ކ. މާލެ
|
31 އޯގަސްޓް 2017 | ބުރާސްފަތި 16:27
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރާ ބޭނަޒީރު ބުއްޓޫ
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރާ ބޭނަޒީރު ބުއްޓޫ
ގޫގުލް
ބޭނަޒީރު ބުއްޓޫ
ބުއްޓޫގެ މަރު: 2 މީހުން ޖަލަށްލައި، ފަސް މީހަކު މިނިވަންކޮށް، މުޝައްރަފް ހޯދަނީ
 
ޕަރްވޭޒް މުޝައްރަފްގެ މުދާ ދައުލަތަށް ނެގުމަށް ވަނީ އަމުރުކޮށްފަ
 
ޖަލަށް ލާފައިވަނީ ފުލުހުންގެ ކުރީގެ އިސް ދެ މީހުން
 
ބުއްޓޫ މަރާލާފައި ވަނީ 27 ޑިސެމްބަރ 2007 ގައި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރާ ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލި މައްސަލައިގައި ޕާކިސްތާނު ފުލުހުންގެ ކުރީގެ އިސް ދެ އޮފިސަރެއްގެ މައްޗަށް ޖަލު ޙުކުމް އިއްވައި، އެ ޤައުމުގެ ކުރީގެ ރައީސް ޖެނެރަލް (ރޓޑ.) ޕަރްވޭޒް މުޝައްރަފްއަކީ ފިލައިގެން އުޅޭ ކުއްވެރިއެއްކަމަށް ޕާކިސްތާނުގެ އެންޓި ޓެރަރިޒަމް ކޯޓުން ނިންމައިފިއެވެ.

މީގެ އިތުރުން އެ ކޯޓުން ވަނީ މި މައްސަލައިގައި ތުޙުމަތު ކުރެވުނު 5 މީހެއްގެ މައްޗަށް މައްސަލަ ސާބިތު ނުވާކަމަށްވެސް ނިންމާފައެވެ.

މި މައްސަލައިގައި ބުއްޓޫ އަވަހާރަކޮށްލުމަށް އެހީވެ، އެކަމަށް ހިތްވަރުދިންކަމަށް ނިންމައި 17 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވަނީ، ޕާކިސްތާނު ފުލުހުންގެ ކުރީގެ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް ސައުދު އަޒީޒާއި ކުރީގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޚުއްރަމް ޝެހެޒާދެވެ. މި ދެމީހުންކުރެ ކޮންމެ މީހެއްގެ މައްޗަށް، ދައުލަތަށް ފަސް ލައްކަ ޕާކިސްތާނު ރުޕީޒްގެ ޖޫރިމަނާއެއް ދެއްކުމަށްވެސް ވަނީ ޙުކުމް ކޮށްފައެވެ.

ޕާކިސްތާނު ފުލުހުންގެ ކުރީގެ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް ސައުދު އަޒީޒާއި ކުރީގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޚުއްރަމް ޝެހެޒާދް

މި ދެ އޮފިސަރުންގެ ތެރެއިން ސައުދު އަޒީޒުގެ މައްޗަށް ބުއްޓޫ އަވަހާރަކޮށްލުމުގައި ބައިވެރިވުމުގެ ތުޙުމަތު ކޮށްފައިވަނީ، ބުއްޓޫގެ ސެކިއުރިޓީއަށް ކަނޑައަޅާފައި ހުރި ފުލުހުންގެ އިސް އޮފިސަރަކު، ބުއްޓޫއަށް ދިން ހަމަލާގެ ވަގުތު ކޮޅެއް ކުރިން ކުއްލި ގޮތަކަށް އެހެން ސަރަޙައްދަކަށް ފޮނުވުމާއި، ހެއްކަށް ނުފޫޒު ފޯރުވައި، މައްސަލައިގެ ހެކި އޮޅުވާލުމާއި، ބުއްޓޫގެ މަރަށްފަހު އެކަމަނާގެ އޮޓޮޕްސީ ނުހެދުމާއި ގުޅިގެންނެވެ.

ޕާކިސްތާނުގެ ކުރީގެ ރައީސް ޖެނެރަލް (ރޓޑ.) ޕަރްވޭޒް މުޝައްރަފްގެ މައްޗަށް ބުއްޓޫ އަވަހާރަކޮށްލުމަށް ރޭވިކަމުގެ ތުޙުމަތު ކުރެވޭއިރު، ފިލައިގެން އުޅޭ ކުއްވެރިއެއްކަމަށް ކަނޑައަޅައި ކޯޓުން ވަނީ އެމަނިކުފާނުގެ ހުރިހާ މުދަލެއް ދައުލަތަށް ނެގުމަށް އަމުރުކޮށްފައެވެ.

ޕާކިސްތާނުގެ ކުރީގެ ރައީސް ޖެނެރަލް (ރޓޑ.) ޕަރްވޭޒް މުޝައްރަފް

މި މައްސަލައިގައި ކުށް ސާބިތު ނުވާކަމަށް ނިންމައި މިނިވަން ކޮށްފައިވާ ރަފަޤަތު ޙުސައިނާއި، ހުސްނައިން ގުލް އާއި ޝޭރް ޒަމާން އާއި އޭތުޒާޒް ޝާޙުގެ އިތުރުން ޢަބްދުއްރާޝިދު އަކީ ތަޚްރީރީ ޠާލިބާނަށް ނިސްބަތްވާ ކަމަށް ބެލެވޭ ބައެކެވެ.

ޕާކިސްތާނު ޕީޕަލްސް ޕާޓީ (ޕީޕީޕީ) ގެ ކުރީގެ ވެރިޔާ އަދި ދެ ފަހަރެއްގެ މަތިން ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭނަޒީރު ބުއްޓޫއަކީ، ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ކަމާއި، އެ ޤައުމުގެ ބޮޑުވަޒީރުކަމާއި ރައީސްކަން ވެސް ކުރެއްވި ޒުލްފިކާރް އަލީ ބުއްޓޫގެ ދޮށީ ދަރިކަނބަލުންނެވެ. ބޭނަޒީރު ބުއްޓޫ އަވާހާރަކޮށްލީ އިންތިޚާބީ ކެމްޕެއިން ރެލީއަކަށް ފަހު ޕަވަލްޕިންޑީގެ ރާވަލް ޓައުންގައި ހުންނަ ލިއާގަތު ބާޤް މައިދާނުން ނުކުންނަވަނިކޮށް ދިން ބޮމާއި ބަޑިގެ ހަމަލާއެއްގައި 2007 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް