ކ. މާލެ
|
25 އޭޕްރިލް 2024 | ބުރާސްފަތި 14:59
ބާސެލޯނާ އަށް ކުޅެމުން އަންނަ ސާޖީ ރޮބާޓޯ
ބާސެލޯނާ އަށް ކުޅެމުން އަންނަ ސާޖީ ރޮބާޓޯ
ޓްވީޓަރ
ބާސެލޯނާ
ޒަވީ ބޭނުންވުމުން ސާޖިއޯ ރޮބާޓޯގެ ކޮންޓްރެކްޓް އައުކުރަނީ
 
އޭނާގެ ކޮންޓްރެކްޓް ހަމަވާނީ މި ސީޒަނުގެ ނިޔަލަށް

ބާސެލޯނާގެ ކެޕްޓަން ސާޖިއޯ ރޮބާޓޯގެ ކޮންޓްރެކްޓް އައުކުރުމަށް އެކުލަބުން މަސައްކަތް ފަށައިފި އެވެ.

ކުލަބުން މި ގޮތަށް މަސައްކަތް ފެށީ ކޯޗު ޒަވީ ހަނާންޑޭޒް، އޭނާ ޓީމުގައި ބަހައްޓަން ބޭނުންކަމަށް ބުނުމުންނެވެ. ބާސެލޯނާއިން ކުރިން ވިސްނީ މި ސީޒަނަށް ފަހު ރޮބާޓޯ ފޮނުވާލުމަށެވެ. އެއީ މި ސީޒަނުގެ ނިޔަލަށް އޭނާގެ ކޮންޓްރެކްޓް ހަމަވާތީ އެވެ.

ނަމަވެސް ޒަވީ ގަބޫލުކުރާ ގޮތުގައި ރޮބާޓޯ އަކީ ޓީމުގައި ކޮންމެހެން ހުންނަން މުހިންމު ކުޅުންތެރިއެކެވެ. ސާޖިއޯ ރޮބާޓޯ އަކީ ބާސެލޯނާގެ އެންމެ ފާހަގަކޮށްލެވޭ ޓީމު ކަަމަށްވާ ޒަވީ އާއި އަންދްރޭސް އިނިއެސްޓާ އަދި ލަޔޮނަލް މެސީ އާއި ނޭމާ އާއި ޖެރާޑް ޕީކޭ ފަދަ ކުޅުންތެރިންނާއެކު ކުޅުނު ކުޅުންތެރިއަކަށް މިހާރުގެ ޓީމުގައި ހުރި ހަމައެކަނި ކުޅުންތެރިޔާ އެވެ. އޭނާ އެންމެ ބޮޑަށް ފާހަގަވެފައިވަނީ 2017 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގަ އެވެ. އެއީ ފްރާންސްގެ ޕީއެސްޖީ އަތުން ބަލިވެފައި އޮއްވައި އަމިއްލަ ދަނޑުގައި ހަ ލަނޑު ޖަހައިގެން މޮޅުވި މެޗުގެ ފަހު ސިކުންތުކޮޅުގައި ބާސެލޯނާ ކޮޅަށް ނަތީޖާ އަނބުރާލި ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގަ އެވެ.

ސާޖިއޯ ރޮބާޓޯ ފޮނުވާލުމަށް ބާސެލޯނާގެ މެނޭޖްމަންޓުން ވިސްނީ ޓީމުގެ ފުރަތަމަ 11 އަށް އޭނާ ނާރާތީ އެވެ. އަދި އޭނާ ކުޅޭ މަގާމަށް ކުޅޭ ޒުވާން ހުނަރުވެރި ކުޅުންތެރިން ވެސް ތިބުމުންނެވެ. ނަމަވެސް ޒަވީ ދެކޭ ގޮތުގައި ކުލަބު ވަންތަ ކުޅުންތެރިން ތިބުމަކީ މުހިންމު ކަމެކެވެ.

އަންނަ ސީޒަނުގައި ކޯޗުކަމުގައި ހުންނަން ޒަވީ ނިންމީ ޓީމުގައި މުހިންމު ކުޅުންތެރިން މަޑުކުރުވައި ޓީމު ވަރުގަދަ ކުރަން އާ ކުޅުންތެރިން ހޯދަން މެނޭޖްމަންޓުން އެއްބަސްވުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް