އާދީއްތަ 12 ޖުލައި 2020
12 ފުނޯސް
1441 ޒުލްގައިދާ 21
ފަތިސް 04:42
އިރުއަރާ 06:00
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ޑްރައިވަރުން

ހުރިހާ އަނިޔާއެއް ޑްރައިވަރުންނަށް، ޝަކުވާތައް އަޑު އައްސަވާ!

  • ޖޫރިމަނާ ކުރާތީ ކަންބޮޑުވޭ
  • އެމްޕީއެލް އިން ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ކަމަށް އެސޯސިއޭޝަން އިން ބުނޭ

ކ. މާލެ | 24 އޮކްޓޯބަރ 2019 | ބުރާސްފަތި 16:49 | 8,862

21 އޮގަސްތް ގައި ބޭއްވުނު ހަޅުތާލުގެ ތެރެއިން - ގޫގުލް

ހެނދުނު 06:00 ހަވީރު 06:00 ނޫން ގަޑިތަކުގައި ކޮންސްޓްރަކްޝަން އަށް ބޭނުންވާ ތަކެތި ގަނޑުކޮށް އުފުލުން މަނާ ކޮށް ޓްރާންސްޕޯޓު މިނިސްޓްރީއިން ގަވާއިދެއް އެކުލަވާލީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ. ޓްރާންސްޕޯޓު މިނިސްޓްރީގެ މި ގަވާއިދުގައި ބުނާގޮތުން މާލެ އަދި ހުޅުމާލެއަށް ގަނޑުކޮށް އުފުލާ ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި އަދި އިމާރާތްކުރުމަށް ބޭނުންކުރާ ގާ ފަދަ ތަކެތި ހަވީރު 06:00 އިން ހެނދުނު 06:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި އުފުލެއެވެ. މިގޮތަށް ހަމަޖެއްސި ނަމަވެސް މިނިސްޓްރީން ބުނެފައިވަނީ ސްކޫލް ފެށޭ ގަޑިއާއި ނިމޭ ގަޑީގައި އެ ސަރަހައްދުގައި އެއްވެސް އުޅަނދެއްގައި، މުދާ އުފުލުމަކީ މަނާ ކަމެއް ކަމަށެވެ.

މިގޮތަށް ގަވާއިދު އެކުލަވާލާފައި އޮންނަތާ އެތައް މަހެއް ފާއިތުވެއްޖެއެވެ. ގަވާއިދާ ޚިލާފަށް އަމަލު ކުރާ ކޮންމެ ފަރާތެއް "އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދު"ގެ 12 ވަނަ މާއްދާގެ ދަށުން 750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އޮތް އިރުވެސް، ބައެއް ފަރާތްތަކުން މި ގަވާއިދާއި ޚިލާފުވާ ކަމުގެ އަޑު ރަށުތެރެއަށް މި ވަނީ ފެތުރިފައެވެ.

އެގޮތުން ދާދި އިހަކަށް ދުވަހު މި ކަމާއި ގުޅިގެން ޕޯޓްސް ޑްރައިވާރސް އެސޯސިއޭޝަނުން ވަނީ ޑްރައިވަރުންގެ އަޑު އެމްޕީއެލްގެ އިސްވެރިންނަށް އިއްވުމަށްޓަކައި ކަސްޓަމްސް ސަރަހައްދުގައި ހަޅުތާލެއްވެސް ކޮށްފައެވެ.

ޕޯޓްސް ޑްރައިވަރސް އެސޯސިއޭޝަންގެ ފަރާތުން ހަސަން ސިރާޖު ރާއްޖެއެމްވީއަށް ދިން އިންޓަވިއުއެއްގައި ބުނީ އެ އެސޯސިއޭޝަނުގެ ވަރަށް ގިނަ ޑްރައިވަރުން އެމްޕީއެލްގެ މުދާ އުފުލުމުގައި ހަރަކާތްތެރިވާ ކަމަށެވެ. އަދި އެމްޕީއެލް އިން ގަވާއިދާ ޚިލާފު ގަޑިތަކުގައި ކޮންސްޓްރަކްޝަނަށް ބޭނުންވާ ތަކެތި ނެރުމުގެ ސަބަބުން ގިނަ އަދަދެއްގެ ޑްރައިވަރުން ޖޫރިމަނާ ކޮށްފައިވާ ކަމަށް އެމީހުން ބުންޏެވެ.

" އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ކުދިން އެމްޕީއެލް އިން ނެރޭ މުދާ ތަކުގެ ތެރޭގައި ކޮންސްޓްރަކްޝަން މެޓީރިއަލް މި އަންނަނީ މިފަހަކުން ހަމަ ނެރެމުން. ކޮންސްޓްރަކްޝަން މެޓީރިއަލްސް އެހެން ނެރުމުގެ ސަބަބުން އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ކުދިން ވަނީ ފައިން ކުރެވިފަ

~ ޕޯޓްސް ޑްރައިވާރސް އެސޯސިއޭޝަންގެ ފަރާތުން ހަސަން ސިރާޖު

ސިރާޖު ބުނީ މިހާރު ކަމާބެހޭ ފަރާތްތަކަށް އެ މައްސަލަ ހުށަހަޅާފައިވާނެ ކަމަށެވެ.

އަޅުގަނޑުމެންނަށް އެބަ މަޖުބޫރުކުރުވޭ ދަތުރު ކުރަން. މިތާ ކިއު ކައުންޓަރުން ލޮރީ ތަކުން ދަތުރުކުރުމަށް ވަދެފަ، އަދި އެ މުދާ ބަރުކޮށްގެން ބޭރަށް ނިކުންނަ ތަނުން ޓްރެފިކް ޕޮލިހޖުން އަޅުގަނޑުމެން އައިއްސަ އެބަ ފައިން ކުރޭ. މި ގަވާއިދު އަޅުގަނޑުމެންނަށް ދައްކާފަ. މި ކަމުގައި އަޅުގަނޑުމެން އައިން ތަކުރާރުކޮށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި ވާހަކަ ދައްކަން، މަޝްވަރާކުރަމުން. އަދި އެދެވޭ އެއްވެސް ބަދަލެއް، ޖަވާބެއް ނުލިބޭ

~ ޕޯޓްސް ޑްރައިވާރސް އެސޯސިއޭޝަންގެ ފަރާތުން ހަސަން ސިރާޖު

ހޯމަ ދުވަހު ހިނގާދިޔަ ހާދިސާއެއް ހިއްސާ ކުރަމުން ސިރާޖު ބުނީ ކޮންސްޓަރަކްޝަނަށް ބޭނުންކުރާ ތަކެތި ނެރެމުންދިޔަ އިރުވެސް އެމްޕީއެލް އަށް އެގޮތަށް ކަންތައްތައް ނުކުރުމަށް އެދެމުން ދިޔަ ކަމަށެވެ.

ސިރާޖުގެ ވާހަކައަށް އިޢުތިރާފުވަމުން ޑްރައިވާރސް އެސޯސިއޭޝަންގެ ބޯޑު މެމްބަރެއް ކަމަށްވާ އަބްދުﷲ ނަސީރުވެސް ވަނީ ޑްރައިވަރަކަށް ދިމާވި ޙަޤީޤީ ޙާދިސާއެއް ހިއްސާ ކޮށްފައެވެ.

" ސީދާ ގަވާއިދުގައި އޮންނާނެ ބުނެފަ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މޭޓީރރިއަލް އެއްޗެހި ނުއުފުއްލޭނެ ކަމަށް. އިރުއޮއްސި ހަޔަކުން އިރުއަރާ ހަޔަކަށް ނޫނީ ނުއުފުއްލޭނެ ކަމަށް. ކުރީ ދުވަހުވެސް އަޅުގަނޑުމެންގެ ބަޔަކު އެއްޗެހިތައް މިތަނުން މަޖުބޫރުކޮށްގެން އަރުވައިގެން ބަޔަކު ނުކުމެ، މަގުމައްޗަށް ނުކުމެ އުޅެނިކޮށް ޓްރެފިކް މީހުން ހިފެހެއްޓީ. ހިފަހައްޓާފައި 750 ން ޖޫރިމަނާ ކުރީ."

~ ޕޯޓްސް ޑްރައިވާރސް އެސޯސިއޭޝަންގެ ބޯޑު މެމްބަރެއް ކަމަށްވާ އަބްދުﷲ ނަސީރު

އަދި މި މައްސަލައިގައި ޖޫރިމަނާ ސްލިޕް ހިފައިގެން ދިޔައީ ޓްރާންސްޕޯޓު މިނިސްޓްރީއަށް ކަމަށް ނަސީރު ބުންޏެވެ.

ނަސީރު ބުނީ މިގޮތަށް ކަންތައްތައް ވަމުންދާތީ ހަގީގަތުގައި ވަރަށް ބޮޑު ގެއްލުމެއް ވަމުންދާކަމަށެވެ. ދުވާލަކަށް އާމްދަނީގެ ގޮތުގައި 420 ރުފިޔާ ލިބޭ އިރު ކޮންމެ ދުވަހަކު 750 ރުފިޔާއިން ޖޫރިމަނާ ކުރާތީ ފާއިދާއަށް ވުރެ ލިބޭ ގެއްލުން ބޮޑު ކަން ނަސީރު ފާހަގަ ކުރިއެވެ.

މި މައްސަލައިގައި އެމްޕީއެލްގެ ބަހެއް ހޯދާލުމުން އެމްޕީއެލް އިން ބުނީ އެމްޕީއެލް އިން ކަންތައްތައް ކުރަނީ ގަވާއިދާއި އެއްގޮތަށް ކަމަށެވެ. އަދި އެތަނުން ބޭރު ކުރާ ތަކެއްޗަކީ ގަވާއިދުގައި މަނާ ކަމަށް ނުހިމެނޭ ތަކެތި ކަމަށެވެ.

ޑްރައިވަރުން ބުނަމުން ގެންދަނީ ހުރިހާ އަނިޔާއެއް ލިބެމުން ދަނީ އެމީހުންނަށް ކަމަށެވެ. މިކަންތައްތަކާއި ދެކޮޅަށް އަޑުއުފުލާތާ އެތައް ދުވަހެއް ވެފައިވާކަން ފާހަގަކޮށް ނަސީރު ބުނީ ކަމާބެހޭ ފަރާތަކުން އެދެވޭ އެއްވެސް ޖަވާބެއް ނުލިބޭ ކަމަށެވެ.

ގޮސްސަ އަޅުގަނޑުމެން އެތަންތަނަށް ގޮސްފައި ވާހަކަ ދެއްކީމަ އެތަންތަނަކުން އަޅުގަނޑުމެންނަށް އެދެވޭ ޖަވާބެއް ނުލިބޭ. އަޅުގަނޑުމެންނަށް އެއްވެސް އަމަލެއް ރަނގަޅުކޮށްދޭކަށް ނޫޅޭ.

~ ޕޯޓްސް ޑްރައިވާރސް އެސޯސިއޭޝަންގެ ބޯޑު މެމްބަރެއް ކަމަށްވާ އަބްދުﷲ ނަސީރު

ޑްރައިވަރުންގެ ޝަކުވާތައް ސަރުކާރުގެ އިސްވެރިންނަށް އަޑު އިއްވައިދިނުމަށް އެ އެސޯސިއޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބުރާސްފަތި ދުވަހު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލުކޮށްފައެވެ. އަދި އެ އެސޯސިއޭޝަން އިން ބުނީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއެކު އާދީއްތަ ދުވަހު ބައްދަލުކުރަން ހަމަ ޖެހިފައިވާ ކަމަށެވެ.

ޙައްލުނުވެ ޒަމާންތަކެއް ވެފައިވާ މި މައްސަލަ ބަލާ ތަހުގީގުކޮށް ފިޔަވަޅު އެޅުމަކީ ދިވެހި ޑްރައިވަރުންގެ ވެސް، އަދި ދިވެހި ރައްޔިތުން ކުރަމުން ދާ އުއްމީދެވެ. ދިވެހި ޑްރައިވަރުން ތިބީ ސަރުކާރުގެ އިސްވެރިންގެ އެއްބާރުލުން ލިބޭނެ ދުވަހަކަށެވެ. ހުރިހާ ރައްޔިތުންވެސް ގޮވާލަމުން ދަނީ ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ކުރުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.