ކ. މާލެ
|
26 އޭޕްރިލް 2024 | ހުކުރު 12:33
އީސީގެ ކުރީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވާހަކަދައްކަވަނީ
އީސީގެ ކުރީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވާހަކަދައްކަވަނީ
އިލެކްޝަންސް ކޮމިޝަން
މާލީ ބަޔާން ހުށަހެޅުން
މަޖިލީހަށް ކުރިމަތިލި ހުރިހާ ކެންޑިޑޭޓުން އަންނަ މަހުގެ 21 ގެ ކުރިން މާލީ ބަޔާން ހުށަހަޅަންޖެހޭ: ހަބީބު
 
މާލީ ބަޔާން ހުށަނާޅާފިނަމަ 1 އަހަރު ދުވަހަށް ޖަލަށްލުން ނުވަތަ 72،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ
 
އެ ބޭފުޅުން ރައްޔިތުންނަށް ނަމޫނާ ދައްކަން ޖެހޭ
 
ގާނޫނު ހަދާ މަޖިލީހަށް ކުރިމަތިލާ ބޭފުޅުން ގާނޫނަށް ތަބާވާންޖެހޭ

20 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލި ހުރިހާ ކެންޑިޑޭޓުން އަންނަ މަހުގެ 21 ގެ ކުރިން މާލީ ބަޔާން ހުށަހަޅަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަބީބު ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލި 368 ކެންޑިޑޭޓުން،​ އިންތިޚާބާގުޅޭ މާލީ ކަންކަމާބެހޭ މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް މަޖިލީހަށް ހޮވުނަށް ނުހޮވުނަސް 21 މެއި 2024 ގެ ކުރިން ކޮމިޝަނަށް ހުށަހަޅަންޖެހޭ ކަމަށެވެ.

ހަބީބު ވިދާޅުވީ މާލީ ބަޔާން ހުށަނާޅާފިނަމަ، ނުވަތަ މާލީ ބަޔާނުގައި ދޮގު މައުލޫމާތެއް ދީފިނަމަ، އެ ކެންޑިޑޭޓެއްގެ އަދަބަކީ، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުން ނުވަތަ 72،000.00 (ހަތްދިހަ ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުން ކަމަށެވެ.

ގާނޫނު ހަދާ މަޖިލީހަށް ކުރިމަތިލާ ބޭފުޅުން ގާނޫނަށް ތަބާވުމުގައި، ރައްޔިތުންނަށް ނަމޫނާއަކަށް ވާންޖެހޭކަން ފާހަގަކޮށް ހަބީބު ވިދާޅުވީ މާލީ ބަޔާނުގައި ހިމަނަންޖެހޭ މައުލޫމާތު ތަކަކީ:-

1. ފައިސާއާއި މުދާ ހިމެނޭގޮތުން، އިންތިޚާބާ ގުޅިގެން ކެންޑިޑޭޓް ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލު.

2. އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 68 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭ ގޮތަށް، އިންތިޚާބުގައި ކެންޑިޑޭޓަށް ތާއީދު ހޯދުމަށްޓަކައި ކޮށްފައިވާ ޚަރަދުތައް ވަކިން އެނގޭގޮތަށް އެ ޚަރަދުތަކުގެ ތަފްސީލު.

3. އިންތިޚާބަށް ޚަރަދު ކުރުމަށްޓަކައި ފައިސާ ހޯދިގޮތުގެ ތަފްސީލު.

4. އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ފައިސާ އާއި ތަކެތި ދިން ފަރާތްތަކާއި އެފަރާތްތަކުން ދިން މިންވަރުގެ ތަފްސީލު.

5. ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ހުޅުވާފައިވާ ބޭންކް އެކައުންޓުން ކޮށްފައިވާ އެންމެހައި މުއާމަލާތްތައް އަންގައިދޭ ބޭންކް އެކައުންޓްގެ ސްޓޭޓްމަންޓް.

މީގެ އިތުރުން ހަބީބު ވިދާޅުވީ ކެންޑިޑޭޓުން ހުށަހަޅާ މައުލޫމާތާއި ތަކެއްޗަކީ ސައްހަ މައުލޫމާތާއި ތަކެތި ކަމަށް އަންގައިދިނުމަށްޓަކައި އެ މައުލޫމާތަކާގުޅޭ ފައިސާގެ ރަސީދު، އިންވޮއިސް، ބިލް އަދި މިފަދަ އެންމެހައި ލިޔެކިޔުމާއި ތަކެތި ހުށަހަޅާ މައުލޫމާތާއި ތަކެއްޗާއެކު ހުށަހަޅަންޖެހޭ ކަމަށެވެ. އަދި ކެންޑިޑޭޓުން ހުށަހަޅާ މައުލޫމާތާއި ތަކެއްޗަކީ ސައްހަ މައުލޫމާތާއި ތަކެތި ކަމަށް އެނގޭގޮތަށް ތައްޔާރުކޮށްފައިވާ އިގުރާރުގައި ކެންޑިޑޭޓާއި އެ ކެންޑިޑޭޓުގެ ރަސްމީ އިންތިޚާބީ އޭޖެންޓް ސޮއިކޮށް އީސީއަށް ހުށަހަޅާ މައުލޫމާތާއި ތަކެއްޗާއެކު ހުށަހަޅަންޖެހޭ ކަމަށް ހަބީބު ވިދާޅުވިއެވެ.

ކެންޑިޑޭޓުން ހުށަހަޅާ މައުލޫމާތާއި ތަކެތި އާންމުކޮށް ބެލޭނެހެން އީސީގެ ވެބްސައިޓުގައި ޝާއިއު ކުރާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް