ކ. މާލެ
|
20 ސެޕްޓެންބަރ 2020 | އާދީއްތަ 05:11
އޭސީޕީ މުޙައްމަދު އާސިފް- ކަރެކްޝަންސްގެ ޤާނޫނަށް ގެންނަ އިސްލާޙުތައް ފައިނަލްކުރީ ޖަލު ޑައިރެކްޓަރުންނާ މަޝްވަރާ ކުރުމަށްފަހު
އޭސީޕީ މުޙައްމަދު އާސިފް- ކަރެކްޝަންސްގެ ޤާނޫނަށް ގެންނަ އިސްލާޙުތައް ފައިނަލްކުރީ ޖަލު ޑައިރެކްޓަރުންނާ މަޝްވަރާ ކުރުމަށްފަހު
ރާއްޖެއެމްވީ
ކަރެކްޝަންސްގެ ޤާނޫނު އިސްލާޙުކުރުން
ކަރެކްޝަންސްގެ ޤާނޫނަށް ގެންނަން ބޭނުންވާ އިސްލާޙުތައް ހޯމް މިނިސްޓަރާ ހިއްސާކޮށްފި
 
އިދާރީ އޮނިގަނޑަށް ގެންނަން ޖެހޭ އިސްލާޙުތައްވެސް ގާތްގަނޑަކަށް ވަނީ ނިމިފައި
 
މުވައްޒަފުންގެ އޮނިގަނޑަށް ގެންނަން ޖެހޭ އިސްލާޙުތައްވެސް ހިއްސާކޮށްފި
 
ޤާނޫނަށް ގެންނަން ކޮންމެހެން ބޭނުންވާ އިސްލާޙުތައް ދެނެގަނެވިފައިވޭ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ޤާނުނަށް ގެންނަން ބޭނުންވާ އިސްލާޙުތައް ޑްރާފްޓް ކުރުމަށްފަހު މިނިސްޓްރީ އޮފް ހޯމް އެފެއާޒާ ހިއްސާކޮށްފިއެވެ.

ހޮނިހިރު ދުވަހު ރާއްޖެޓީވީގެ ޚަބަރުފީތާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު އާސިފް ވިދާޅުވީ، ކަރެކްޝަންސްގެ ޤާނޫނީ ޓީމާއި، ޖަލުތަކުގެ ޑައިރެކްޓަރުންނާ މަޝްވަރާ ކުރުމަށްފަހު، ޤާނޫނަށް ގެންނަން ކޮންމެހެން ބޭނުންވާ އިސްލާޙުތައް ދެނެގަނެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން، ޤާނޫނުގައި މިހާރު ބަޔާން ކޮށްފައިވާ ކަންކަމުގެ ތެރެއިން އިތުރަށް ރަނގަޅު ކުރެވޭނެ ކަންކަންވެސް ދެނެގަނެ، ފައިނަލް ޑްރާފްޓެއް އެކުލަވާލުމަށްފަހު ހޯމް މިނިސްޓަރާ ހިއްސާ ކުރެވިފައިވާކަން އާސިފް ފާހަގަ ކުރެއްވިއެވެ.

ހުރިހާ ޖަލުތަކާއި، އޮފީހުގައި ތިބި ޤާނޫނީ ޓީމާއި، ޖަލުތަކުގެ ޑައިރެކްޓަރުންގެ އެހީތެރިކަމާއެކު މިހާރު ޤާނޫނަށް ގެންނަން ފެންނަ އިސްލާޙުތަކަކީ ކޮބައިތޯ އަޅުގަނޑުމެން ދެނެގަނެ، ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވޭ، އެގޮތުން އަޅުގަނޑުމެންނަށް މިހާރު ވަނީ ޤާނޫނަށް ގެންނަން ބޭނުންވާ އިސްލާޙުތަކަކީ ކޮބައިކަން ދެނެގަނެވިފައި، އަދި ޤާނޫނުގައި މިހާރު ހުރި މައްސަލަތައްވެސް ދެނެގަނެ، އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ހޯދައި އަޅުގަނޑުމެން މިހާރު ވާނީ ފައިނަލް ޑްރާފްޓަކާ ހިސާބަށް އާދެވި މިނިސްޓަރ އޮފް ހޯމް އެފެއާޒްއާއެކު ޤާނޫނަށް ގެންނަން ބޭނުންވާ އިސްލާޙުތައް ހިއްސާކުރެވިފައި
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަން މުހައްމަދު އާސިފް

އާސިފް އިތުރަށް ވިދާޅުވީ، ކަރެކްޝަންސްގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް މުވައްޒަފުންގެ އޮނިގަނޑަށް ގެންނަން ޖެހޭ އިސްލާޙުތައްވެސް މިހާރު ހޯމް މިނިސްޓަރާ ހިއްސާ ކުރެވިފައިވާ ކަމަށެވެ. އަދި ކައިރި މުސްތަޤުބަލެއްގައި އިސްލާޙުތައް ފާސްވެ ތަންފީޒު ކުރެވިއްޖެނަމަ، މުވައްޒަފުންގެ މަސައްކަތްތަކަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އާސިފް ވިދާޅުވިއެވެ.

އޭގެ އިތުރުން، ކަރެކްޝަންސްގެ އިދާރީ އޮނިގަނޑަށް ގެންނަން ޖެހޭ އިސްލާޙުތައްވެސް ގާތްގަނޑަކަށް ނިމިފައިވާކަން އާސިފް ފާހަގަ ކުރެއްވިއެވެ.

ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް އަލިއަޅުވާލައްވާ އާސިފް ވިދާޅުވީ، ރާއްޖޭގެ ޖަލުތަކުގެ ނިޒާމަށް 50 އަހަރު ފުރުން ގާތްވެފައިވާއިރު، ދުނިޔޭގެ ފެންވަރުގެ ރަނގަޅު ޖަލެއް އަދިވެސް ރާއްޖޭގައި ޤާއިމުކުރެވިފައި ނެތް ކަމަށެވެ. އަދި އެއީ ކަރެކްޝަންސްއަށް މިވަގުތު އޮތް ގޮންޖެހުމެއް ކަމަށާއި، އެކަމުގެ ސަބަބުން ޤައިދީންނަށް ދޭންޖެހޭ ބައެއް ކަހަލަ ޚިދުމަތްތައްވެސް މަޑުޖައްސާލަން ޖެހިފައިވާކަން އާސިފް ފާހަގަ ކުރެއްވިއެވެ.

އާސިފް ވިދާޅުވީ، އެކަންކަން ޙައްލު ކުރުމަށް މި ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ނޭކުރެންދޫގައި ޖަލެއް އެޅުމާއި، މާލޭ ސަރަޙައްދުގައި ބޮޑު ޖަލެއް އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، އެ ދެ ޖަލުގެ މަސައްކަތް ނިމުމުން ޖާގައިގެ ދަތިކަމަށް ޙައްލެއް އަންނާނެ ކަމަށް އާސިފް ވިދާޅުވިއެވެ.

ދެ ޤައިދީން ބައިތިއްބަން ޖެހޭ ގޮޅީގައި ޙާލަތު ތަންދޭގޮތުން 4 ޤައިދީންވެސް އެބަ ގެންގުޅެން ޖެހޭ، އެކަންކަން ޙައްލު ކުރުމަށް ޚާއްސަކޮށް މި ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް އެބަ ކުރައްވާ، އެގޮތުން ނޭކުރެންދޫގައި ޖަލެއް އެޅުމުގެ މަސައްކަތެއް އެބަ ކުރައްވާ، ހަމައެއާއެކު މާލޭ ސަރަޙައްދުގައި ބޮޑު ޖަލެއް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ،
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަން މުހައްމަދު އާސިފް

ސަރުކާރު ވުޖޫދަށް އައުމަށް ފަހު ޖަލުގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާއިރު، ޖަލުތަކުގެ ޖާގަ އިތުރުކޮށް ކުރިން ޖަލުގެ ހާލާތު ހުރި ވަރަށްވުރެ ރަނގަޅު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާއި، އިންސާނީ އަދި އެހެނިހެން ވަޞީލަތްތައް އެކަށީގެންވާ ވަރަށް ނެތުމުގެ މައްސަލަތަކަށް ޙައްލު ހޯދައިދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް