މުއްސަނދި ގައުމުތަކާއި މުއްސަންދި ފަރުދުންތަކެއް ކުރިމަތިކުރުވި ތިމާވެށި ކުއްލި ހާލަތުގެ ސަބަބުން ރާއްޖެއަށް ވަރަށް ވޭންދެނިވި މުސްތަގުބަލާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް ދުޅަހެޔޮ ތިމާވެއްޓެއް ލިބިގަތުމުގެ ހައްގާ ގުޅޭ އ.ދގެ ސްޕެޝަލް ރެޕަޓުއަރ ޑޭވިޑް އާރު. ބޮއިޑް ވިދާޅުވެއްޖެއެވެ.
ބޮއިޑް ވިދާޅުވީ ތިމާވެށީގެ ގޮތުން ރާއްޖެ މިވަގުތު ތާށިވެފައި އޮތީ ވަރަށް އުދަނގޫ ފައްތަރެއްގައި ކަމަށެވެ.
ރާއްޖޭގެ ބިމުގެ އެންމެ އުސް ހިސާބު ވެސް އޮންނަނީ ކަނޑުގެ ލޮނުގަނޑަށްވުރެ އެންމެ 2.4 މީޓަރު އުހުގައިކަމުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖެ މުޅީން އެއްކޮށް ކަނޑު އަޑިއަށް ހިނގައިދާނެ ކަމަށް ސައިންޓިފިކް ދިރާސާތަކުން ދައްކާކަން ބޮއިޑް ފާހަގަކުރައްވާފައިވެއެވެ. ބޮއިޑް ވިދާޅުވީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި އިންތިހާއަށް ގަދަ ހޫނާއި، ފެންބޮޑުވުމާއި، ގޮނޑުދޮށުގެ ވެލިގަނޑު ގިރައިގެން ދިއުމާއި، އާދަޔާހިލާފު މޫސުމީ ބަދަލުތައް އަވަސްއަވަހަށް މެދުވެރިވުންފަދަ ކަންކަމުގެ ސަބަބުން ރާއްޖެއަކީ ދިރިއުޅެން އެކަށީގެންނުވާ ތަނެއް ކަަމަށެވެ.
މީގެ އިތުރުން ބޮއިޑް ވިދާޅުވީ ރާއްޖޭގެ ތިމާވެއްޓާއި އިންސާނީ ހައްގުތަކާއި ގުޅުންހުރި އެންމެ ހިޔާލުތަފާތުވާ މައުޟޫއަކީ ބިން ހިއްކުން ކަމަށެވެ. އޭނާ ވިދާޅުވީ ބައެއް ރަށްރަށުގެ ބިން ބޮޑުކުރުމަށާއި، އައު ރަށްތައް އުފެއްދުމަށް މޫދުން ވެލި ނެގުން ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި ބޯހިޔާވަހިކަމާއި، އުމްރާނީ ކުރިއެރުން އަދި ސިނާއަތްތައް ތަރައްގީ ކުރުމަށްޓަކައި އިތުރަށް ބިން ބޭނުންވާ ކަމަށް ސަރުކާރުން ފާހަގަކުރާ ކަމަށެވެ. އެގޮތުން ބިން ހިއްކުމަކީ ބޮޑެތި މައްސަލަތަކެއް ކުރިމަތިކުރުވާ، ގުދުރަތީ ލައްވާފައިވާ ދިފާއީ ނިޒާމަށް ގެއްލުންދޭ ކަނޑުގެ ދިރުންތައް ނެތިކޮށްލާ ކަމެއް ކަމަށް ބޮއިޑް ވިދާޅުވިއެވެ.
ބޮއިޑް ވިދާޅުވީ ދެމެހެއްޓެނިވި ގޮތަކަށް އަދި މުޖުތަމައުގެ ބައިވެރިވުމާއި އެހީތެރިކަމާއެކު ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފިނަމަ އެކަން ވެގެންދާނީ ތިމާވެށީގެ ކުއްލި ހާލަތުން ކުރާ ނޭދެވޭ އަސަރުތަކާ ފައިހަމަކޮށް އެކަންކަމުން ދިފާއުވުމަށް ލިބޭ ވަރަށް އަގުހުރި މެދުވެރިއަކަށް ކަމުގައެވެ.
އިންސާނީ ހައްގުތަކަށް އަސަރުކުރާނެ ތިމާވެށީގެ އެހެނިހެން މައްސަލަތަކަށް އިޝާރާތް ކުރައްވައި ބޮއިޑް ވިދާޅުވީ ކަރަންޓު އުފެއްދުމަށާއި، ދަތުރުފަތުރު ކުރުމަށް އަންދަންޖެހޭ ތެލަށް ބަރޯސާވުމާއި ކުނި މެނޭޖްކުރުމުގެ މައްސަލަ ހިމެނޭ ކަމަށެވެ. އެގޮތުން ކަރަންޓު އުފެއްދުމަށް ބޭރުގެ ގައުމުތަކުން އެތެރެކުރާ ތެލަށް ރާއްޖެ ވަރަށް ބޮޑަށް ބަރޯސާވާންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ޕެޓްރޯލާއި ކަރަންޓަށް ދޭ ތެލުގެ ސަބްސިޑީއަށް ވޭތުވެދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި ކޮންމެ އަހަރަކަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއް ސަރުކާރުން ހަރަދުކުރަންޖެހިފައިވާ ކަމަށް ބޮއިޑް ވިދާޅުވިއެވެ.
މީގެ އިތުރުން ބޮއިޑް ވިދާޅުވީ ރިސޯޓުތަކުގައި ތިބެން އަންނަ ފަތުރުވެރިން ރެއަކަށް އެތައްހާސް ޑޮލަރެއް ހަރަދުކުރާއިރު، ރާއްޖޭގެ އާބާދީގެ 30 އިންސައްތަ ކަމަށްވާ ބިދޭސީ މަސައްކަތްތެރިންގެ ގިނަ ބަޔަކު މަސައްކަތް ކުރަމުންދަނީ ސިއްހީ ގޮތުންނާއި އެނޫން ވެސް ގޮތްގޮތުން ރައްކާތެރިކަން ނެތް މާހައުލުގައި ކަމަށެވެ. ބޭރުގެ އިންވެސްޓަރުން ބޮޑެތި އަދަދުތަކުން ފައިދާ ހޯދާއިރު، ދިރިހުރުމަށްޓަކައި ވެށީގައިވާ ދިރުންތަކަށް ބަރޯސާވާ ދިވެހީންނަށް އެ ވެށި ނެތިދިއުމުގެ ގެއްލުން ތަހައްމަލު ކުރަންޖެހޭ ކަމަށާއި މިއުސޫލު ބަދަލުވެގެން ނޫނީ ހަމަހަމަ އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް އިންސާނިއްޔަތަށް ނުހޯދޭނެ ކަމަށް ބޮއިޑް ވިދާޅުވިއެވެ.
ސްޕެޝަލް ރެޕިއުޓަރގެ ޒިޔާރާތުގައި ސަރުކާރުގެ އޮފިޝަލުންނާއި، މަދަނީ ޖަމިއްޔާތަކާއި، ޒުވާނުންގެ މަންދޫބުންނާއި ބައްދަލުކުރެއްވިއެވެ. އަދި 8 ރަށަކަށް ޒިޔާރަތްކުރައްވާ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ބައެއް ސަރަހައްދުތަކާއި ތިލަފުށީގައި ހުންނަ ކުނި އުކާލާ ސަރަހައްދު އަދި ހިމާޔަތްކޮށްފައިވާ ބައެއް ސަރަހައްދުތަކަށް ވެސް އޭނާ ވަޑައިގެންނެވިއެވެ.
މިޒިޔާރާތާއި ގުޅޭ ތަފްސީލު ރިޕޯޓެއް މާޗް 2025 ގައި އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލަށް ހުށަހަޅާނެއެވެ.