ހުކުރު 15 ނޮވެންބަރު 2019
02 ނޮރަ
1441 ރަބީއުލް އައްވަލް 18
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05
ދުނިޔެ - ތުރުކީން ސީރިޔާގައި ދެމުންގެންދާ ހަމަލާތައް

ތުރުކީގެ ހަމަލާތައް ހުއްޓާނުލައިފިނަމަ، އެ ޤައުމުގެ އިގްތިސާދު ފުނޑާލާނަން : ޓްރަމްޕް

  • ތުރުކީވިލާތުން ސީރިޔާއަށް ހަމަލާދޭން ފަށާފައިވަނީ ބުދަ ދުވަހުގަ
  • އެމެރިކާއިން ވަނީ ތުރުކީވިލާތާ އެކު ކުރަމުންދިޔަ 100 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ހުއްޓާލާފައި
  • އެމެރިކާގެ ރައީސް ވަނީ ވަގުތުން ވަގުތަށް ހަމަލާތައް ހުއްޓާލުމަށް ތުރުކީއަށް އިލްތިމާސްކޮށްފަ

އަމަން ހަލީމް
soupized

ކ. މާލެ 15 އޮކްޓޯބަރ 2019 | އަންގާރަ 23:53 5,605

ތުރުކީވިލާތުން ދިން ހަމަލާއެއްގެ ސަބަބުން ސީރިޔާގެ ރަސް-އަލް-އައިން އަވަށުގެ ތަނެކުން އަރަމުންދާ ދުންގަނޑެއް - އޭއެފްޕީ/ގެޓީ

ސީރިޔާގެ ކުރުދީ ހަނގުރާމަވެރިންނަށް އަމާޒުކޮށް، ތުރުކީވިލާތުން ދެމުންގެންދާ ހަމަލާތައް ހުއްޓާނުލައިފިނަމަ، އެ ގައުމުގެ އިގްތިސާދު "ފުނޑާލާނެކަމަށް" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފި އެވެ.

ޓްރަމްޕްގެ ރިޔާސީ އޯޑަރެއްގެ ދަށުން، އެމެރިކާއިން ތުރުކީއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އިރު، ވަގުތުން ވަގުތަށް ހަމަލާ ދިނުން ހުއްޓާލުމުގެ އެއްބަސްވުމަކަށް ދިއުމަށް ޓްރަމްޕް ވަނީ ގޮވާލައްވާފައެވެ. އަދި މިކަމާއި ގުޅޭ މަޝްވަރާތަކަށް، އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އާއި ގައުމީ ސަލާމަތާ ބެހޭ މުޝީރު ރޮބަރޓް އޯބްރަޔަން، އަންކާރާއަށް ފޮނުވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި، އެމެރިކާއާ ތުރުކީއާ ދެމެދު މަޝްވަރާ ކުރެވެމުންދާ 100 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ހުއްޓާލުމާއި، އެމެރިކާއިން ތުރުކީއަށް އެތެރެކުރާ ދަގަނޑުގެ ޓެރިފް 50 އިންސައްތަ އިތުރުކުރުން ހިމެނެއެވެ. އަދި ތުރުކީ ސަރުކާރުގެ ތިން އޮފިޝަލަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އިރު، އެ ގައުމުގެ ދިފާއީ ވުޒާރާ އާއި ހަކަތައިގެ ވުޒާރާ އަށް ވެސް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ތުރުކީ ސަރުކާރުގެ އިސް އޮފިޝަލުންނަކީ އެ ގައުމުގެ ދިފާއީ ވަޒީރު ހުލޫސީ އަކަރް އާއި، އިންޓީރިއަރ މިނިސްޓަރު ސުލޭމާން ސޮއިލޫ އަދި ހަކަތައިގެ ވަޒީރު ފާތިން ޑޮންމޭޒްއެވެ. އެ ފަރާތްތައް ވަނީ އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓުން ބްލެކްލިސްޓް ކޮށް، އެމެރިކާ އަދި އެމެރިކާއާ ގުޅުންހުރި އެއްވެސް މުއާމަލާތެއް ކުރުން މަނާކޮށްފައެވެ.

ތުރުކީއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް، އިރުއުތުރު ސީރިޔާއަށް ދެމުންގެންދާ ހަމަލާތަކުގައި ބައިވެރިވަމުން އަންނަ ތުރުކީގެ ސަރުކާރާއި، ސަރުކާރާ ގުޅުންހުރި ފަރާތްތަކާއި އެހެނިހެން ވުޒާރާތަކާއި އަދި އަމިއްލަ ފަރުދުންގެ މައްޗަށް ވެސް ހިނގާނެ ކަމަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ އާންމުކުރި ބަޔާނެއްގައި ވެއެވެ.

ހަމަލާތަކާއި ގުޅިގެން، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާނަށް ސީދާ ފޯނުން ގުޅުއްވާ ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ނައިބު ރައީސް ޓްރަމްޕް ވިދާޅުވެފައިވެއެވެ. އަދި އެ ފޯން ކޯލްގައި ތުރުކީން މިހާރު ދެމުން ގެންދާ ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާއަކަށް މަގުފަހި ކުރާ ކަހަލަ އަމަލުތަކެއް ކަމަށް އުރުދުޣާނަށް ހަނދުމަފުޅު އެރުއްވި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ސީރިޔާއާއި ތުރުކީގެ ސަރަހައްދީ ރޮނގު ހުރަސްކޮށް، ކުރުދީ ހަނގުރާމަވެރިންނަށް އަމާޒުކޮށް، ތުރުކީން ހަމަލާދޭން ފަށާފައިވަނީ ވަނީ މިދިޔަ ބުދަ ދުވަހުގައެވެ. ތުރުކީން ހަމަލާދީފައި ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން ދިޔަ އެމެރިކާގެ ވަފްދުތައް، އެ ސަރަހައްދު ދޫކޮށް ދިއުމަށް ފަހުގައެވެ.

ތުރުކީއިން ގަބޫލުކުރާ ގޮތުގައި، ސީރިއާގައި ހަރަކާތްތެރިވާ ކުރުދީ ޖަމާއަތަކީ، ތުރުކީއިން ވަކިވެގަތުމަށް މަސައްކަތްކުރާ ކުރުދީ ޖަމާއްތަތަކާ ގުޅުން އޮންނަ ބައެއް ކަމުގައެވެ. ތުރުކީން ވަނީ އެ ކުރުދީ ޖަމާއަތްތަކަކީ ޓެރަރިސްޓު ޖަމާއަތްތަކެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް