ކ. މާލެ
|
25 ނޮވެންބަރ 2020 | ބުދަ 12:02
މިނިވަން ދުވަހުގެ ޙަރަކާތްތަކުގެ ތެރެއިން - އޭރު އެގޮތަށް ކަންކަން ކޮށްފައިވަނީ ރައީސްގެ ރައްކާތެރި ކަމަށްޓަކައި ކަމަށް މިނިސްޓްރީއާ ޙަވާލާދީ އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވޭ
މިނިވަން ދުވަހުގެ ޙަރަކާތްތަކުގެ ތެރެއިން - އޭރު އެގޮތަށް ކަންކަން ކޮށްފައިވަނީ ރައީސްގެ ރައްކާތެރި ކަމަށްޓަކައި ކަމަށް މިނިސްޓްރީއާ ޙަވާލާދީ އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވޭ
ރައީސް އޮފީސް
2018 ވަނަ އަހަރުގެ ހޯމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓް
2018 ގެ މިނިވަން ދުވަހުގެ ހަރަކާތަށް ބިޑް ކުރުމަކާ ނުލާ ދައުލަތަށް ގެއްލުންވާ ގޮތަށް މަސައްކަތް ހަވާލުކުރި!
 
މި މައްސަަލަ ތަހުޤީޤު ކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް ހުށައެޅުމަށް ވެސް އަންގާފައިވޭ
 
މަސައްކަތް ޙަވާލު ކޮށްފައިވަނީ ނިސްބަތުން ބޮޑު އަގެއްގައި
 
މިނިސްޓްރީން އިޢުލާނު ކުރުމަށްފަހު، ފަހުން ވަނީ އެ އިއުލާނު ބާތިލު ކޮށްފައި

2018 ވަނަ އަހަރުގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ބިޑް ކުރުމަކާ ނުލާ ދައުލަތަށް ގެއްލުންވާ ގޮތަށް މަޝްރޫއެއް ޙަވާލުކުރި މައްސަލައެއް އޮޑިޓް ރިޕޯޓުން ފެންމަތިވެއްޖެއެވެ.

ހޯމް މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބަޔާން ކޮށްފައިވާ ގޮތުން 2018 ވަނަ އަހަރު މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ހެވިކަމާއި ކުޅިވަރުގެ ރަސްމިއްޔާތުގެ ސައުންޑް ސެޓަޕާއި ލައިޓިން ހަދައިދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީން އިޢުލާނު ކުރުމަށްފަހު, ފަހުން ވަނީ އެ އިއުލާނު ބާތިލު ކޮށްފައެވެ. އަދި އެ މަސައްކަތް ޖުމުލަ 4,060,012 (ހަތަރު މިލިއަން ފަސްދޮޅަސް ހާސް ބާރަ) ރުފިޔާއަށް އަމިއްލަ ކުންފުންޏަކާ ހަވާލު ކޮށްފައިވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

އެހެން ނަމަވެސް މާލިއްޔަތު ޤަވާއިދުގެ 10.31 ވަނަ މާއްދާގެ (ހ) ގައި ތަކެތި ގަތުމާއި މަސައްކަތްތައް ކުރުވުމާއި ޚިދުމަތްތައް ހޯދުމުގެ ޕްރޮޖެކްޓްތަކުގެ އަގު 35,000 ރުފިޔާ އަށްވުރެ ބޮޑުވާނަމަ އާންމުކޮށް އިޢުލާނުކޮށް ބިޑް މަރުހަލާ ކުރިއަށް ގެންދަންވާނެކަމަށް ބަޔާން ކޮށްފައިވެއެވެ.

މިނިސްޓްރީއާ ޙަވާލާދީ އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ގޮތުން އެކަން އެގޮތަށް ކޮށްފައިވަނީ އެދުވަސްވަރު ހިންގާފައި ހުރި ހާދިސާތަކަށް ރިޢާޔަތް ކޮށް ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަ ކުރަން ޖެހޭތީއެވެ. އެގޮތުން އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާ ޙަރަކާތްތަކުގައި ބޭނުން ކުރާ ލައިޓިން އަދި ސައުންޑް ސެޓަޕުގައި ހިމެނޭ ތަކެއްޗަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ބެލުމުގެ ދަށުން ބެލެހެއްޓޭ ތަކެތި ކަމަށްވުމަކީ މުހިންމު ކަމެއްކަމަން ބަޔާންކޮށް އަދި އެމް.އެން.ޑީ.އެފްގައި އެފަދަ ވަސީލަތްތަށް ނެތުމުގެ ސަބަބުން، އެފަރާތުން އެޕްރޫވް ކުރާ ކުންފުންޏެއް މެދުވެރިކޮށް އެކަން ހަމަޖައްސަން ސިޓީއަކުން އެދިފައިވާތީކަމަށް މިނިސްޓްރީން ވަނީ އޮޑިޓް އޮފީހަށް މައުލޫމާތު ދީފައެވެ.

އެހެން ނަމަވެސް، ވަކި ކުންފުންޏަކުން މި ޚިދުމަތް ހޯދުމަށް އެމްއެންޑީއެފުން އިރުޝާދު ދީފައިވަނީ، އެކުންފުނީގެ ފަންނީ ޤާބިލުކަމާއި، ޚިދުމަތް ދިނުމަށް ބޭނުންކުރާ އާލާތްތަކުގައި ހުރީ ކޮން ޚާއްސަކަމެއްކަމާއި، އެތަކެތީގެ ފެންވަރާއި، އޭގެ ރައްކާތެރިކަން ފަދަ ކަންކަން ކަށަވަރު ކުރުމަށް ވަކި ޚާއްސަ މަސައްކަތެއް ކޮށްފައިކަން ކަށަވަރު ކުރެވޭނެ އެއްވެސް ލިޔެކިޔުމެއް ލިބިފައިނުވާކަމަށް އޮޑިޓް ރިޕޯޓްގައި ބަޔާން ކޮށްފައިވެއެވެ.

އޭގެ އިތުރުން، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީން ކުރި އިއުލާނާ ގުޅިގެން ހުށައަޅާފައިވާ އަންދާސީ ހިސާބުތަކުގެ އެވްރެޖް އަގަކީ 2,183,600 (ދެ މިލިއަން އެއް ސަތޭކަ އަށްޑިހަ ތިން ހާސް ހަ ސަތޭކަ) ރުފިޔާކަން ފާހަގަކޮށް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، މިމަސައްކަތް ޙަވާލު ކޮށްފައިވަނީ އެހެން ފަރާތްތަކުން ހުށަހަޅާފައިވާ އަގުތަކާ އަޅާބަލާއިރު، ނިސްބަތުން ބޮޑު އަގެއްގައި ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ވަނީ މި ކަންކަން ޙައްލު ކުރުމަށް ދައުލަތުގެ މާލިއްޔަތު ޤަވާއިދުގައި ބަޔާން ކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމަށް އަންގާފައެވެ. އަދި ދައުލަތަށް ގެއްލުންވާ ގޮތަށް އެހެން ފަރާތްތަކުން ހުށައަޅާފައިވާ އަގުތަކަށްވުރެ ބޮޑު އަގުގައި މި މަސައްކަތް ޙަވާލު ކޮށްފައިވާ މައްސަަލަ ތަހުޤީޤު ކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް ހުށައެޅުމަށްވެސް އޮޑިޓް ރިޕޯޓްގައި އަންގާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
67%
33%
0%
ކޮމެންޓް
25 ނޮވެންބަރ 2020 | ބުދަ 20:18
އަލީ
ބަލަ އޭރު އޮޑިޓަރ ޖެނެރަލް އަށް ނޭގުނީބާ. އެކަން ނޫން އެނޭ ހަމަ މަހާނަ މައްޗައް ޖެހެނީ