ކ. މާލެ
|
7 ޖެނުއަރީ 2021 | ބުރާސްފަތި 08:09
އެމެރިކާގެ ގާނޫނުހަދާ މަޖީލީހުގެ ކުރިމަތީގައި ފުލުހުންނާއި އާންމުންނާއި ކުރިމަތިލަނީ
އެމެރިކާގެ ގާނޫނުހަދާ މަޖީލީހުގެ ކުރިމަތީގައި ފުލުހުންނާއި އާންމުންނާއި ކުރިމަތިލަނީ
ސީ.އެން.އެން
އެމެރިކާގެ މުޒާހަރާ
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިދާރާ ހުންނަ ކެޕިޓޮލް ތެރޭގައި ބަޑީގެ ހަމަލާއެއް އެރި އަންހެން މީހާ މަރުވެއްޖެ
 
ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ޓްރަމްޕުގެ ސަޕޯޓަރުން ވަނީ ވަދެގަނެފައި
 
ބަޑީގެ ހަމަލާގައި މަރުވި އަންހެން މީހާގެ މައްސަލަ ދަނީ ބަލަމުން

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިދާރާ ހުންނަ ކެޕިޓޮލް ތެރޭގައި ބަޑީގެ ހަމަލާއެއް އެރި އަންހެން މީހާ މަރުވެއްޖެ ކަމަށް ފުލުހުން ރިޕޯޓްކޮށްފިއެވެ.

ބުދަ ދުވަހު މުޒާހަރާ ކުރި މީހުން ގާނޫނު ހަދާ މަޖިލީހުގެ އިދާރާ ހުންނަ ކެޕިޓޮލްގެ ތެރެއަށް ވަދެގަނެފައިވާ އިރު، ހިނގި ހަމަ ނުޖެހުންތަކުގައި އަންހެނެއްގެ ގަޔަށް ބަޑީގެ ހަމަލާއެއް އަރައިގެން ކައިރި ހޮސްޕިޓަލެއްގައި ފަރުވާދޭން ފެށިއެވެ. އަދި އެމީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް މެޓްރޮޕޮލިޓެން ޕޮލިސް ޑިޕާޓްމަންޓުން ވަނީ ސީއެންއެންއަށް ކަށަވަރުކޮށްދީފައެވެ.

މި މައްސަލައާއި ގުޅޭ ގޮތުން މެޓްރޮޕޮލިޓެން ޕޮލިސް ޑިޕާޓްމަންޓްގެ ސްޕޯކްސްޕަރސަން ޑަސްޓިން ސްޓެންބަރކް ވިދާޅުވީ މި މައްސަލައަކީ ބަލަމުން އަންނަ މައްސަލައެއް ކަމަށާއި، އިތުރު ތަފްސީލު ފަހުން ހާމަކުރައްވާނެ ކަމަށެވެ. ބަޑި ޖަހާފައިވަނީ ފުލުހުންނެވެ.

އެމެރިކާގައި މިދިޔަ އަހަރު ނޮވެމްބަރު މަހު ކުރިޔަށްދިޔަ އެގައުމުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރާ ކަމަށްބުނެ ޓްރަމްޕްގެ އެތަށް ހާސް ސަޕޯޓަރުންނެއް ވޮޝިންގްޓަނުގައި ކުރަމުން އަންނަ މުޒާހަރާގައި ފުލުހުންގެ ސަފުތައް ފަޅާލުމަށްފަހު ބުދަ ދުވަހު ވަނީ ގާނޫނުހަދާ މަޖިލީހުގެ ތެރެއަށް ވަދެގަނެފައެވެ.

މި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ނުކުމެފައިވާއިރު، ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި 100 އަށްވުރެ ގިނަ ބައިވެރިންނަށް އަނިޔާވެފައިވާ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ. އަދި މުޒާހަރާ ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރި ފުލުހުންގެ ތެރެއިން 13 ފުލުހަކަށް ވަނީ އަނިޔާވެފައެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ޖޯ ބައިޑަން ކޮޅަށް ބުރަވި ހިސާބުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ އިންތިޚާބުގައި އޮޅުވާލުންތަކެއް އުޅޭކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެހެންނަމަވެސް ޓްރަމްޕްގެ މިތުހުމަތުތައް ސާބިތުކުރެވޭވަރުގެ ހެއްކެއް ޓްރަމްޕަށް ދެއްކެވިފައެއްނުވެއެވެ. އަދި އެކަން ކޯޓެއްގައިވެސް ސާބިތު ކުރެވިފައެއްނުވެއެވެ.

ޓްރަމްޕް ވަނީ އެކި ގޮތްގޮތުން އިންތިޚާބުގެ ނަތީޖާ ޓްރަމްޕްގެ ކޮޅަށް އަނބުރާލެއްވުމަށް މަސައްކަތްކޮށްފައެވެ. އޭގެތެރޭގައި ކޯޓުތަކަށް މައްސަލަތައް ލުމުގެ އިތުރުން އިންތިޚާބުގެ ނަތީޖާ އާ މެދު ފަހު ބަސް ބުނާ ސްޓޭޓްތަކުގެ އިލެކްޓޯރަލުންނާއި ބަދަލުކުރުމަށްވެސް ވަނީ މަސައްކަތްކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
100%
0%
0%
0%
0%
0%
ކޮމެންޓް