ކ. މާލެ
|
25 އޭޕްރިލް 2024 | ބުރާސްފަތި 23:46
ގުޅިފަޅު
ގުޅިފަޅު
ގޫގުލް
ގޯތި ބަދަލުކުރަން ހުށަހެޅި މީހުން
ގިރާވަރުފަޅުން ގޯތި ލިބުނު 1913 މީހަކު ގުޅީފަޅަށް ގޯތި ބަދަލުކުރަން ހުށަހަޅައިފި
 
ގުރުއަތުން ނެގުން އޮންނާނީ 1250 އަކަފޫޓާއި 1650 އަކަފޫޓް ގޯތިތަކަށް ކުރިމަތިލީ މީހުންގެ މެދުގައި
 
ގިރާވަރުފަޅުން ދޫކުރި ބިމުގެ ތެރެއިން 1347 ބިން، ގުޅިފަޅަށް ބަދަލުކުރުމަށް މިނިސްޓްރީން ހުޅުވާލި

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ކުރިޔަށްގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންގެ ގޯތި ގުޅީފަޅަށް ބަދަލުކުރަން ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި 1913 މީހުން ހުށަހަޅައިފިއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅީފަޅަށް ބަދަލުވުމަށް ބޭނުންވާ މީހުންނަށް އެކަމަށް އެދުމަށް ހުޅުވާލި ފުރުސަތު ހަމަވީ މިމަހުގެ 18 ވަނަދުވަހުއެވެ. މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ވަނީ މިފުރުސަތުގައި ގޯތި ބަދަލުކުރުމަށް އެދުނު ފަރާތްތައް އާންމުކޮށް ގެޒެޓްކޮށްފައެވެ. ގިރާވަރުފަޅުން ދޫކުރި ބިމުގެ ތެރެއިން 1347 ބިން، ގުޅިފަޅަށް ބަދަލުކުރުމަށް އެމިނިސްޓްރީން ހުޅުވާލިއެވެ.

ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރާ ގޯތީގެ އަދަދާއި ބޮޑުމިން އަދި ކުރިމަތިލީ އަދަދު: 

  • 1250  އަކަފޫޓުގެ 193 ގޯއްޗަށް / 928 މީހުން ކުރިމަތިލި 
  • 1650  އަކަފޫޓުގެ 663 ގޯއްޗަށް / 769 މީހުން ކުރިމަތިލި 
  • 2050  އަކަފޫޓުގެ 487 ގޯއްޗަށް / 213 މީހުން ކުރިމަތިލި 
  • 2450  އަކަފޫޓުގެ 4 ގޯއްޗަށް / 3 މީހުން ކުރިމަތިލި 

ބަދަލު ކުރަން އިއުލާންކުރި ގޯތީގެ ތެރެއިން 2450 އަކަފޫޓު އަދި 2050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހަޅާފައިވަނީ ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުންނެވެ. އެހެންކަމުން ގުރުއަތުން ނެގުން އޮންނާނީ 1250 އަކަފޫޓާއި 1650 އަކަފޫޓް ގޯތިތަކަށް ކުރިމަތިލީ މީހުންގެ މެދުގައިކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އަދި ގުރުއަތު ނެގުން އޮންނާނެ ދުވަސް ފަހުން އިއުލާންކުރާނެކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. 

ހައުސިން މިނިސްޓްރީން ވަނީ ގޯތި ބަދަލުކުރަން އެދުނު މީހުންގެ ލިސްޓުވެސް އާއްމުކޮށްފައެވެ. އަދި މި ލިސްޓަށް އެއްވެސް ޝަކުވާއެއް އޮތްނަމަ އަންނަ މަހުގެ 1 ވަނަދުވަހުގެ 23:00 ކުރިން ހުށައެޅުމަށް އެ މިނިސްޓްރީން އެދެއެވެ. ޝަކުވާ ހިޔާ ޕޯޓަލް މެދުވެރިކޮށްހުށައެޅެއެވެ. އަދި އީމެއިލް ކުރަން ބޭނުންވާ ފަރާތްތަކުން [email protected] ޝަކުވާ ހުށައެޅުމަށް ހައުސިން މިނިސްޓްރީން އެދެއެވެ. 

ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކުރި ބައެއް ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމީ ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ކަނޑަނާޅާ އޮތުމުންކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އަދި ބައެއް ހިދުމަތްތަކަށް ބޭނުންވާ ބިންތަކާއެކު، ގިރާވަރުފަޅުގެ ލޭންޑު ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން އެތަނުން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، ބައެއް ގޯތިތައް ބަދަލުކުރަން ނިންމީކަމަށްވެސް މިނިސްޓްރީން ބުނެއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް