ކ. މާލެ
|
26 އޭޕްރިލް 2023 | ބުދަ 12:57
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު (ކ)، ކުރީގެ ރައީސް މުޙައްމަދު ނަޝީދު (ވ) އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް (މ)
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު (ކ)، ކުރީގެ ރައީސް މުޙައްމަދު ނަޝީދު (ވ) އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް (މ)
ރިޔާސީ އިންތިހާބު 2023
ރިޔާސީ އިންތިހާބުގައި ކުރި ހޯދާނީ ރައީސް ޞާލިހު ކަމަށް އޮޕީނިއަން ޕޯލްއަކުން ދައްކައިފި
ޕޯލްގައި ބައިވެރިވި 18 އިންސައްތަ ދިވެހިން ވޯޓުލާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ކަމަށް ބުނެފައިވޭ
ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިޔާރުކުރީ 4 އިންސައްތަ މީހުން
13 އިންސައްތަ ދިވެހިން ހިޔާރުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރިޔާސީ އިންތިހާބުގައި ކުރި ހޯދާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކަމަށް އޮޕީނިއަން ޕޯލްއަކުން ދައްކައިފިއެވެ.

މި އޮޕީނިއަން ޕޯލް އަކީ ރާއްޖޭގެ ތިންކް ޓޭންކެއް ކަމަށްވާ ބާނީ ސެންޓަރ ފޮރ އިންޓަރނޭޝަނަލް ޕޮލިސީ އިން ނަގާފައިވާ ޕޯލްއެކެވެ. ބާނީން ބުނެފައިވަނީ 2023ގެ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ވޯޓުލާ އާބާދީ ރަމްޒުކޮށްދޭ ގޮތަށް ފޯނުގެ ޒަރިއްޔާއިން ހަދާފައިވާ މި ޕޯލްގައި މާދަމާ ރިޔާސީ އިންތިހާބެއް ބާއްވައިފިނަމަ ވޯޓުލާނީ ކޮންފަރާތަކުންތޯ ވަނީ އަހާފައެވެ.

މި ސުވާލުގެ ޖަވާބުގައި 18 އިންސައްތަ ދިވެހިން ވޯޓުލާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ކަމަށް ބުނެފައިވެއެވެ. އަދި 13 އިންސައްތަ ދިވެހިން ހިޔާރުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިޔާރުކުރީ 4 އިންސައްތަ މީހުން ކަމަށް މި ޕޯލްއިން ދެއްކި އިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވޯޓުލާނެކަމަށް ބުނެފައިވަނީ 3 އިންސައްތަ މީހުންނެވެ.

މީގެ އިތުރުން ވޯޓުލާ އާބާދީގެ 43 އިންސައްތަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލާނެ ގޮތެއް އަދި ނުނިންމާކަމަށް ފާހަގަކުރި އިރު، 15 އިންސައްތަ މީހުން އިންތިހާބުގައި ވޯޓުނުލާނެ ކަމަށް ބުނެފައިވެއެވެ.

މި ޕޯލްގެ ނަތީޖާ ދައްކާގޮތުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް އަދި އުމަރު ނަސީރަށް ލިބުނީ 0.6 އިންސައްތަ މީހުންގެ ސަޕޯޓެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ލިބުނީ 0.2 އިންސައްތަ މީހުންގެ ތާއީދެވެ.

މި ޕޯލް ހަދާފައިވަނީ މުޅި ރާއްޖޭގެ ވޯޓުލާ އާބާދީ ރަމްޒުވާނެހެން 95 އިންސައްތަ ކޮންފިޑެންސް ލެވެލްއަކާއި، 5 އިންސައްތަ މާޖިން އޮފް އެއަރއާއެކުއެވެ. އޭގެ މާނައަކީ މި ސަރވޭ އެކި ފަހަރު މަތިން ހެދިކަމުގައިވީނަމަވެސް، 95 އިންސައްތަ ފަހަރު ނަތީޖާތައް ލިބިގެންދާނީ މި ރިޕޯޓުގައި ފާހަގަކޮށްފައިވާ 5 އިންސައްތައިގެ ތެރެއިންނެވެ. މީގެ އިތުރުން މި ޕޯލްގެ ބައިވެރިން ހޮވުނީ "ރެންޑަމް ސާމްޕްލިން މެތަޑް" އެއް ބޭނުންކޮށްގެންނެވެ.

މި މަހު ހަދާފައިވާ ޕޯލްގެ ނަތީޖާއިން ދައްކާގޮތުން 2023 ގެ ރިޔާސީ އިންތިހާބުގައި އެއްވެސް ސިޔާސީ ލީޑަރަކަށް މާބޮޑު ކުރިއެރުމެއް ނުލިބި 43 އިންސައްތަ މީހުން ވަނީ އަދި ވޯޓުލާނެގޮތް ނުނިންމައެވެ.

ވޯޓުލާ އާބާދީގެ މިހާ ބޮޑު އިންސައްތައެއް އަދި ގޮތެއް ނުނިންމުމުގެ ސަބަބުކަމުގައި އިންތިހާބުގައި ކުރިމަތިލާނެ ފަރާތްތައް އަދި ސާފުކޮށް ޔަގީންނުވުން އެކަށީގެންވާ ކަމަށް ބުނެފައިވެއެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން އިންތިހާބުގައި ކުރިމަތިލެއްވުމުގެ ފުރުސަތު ބަންދުވެފައިވާ އިރު، ޕީޕީއެމްއިން ދެން ހަދާނެ ގޮތަކާ މެދުވަނީ ސުވާލު އުފެދިފައިކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ.

އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަންކުރާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެ، ޕްރައިމަރީގެ ސައްހަކަމާމެދު ސުވާލު އުފައްދަވައި، ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ފަހަތަށް އަރަން ދެކޮޅު ހައްދަވާފައިވެއެވެ. ކަންކަން މިހެން ހުރި އިރު، ސިޔާސީ ލީޑަރުން ދަނީ އިންތިހާބުގެ ކުރިން ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުންނެވެ. މި ސަބަބުތަކާހުރެ ވޯޓުލާ ފަރާތްތަކުން ސަޕޯޓުކުރާ ސިޔާސީ ލީޑަރުން ރިޔާސީ އިންތިހާބުގައި ނަންގަވާނެ ފަޅިއެއް އަދި ސާފުނުވުމަކީ ވޯޓުލާނެ ވަކި ފަރާތެއް އަދި ނުނިންމާ މަޑުކުރުމުގެ ސަބަބުކަމުގައި އެކަށީގެންވާ ކަމަށް ބުނެފައިވެއެވެ.

އޮޕީނިއަން ޕޯލް އަކީ ކުރިއަށްގެންދިޔަ ރާއްޖޭގެ ތިންކް ޓޭންކެއް ކަމަށްވާ ބާނީ ސެންޓަރ ފޮރ އިންޓަރނޭޝަނަލް ޕޮލިސީ އިން ލަފާކުރާގޮތުގައި އިންތިހާބު ގާތްވެ އަދި ކުރިމަތިލާނެ ކެންޑިޑޭޓުން ޔަގީންވުމާއެކު، މިވަގުތު ގޮތެއް ނުނިންމާ މަޑުކޮށްލައިގެން ތިބި ފަރާތްތަކުންވެސް ވަކި ފަރާތަކަށް ތާއިދުކުރުން އެކަށީގެންވާކަމަށް ބުނެފައިވެއެވެ. އަދި ސެޕްޓެމްބަރު މަހުގެ ނިޔަލަށް، މަހަކު އެއްފަހަރު މިފަދަ ޕޯލްއެއް ހެދުމަށް ނިންމާފައިވާކަމަށް ބާނީން ބުނެއެވެ.

Advertisement

Advertisement
- ކޮމެންޓް