ކ. މާލެ
|
26 އޭޕްރިލް 2024 | ހުކުރު 11:50
ދިރިތިއްބާ ވަޅުލިކަމަށް ބެލެވޭ މީހުންގެ ހަށިތައް ވަޅުންނަގާފައި -- ފޮޓޯ: އަނަޑޯލު
ދިރިތިއްބާ ވަޅުލިކަމަށް ބެލެވޭ މީހުންގެ ހަށިތައް ވަޅުންނަގާފައި -- ފޮޓޯ: އަނަޑޯލު
ޣައްޒާއިން ފެނުނު ކަށްވަޅުތައް
ޣައްޒާއިން ފެނުނު ބޮޑެތި ކަށްވަޅުތަކުގެ ފޮރެންސިކް ހެކިތައް ހިމާޔަތްކޮށް ރައްކާކުރަންޖެހޭ :އދ.
 
ފެނުނު ކަށްވަޅުތަކާ ބެހޭ މިނިވަން ތަޙްޤީޤެއް ކުރުމަށް އދ އިން ވަނީ ގޮވާލާފައި

ޣައްޒާގައި މިހާރު ހިނގަމުންދާ އަސްކަރީ ޙަމަލާތަކުގައި ދިރިތިއްބާ ވަޅުލާފައިވާ ކަމަށް ބެލެވޭ މީހުން ހިމެނޭ ކަމަށް ބުނާ ބޮޑެތި ކަށްވަޅުތަކުގެ ރިޕޯޓްތަކާއި ގުޅުންހުރި ފޮރެންސިކް ހުރިހާ ހެތްކެއް ހިމާޔަތްކުރުމުގެ މުހިންމުކަން އދއިން ދަނީ ފާހަގަކުރަމުންނެވެ. އެފަދަ ހެކިތައް ރައްކާކޮށް ބެލެހެއްޓުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށް އދ.އިން ދަނީ ބުނަމުންނެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޚާން ޔުނިސް ސިޓީގެ ދެ ހޮސްޕިޓަލެއްގެ ކައިރީގައި މީހުންތަކެއް ދިރިތިއްބާ ވަޅުލައިފައިވާ ކަމަށް ބެލެވޭ ބޮޑު ކަށްވަޅުތަކެއް ފެނިފައިވާ ކަމުގެ ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން އދ.ގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް ވިދާޅުވީ "ފޮރެންސިކް ހުރިހާ ހެއްކެއް ރަނގަޅަށް ރައްކާކުރުމަކީ މުހިންމު ކަމެއް" ކަމަށެވެ.

ޑުޖާރިކް ވިދާޅުވީ މި މައްސަލައިގެ މިނިވަން، ބައިނަލްއަގްވާމީ ތަހުގީގެއް ހިންގުމަށް އދ އިން ގޮވާލި ނަމަވެސް، މިފަދަ ތަހުގީގެއް ހިންގޭނެ ގޮތްތައް މި މަރުހަލާގައި ސާފުނުވާ ކަމަށެވެ. އަދި އދ.ގެ ބައެއް ޤާނޫނީ އިދާރާތަކަށް ތަޙުޤީޤުތައް ފެށުމުގެ ބާރު ލިބިގެންވާކަމަށާއި، ނަމަވެސް ރަސްމީ އެއްވެސް މަރުހަލާއެއް އަދި ފަށާފައި ނުވާކަމަށް އޭނާ ޤަބޫލުކުރެއްވިއެވެ.

ތަރުޖަމާނު ވަނީ ޣައްޒާގައި އެއްވެސް ތަހުގީގެއް ކުރިއަށް ގެންދިއުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި، ތަހުގީގީ ޓީމެއް ޣައްޒާއަށް ވަނުމަށް އިސްރާއީލުގެ އިތުރުން ގިނަ ފަރާތްތަކެއްގެ ރުހުން ހޯދަން ޖެހޭނެ ކަން ފާހަގަކުރައްވާފައެވެ.

މިހާރު ސެކްރެޓަރީ ޖެނެރަލަށް އެފަދަ ތަހުގީގެއްގައި ބައިވެރިވުމުގެ މެންޑޭޓެއް އޮންނާން ޖެހޭނެ
ޑުޖާރިކް

ތަހުގީގު ކުރިއަށް ގެންދާ ކޮންމެ މީހަކަށް  ނުވަތަ ކޮންމެ ޓީމަކަށް "ޣައްޒާއަށް ވަނުމުގެ ފުރުސަތު އޮންނަން ޖެހޭނެ" ކަމަށާއި އަދި އެފަދަ ފަރާތަކީ ލިބެން ހުރި ފޮރެންސިކް ހެކިތައް ރަނގަޅަށް ލިޔެ، އެނަލައިޒް ކުރުމުގެ ގާބިލުކަން ލިބިފައިވާ މީހަކަށް ވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފެނުނު ކަށްވަޅުތަކާ ބެހޭ މިނިވަން ތަޙްޤީޤެއް ކުރުމަށް އދ. އިން ގޮވާލާފައި މިވަނީ ޣައްޒާގެ ބިމުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކާއި ނޫސްވެރިންގެ ފަރާތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އިސްރާއީލުގެ އެންމެ ފަހުގެ ހަމަލާތަކުގައި އެންމެ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގި ޚާން ޔުނިސްގެ ނާސިރު ހޮސްޕިޓަލް ކައިރީގައި ދިރިތިއްބާ މީހުންތަކެއް ވަޅުލާފައިވާ ކަމުގެ ހެކި ވަނީ ފެނިފައެވެ.

މިހާތަނަށް ފަލަސްތީނުގެ 34،000ށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާ ހަމަނުޖެހުންތަކުގައި ހަނގުރާމައިގެ ޖަރީމާތައް ނުވަތަ އެހެނިހެން ޖަރީމާތައް ހިންގާފައިވޭތޯ ބެލުމަށްޓަކައި އިތުބާރު ކުރެވޭ އެއްވެސް ތަހުގީގަކަށް މި ފޮރެންސިކް ހެކި ފޯރުކޮށްދިނުމަށްޓަކައި ރައްކާކޮށްފައި ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ.

ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޑުޖާރިކް ވިދާޅުވީ ވަށާލާފައިވާ ސަރަހައްދުން މެޑިކަލް މީހުން ހުސްކުރުމަށް އެދުމުން އިސްރާއީލުން ހުއްދަ ދީފައިވަނީ އެތާތިބި ބަލިމީހުންގެ ތެރެއިން އެންމެ 54 އިންސައްތަ އެތަނުން ނެރުމަށް ކަމަށެވެ. މިކަމުގެ ސަބަބުން ޑައިލިސިސްގެ ފަރުވާގެ އިންތިޒާރުގައި ތިބި ކުޑަކުދިން ވެސް އެތާންގައި ތާށިވެފައި ތިބިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޣައްޒާގެ އާބާދީގެ 85 އިންސައްތަ އަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލި، އިސްރާއީލުގެ ބޮމުގެ ހަމަލާތަކާއި ޓޭންކް ހަމަލާތަކުގައި އެ ސަރަހައްދު ހަލާކުވެފައިވާއިރު، ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް އިސްރާއީލުން އަމަލުކޮށްފާނެ ކަމަށް ބެލެވޭތީ މިނިވަން ތަހުގީގެއް ހިންގައި ޖަވާބުދާރީވާން ހުރިހާ ފަރާތްތަކަކުން ވެސް ދަނީ ގޮވާލަމުންނެވެ.

ޣައްޒާގައި ހުރި ބޮޑެތި ކަށްވަޅުތަކުން ފޮރެންސިކް ހެކި ރައްކާކުރުމަށް އދ.އިން ގޮވާލާފައި މިވަނީ ވަށާލާފައިވާ ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުގެ އަސްކަރީ ޙަމަލާތައް ދެމުންދާ ދަނޑިވަޅެއްގައެވެ.

ހަމާސް ޖަމާއަތުން ބޯޑަރު ހުރަސްކޮށް ދިން ހަމަލާތަކަށް ފަހު އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ފެށި މި ހަމަލާގައި މިހާތަނަށް ފަލަސްތީނުގެ 34،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އދ.ގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ގެދޮރު ގެއްލި، އިސްރާއީލުގެ ލޮކްޑައުންގެ ދަށުގައި ބޮޑެތި ސަރަހައްދުތައް ވަނީ ހަލާކުވެފައެވެ.

ކާބޯތަކެތީގެ ދަތިކަމާއި ބޭހާއި އެހެނިހެން ޒަރޫރީ ބޭނުންތަކުގެ ދަތިކަމުގެ ސަބަބުން އިންސާނީ ކާރިސާ އިތުރަށް ވަނީ އެސަރަޙައްދުގައި ގޯސްވެފައެވެ.

ޚާން ޔޫނުސްގެ ނާސިރު ހޮސްޕިޓަލުގައި ތިބި ގިނަ އަދަދެއްގެ މީހުން ދިރިތިއްބާ ވަޅުލިކަމަށް ބެލެވޭ ކަށްވަޅުތަކެއް ފެނިފައިވާ ކަމުގެ ހިތާމަވެރި ރިޕޯޓްތައް ފެންމަތިވެފައިވާއިރު، އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދަނީ މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލަމުންނެވެ. އަދި މިފަދަ ތަހްޤީޤަކަށް ފޮރެންސިކް ހެކި ހިމާޔަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަކަށް އެފަރާތްތަކުން ފާހަގަ ކުރައްވައެވެ.

ކަށްވަޅުތަކުގައި ވަޅުލައިފައިވާ މީހުންގެ ހަށިތައް ނަގާ، ކޮތަޅުތަކެއްގައި ބަންދުކޮށްފައި -- ފޮޓޯ: އަނަޑޯލު
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް