އޭނާ ހޯދައިން ލީޑް ދެމެހެއްޓުނީ އެންމެ ހަތަރު މިނެޓަށެވެ. ރެއާލް މޮޅުވި ލަނޑު ބެލިންހަމް ޖެހީ 74 ވަނަ މިނެޓުގައި ލޫކަސް ވަޒްކުއޭޒް ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްދިނުމުންނެވެ.