ކ. މާލެ
|
26 އޭޕްރިލް 2024 | ހުކުރު 14:25
19 ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
19 ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރާއްޖެއެމްވީ
އެންޓި ޑިފެކްޝަން ގާނޫނު
އެންޓި ޑިފެކްޝަން ޤާނޫނު ރަނގަޅުގޮތުގައި މާނަ ނުކުރީ ކީއްވެ؟
 
މިއަދު އެންޓި ޑިފެކްޝަން ގާނޫނަކީ ބޭކާރު ގާނޫނަކަށް ވަނީ ވެފައި
 
އިންތިޚާބުވި އެއްވެސް މެންބަރެއްގެ މައްޗަށް އެންޓި ޑިފެކްޝަން ގާނޫނު ނުހިނގާނެ ކަމަށް އީސީން ބުނޭ
 
އެންޓި ޑިފެކްޝަން ބިލު ރައީސް މުއިއްޒު، ތަސްދީގު ކުރައްވާފައި ވަނީ އެޕްރިލް 16ގައި

ރައްޔިތުންގެ މަޖިލީހަށް މެންބަރަކު އިންތިޚާބު ކުރުމަށް ގިނަ ބަޔަކު މަސައްކަތް ކުރެއެވެ. މި މަސައްކަތުގައި އެންމެ ބޮޑަށް ބައިވެރިވަނީ އެ ކެންޑިޑޭޓަކަށް ތާއީދުކުރާ ރައްޔިތުންނާއި އެ މެންބަރަކު ނުކުންނަ ސިޔާސީ ޕާޓީއަކުންނެވެ. ގިނަ ބައެއްގެ ބުރަ މަސައްކަތުން މެންބަރަކު މަޖިލީހަށް އިންތިޚާބު ކުރުމުން ދައުރުގެ ވަކި ހިސާބަކުން ޕާޓީ ބަދަލުކުރާ މައްސަލަ މިފަހުން ވަނީ ވަރަށް ބޮޑުވެފައެވެ. މިކަމާއި ގުޅިގެން ސިޔާސީ ބޭފުޅުންނަށް ރައްޔިތުންގެ ވަރަށް ގިނަ ފާޑުކިޔުމާއި ނުރުހުން ވެސް އަމާޒުވެއެވެ. އަދި މެންބަރުން ގޮނޑި ބަދަލުކުރަނީ ރިޝްވަތު ނަގައިގެން ކަމަށް ގިނަ ބަޔަކު ތުހުމަތު ވެސް ކުރެއެވެ. މިމައްސަލައަށް ގާނޫނުން ހައްލު ގެންނަންޖެހޭ ކަމަށް ސިޔާސީ ބައެއް ބޭފުޅުން ހިމެނޭހެން ގިނަ ބަޔަކު ގޮވާލިއެވެ. މި އަޑު އިތުރަށް ގަދަވެގެންދިޔައީ 19 ރައްޔިތުން މަޖިލީހުގެ އެމްޑީޕީގެ ފަރާތުން މަޖިލިސް ގޮނޑި ކާމިޔާބު ކުރެއްވި ގިނަ އަދަދެއްގެ މެންބަރުން ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއާ ގުޅިވަޑައިގެން ހިސާބުންނެވެ.

މިއާއެކު މިމައްސަލަ ހައްލު ކުރުމަށް 19 ވަނަ ރައްޔިތުން މަޖިލީހުން މަސައްކަތް ފެށިއެވެ. ނަތީޖާއެއް ގޮތުން މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ އަމިއްލައަށް އިސްތިއުފާ ދޭން ޖެހޭ ގޮތަށް ކަނޑައަޅާ، އެންޓި ޑިފެކްޝަން ގާނޫނު ފާސްކޮށް އެ ގާނޫނު ވަނީ ތަސްދީޤު ވެސް ކޮށްފައެވެ.

އެންޓި ޑިފެކްޝަން ގާނޫނު ބުނާ ގޮތުން މިފަދަ އެއްވެސް ހާލަތެއް ދިމާވެއްޖެނަމަ މެންބަރު އަމިއްލައަށް އިސްތިއުފާ ދޭން ޖެހެއެވެ. ނަމަވެސް އިސްތިއުފާ ނުދީފިނަމަ ދެން އަމަލުކުރާނެ ގޮތެއް މި ޤާނޫނުގައި ބަޔާންކޮށްފަ ނެތެވެ.

މި ބިލަކީ 2024 އެޕްރީލް މަހުގެ 1 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ. އެންޓި ޑިފެކްޝަން ބިލު (ޤާނޫނު ނަންބަރު: 2024/3) ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތަސްދީގު ކުރައްވާފައި ވަނީ އެޕްރިލް 16ގައެވެ.

އެންޓި-ޑިފެކްޝަން ގާނޫނަކީ، ދިވެހިރާއްޖޭގައި ހިންގަމުންދާ މަލްޓި-ޕާޓީ ސިސްޓަމްގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ޤާއިމުކޮށްފައިވާ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި، އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އެ މީހަކު ވަކިކޮށްފިނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ، ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، ނުވަތަ އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިޚާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެފަދަ މެންބަރެއްގެ ގޮނޑިއާމެދު އަމަލުކުރާނޭ ގޮތް ކަނޑައެޅުމާއެކު، އެފަދައިން ގޮނޑި ހުސްވާ ހާލަތްތަކުގައި ބައި-އިލެކްޝަން ބޭއްވުމާގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުމުގެ ގާނޫނެވެ.

މި ގާނޫނު ވުޖޫދުކުރީ ވަރަށް ރަނގަޅު މަގުސަދެއްގައެވެ. ނަމަވެސް 21 އޭޕްރީލް 2024 ގައި ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރިތާ އެއްދުވަސްފަހުން އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންތަކެއް ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި އިންތިޚާބު ވަޑައިގެން ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަތުމުން އެކަމާއި ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. ގާނޫނުގެ ދަށުން އެ ކެންޑިޑޭޓުންގެ ގޮނޑި ނުގެއްލެންވީ ކީއްވެގެންތޯ މިއީ އުފެދޭ ސުވާލެއް ނޫންތޯއެވެ.

މިމައްސަލާގައި ހިޔާލު ތަފާތުވުން އުފެދިފައިވަނިކޮށް އިންތިޚާބުތަކާއި ބެހޭ ބެލެނިވެރި ފަރާތް ކަމަށްވާ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އިންތިހާބުގެ ފަހުން ޕާޓީ ބަދަލުކުރިއަސް، ޕާޓީއަކާއި ގުޅުނަސް، އެ މެންބަރެއްގެ ދައުރު ނުފެށޭހާ ހިނދަކު މެންބަރުގެ ގޮނޑި ނުގެއްލޭނެ ކަމަށެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވެފައިވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި އެއްވެސް މެންބަރެއްގެ މައްޗަށް އެންޓި ޑިފެކްޝަން ގާނޫނު ނުހިނގާނެ ކަމަށެވެ. އެއީ އެ ގާނޫނު ހިނގާނީ މެންބަރަކު ހުވާކޮށް، ދައުރު ފަށާ ދުވަހުން ފެށިގެން ކަމަށް ވާތީކަމުގައި އޭނާ ވިދާޅުވިއެވެ. އަދި ގާނޫނުގައި އޮންނަނީ ވެސް މެންބަރެއްގެ ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކުރުމުގެ ވާހަކައާއި މިނިވަން މެންބަރުން ސިޔާސީ ޕާޓިއާ ގުޅުމުގެ ވާހަކަ ކަމަށް ހަސަން ވިދާޅުވިއެވެ.

މީގެ އިތުރުން މި ގާނޫނުން މިހާބޮޑު ހުސް ކަމެއް ސަރުކާރަށް ފެނުނުއިރު، މި ގާނޫނު ރައީސް މުއިއްޒު ތަސްތީގުކުރެއްވީ ރަނގަޅު މަގުސަދެއް ކަމާއިމެދު ވެސް ސުވާލު އުފެދެއެވެ. އެމަނިކުފާނަށް އެކަން ސަމާލުކަމަށް ގެނެސް، މިގާނޫނު އަނބުރާ މަޖިލީހަށް ފޮނުވާލުމުގެ ބާރު ވެސް ލިބިގެންވެއެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ނުކުރައްވާ ފެނިގެން މި ދިޔައީ ޕީއެންސީއާއި ކެންޑިޑޭޓުންތަކެއް ގުޅުނު މަންޒަރެވެ.

އެހެންކަމުން މިއަދު އެންޓި ޑިފެކްޝަން ގާނޫނަކީ ބޭކާރު ގާނޫނަކަށް ވެ ނިމިއްޖެއެވެ. ނަމަވެސް އެގާނޫނު ވެސް ރަނގަޅު ގޮތުގައި މާނަކުރުމުގެ ފުރުސަތު އެބައޮތެވެ. މިހާރު އެދައްކާ އުޒުރުން އެއްކިބާވެ، އެ ގާނޫނު އިސްލާހު ކުރާނަމަ ކުރަންޖެހޭނީ މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާ ލިބުމާއެކު ސިޔާސީ ޕާޓީ ބަދަލުކުރާނަމަ ނުވަތަ މިނިވަން ކެންޑިޑޭޓަކު ޕާޓީއާ ގުޅޭ ކަމަށްވާނަމަ ގޮނޑި ގެއްލޭ ގޮތަށް ނޫންތޯއެވެ. ވައްކަން ކުރަން ބޭނުންވާ މީހަކު ވައްކަން ކުރެވޭނެ ގޮތަށް ގާނޫނު މާނަކުރާކަމަށްވާނަމަ ރާއްޖޭގައި ހެދިފައިވާ ހުރިހާ ގާނޫނަކުން ވެސް މިފަދަ ގިނަ މައްސަލަތައް ފާހަގަކުރެވޭނެ ކަމާމެދު ޝައްކަތްނެވެ. ދީނީ ކަންކަމުގައި ހިޔާލު ތަފާތުވުންތައް އުފެދޭއިރު، އަމިއްލަ އަތުން ހަދާ ގާނޫނަކުން ވެސް ފެންނާނެ ގިނަ މައްސަލަތައް ހުންނާނެ ނޫންތޯއެވެ.

ނަމަވެސް ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު، މިގާނޫނުގައި ބުނާ އެއްޗެއް ފަހުމްނުވާ މީހަކު ހުންނާނެހެނެއް ހިޔެއްނުވެއެވެ. ނަމަވެސް މިއަދުގެ ސަރުކާރުން ކުރަން ބޭނުންވާ ކަމަށްވާތީވެ، މިކަމަށް މިިނިވަން މުއައްސަސާތަކާއި، ކޮމިޝަންތަކުން ވެސް އިޖާބަދެނީއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެއީ މިއަދު މިނިވަން ކެންޑިޑޭޓުންނަށް ވޯޓު ދިން ރައްޔިތު މީހާގެ ހައްގު ގެއްލުނު މަންޒަރު މިއިން އެއްވެސް ކޮމިޝަނަކަށް ނުފެންނާތީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް