ކ. މާލެ
|
8 މާރޗް 2024 | ހުކުރު 08:06
އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން
އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން
ރޮއިޓާސް
ޣައްޒާ ހަނގުރާމައިގެ ރިޕޯޓް
ތުރުކީގެ އޮމްބަޑްސްޕާސަން އިންސްޓިޓިއުޝަނުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޮނުވި ޣައްޒާ ރިޕޯޓް
 
އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 30،700 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 72،000 އަށް ވުރެ ގިނަ މީހުން މިހާތަނަށްވަނީ ޒަހަމްވެފައި

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ނުރައްކާތެރި ޙަމަލާތައް ހަވަނަ މަހަށް ދިގުލައިފައިވާއިރު، ފަލަސްޠީނުގެ ޣައްޒާގެ ޙާލަތާ ބެހޭގޮތުން އެކި ސިފަސިފައިގައި އެންމެ ފުޅާދާއިރާއެއްގައި ވަކާލާތު ކުރާ އެއްގައުމަކީ ތުރުކީއެވެ. ދުނިޔޭގެ އެއްވެސް ގައުމަކުން ޚާއްޞަކޮށް އަރަބި ބޮޑެތި ސަރުކާރުތަކުން މިމައްސަލައަށް ހައްލެއް ހޯދައިދިނުމުގައި އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމުގެ ޝަކުވާ އެކި ފަރާތްތަކުން ކުރަމުން ދާއިރު، ޣައްޒާ ހަނގުރާމައާއި ގުޅޭ ތަފްޞީލީ މައުލޫމަތު ހިމަނައި، ތުރުކީގެ ރަސްމީ ރިޕޯޓެއް ދުނިޔޭގެ އެކި ކަންކޮޅުތަކަށް މިވަނީ ފޮނުވާފައެވެ.

މި ރިޕޯޓަކީ "މީހުން މެރުމާއި، ގަތުލުއާންމު ހިންގުމާއި، ހަނގުރާމައިގެ ޖަރީމާތަކާއި، އެފަދަ ޖަރީމާތައް ހިންގުމުގައި" ޒިންމާވާ ފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމުގައި ހެތްކެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މަޤްޞަދުގައި ފޮނުވާފައިވާ ރިޕޯޓެއް ކަމަށް ތުރުކީގެ ޗީފް އޮމްބަޑްސްޕާސަން ސެރެފް މަލްކޮކް ވިދާޅުވެއެވެ.

"ޣައްޒާ: އަ ސްޕެޝަލް ރިޕޯޓް އޮން ދަ ޑިޒާސްޓާ އޮފް ހިއުމަނިޓީ" ގެ ނަމުގައި ތުރުކީގެ އޮމްބަޑްސްޕާސަން އިންސްޓިޓިއުޝަނުން ތައްޔާރުކޮށް މިދިޔަ ހަފުތާގައި ތުރުކީގެ ގާނޫނު ހަދާ މަޖިލީހަށް ވަނީ އެ ރިޕޯޓް ހުށަހަޅައިފައެވެ. ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގެ އިތުރުން އދ.ގެ ސަލާމަތީ މަޖިލީހާއި ޔޫރަޕިއަން ޕާލަމެންޓާއި ކައުންސިލް އޮފް ޔޫރަޕާއި އޯގަނައިޒޭޝަން ފޯ ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އިން ޔޫރަޕް (އޯއެސްސީއީ) އަދި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ފަދަ ބައިނަލްއަގުވާމީ މުއައްސަސާތަކާއި ޖަމިއްޔާތަކަށް ވެސް މިހާރު ވަނީ އެ ރިޕޯޓް ފޮނުވާފައެވެ.

ތުރުކީގެ އޮންލައިން ނޫސް އަނަޑޯލޫއާ ވާހަކަ ދައްކަވަމުން ޗީފް އޮމްބަޑްސްޕާސަން ސެރެފް މަލްކޮކް ވިދާޅުވީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ "ގަތުލުއާންމު" ޑޮކިއުމެންޓްކުރާ ރިޕޯޓުގެ މުހިންމުކަން ފާހަގަކުރައްވާ، މާޗް މަހުގެ 1-3 އަށް ބޭއްވި އެންޓާލިއާ ޑިޕްލޮމަސީ ފޯރަމް (އޭޑީއެފް) ގައި ގާތްގަނޑަކަށް 200 ގައުމެއްގެ މަންދޫބުންނަށް ކޮޕީ ބަހާފައިވާ ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ކުޑަކުދިންގެ ގަބުރުސްތާނު

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާ ވަނީ ދުނިޔޭގެ އެންމެ ބޮޑު ކުޑަކުދިންގެ ގަބުރުސްތާނަށް ބަދަލުވެފައި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ރިޕޯޓް ހެތްކެއްގެ ގޮތުގައި ބޭނުންކުރާނީ ޣައްޒާގައި ހިންގި ޖަރީމާތަކާއި ހަނގުރާމައިގެ ޖަރީމާތަކާއި ޖަރީމާތައް ހިންގުމުގައި ޒިންމާވާ ފަރާތްތަކުގެ މައްޗަށް ޝަރީއަތް ހިންގާނެ ކޯޓުތަކުގައި
މަލްކޮކް

ޣައްޒާގައި ހިނގަމުންދާ ޖަރީމާތަކުގެ އިތުރު މިސާލެއް ދުނިޔޭގައި ނެތް ކަމަށާއި އެމީހުން ޣައްޒާއަށް ބޮން އެޅީ ހީރޯޝީމާ އާއި ނާގަސާކީއަށް ވައްޓާލި އެޓޮމިކް ބޮމަށް ވުރެ ތިން ގުނަ ބާރުގަދަ ބޮންތަކެއް ކަމަށް މަލްކޮކްގެ ރިޕޯޓްގައި ބުނެފައިވެއެވެ. އަދި އެއީ ގާތްގަނޑަކަށް 70،000 ޓަނުގެ ބޮން، ކަމަށް ފާހަގަކޮށްފައިވެއެވެ.

އިސްރާއީލަށް އެމެރިކާ އާއި ޔޫރަޕްގެ ގިނަ ގައުމުތަކުން ތާއީދު ކުރާ ކަމަށް ބުނެ އެކަމަށް ފާޑު ވިދާޅުވަމުން މަލްކޮކް ވިދާޅުވީ އިސްރާއީލުގެ ހަމަލާތަކާ ދެކޮޅަށް ދުނިޔޭގެ އެތައް މިލިއަން ބަޔަކު މަގުތަކަށް ނުކުންނަ ކަމަށެވެ.

ޣައްޒާގައި ހިނގި ހާދިސާތަކާއެކު، ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕާއި އެމެރިކާއިން ގާއިމުކޮށްފައިވާ ބައިނަލްއަޤްވާމީ ނިޒާމު ފުނޑުފުނޑުވެ، އިންސާނީ ޙައްޤުތަކާ ބެހޭ ހުރިހާ ތިއަރީތަކަކާއި ޝަރީޢަތެއް ވެސް ފުނޑުފުނޑުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އިންސާނީ ޙައްޤުތަކުގެ ވިސްނުމަށް މުޅި ދުނިޔެއަށް ތާޒާ ވައިގެ އައު ނޭވާއެއް ބޭނުންވާކަން ފާހަގަކުރައްވަމުން މަލްކޮކް ވިދާޅުވީ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ދެއްކެވި ވާހަކަފުޅަކީ، "ދުނިޔެ އަކީ ފަސް މީހުންނަށްވުރެ ބޮޑު ޤައުމެއް" ކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިކަމަށް ސަމާލުކަން ހޯދަމުންދާކަމީ މިކަމުގެ އެންމެ ހަރުދަނާ އިޝާރާތެއް ކަމަށެވެ.

އެގޮތުން އދ.ގެ އިޞްލާޙަށް އުރުދުޣާން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ސްލޯގަން އާއި އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ، ވީޓޯގެ ބާރު އޮންނަ ފަސް މެންބަރުންގެ ތަމްސީލު ނުކުރެވޭ ސިފައަށް އިޝާރާތް ކުރައްވައި، "ދުނިޔެ ފަސް ގައުމަށްވުރެ ބޮޑު" ކަމަށް އޭނާ ވިދާޅުވިއެވެ.

އޮކްޓޯބަރު 7 ގެ ފަހުން ޣައްޒާ، ފަލަސްތީން އަދި ދުނިޔޭގެ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނަށް އަލުން ވިސްނާނެ. ތުރުކީގައި އަޅުގަނޑުމެން ކަހަލަ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މުއައްސަސާތަކުގެ ވަރަށް ބޮޑު ޒިންމާއެއް އެބައޮތް. އެ ޒިންމާ އަދާކުރުމަށް ޓަކައި އަޅުގަނޑުމެން މި ރިޕޯޓް އެކުލަވާލީ
މަލްކޮކް

ޣައްޒާގެ އަންހެނުންނަށް ވެވޭ އިހުމާލު

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި އަންހެނުންނާއި ކުޑަކުދިންނަށް ލިބެމުންދާ ހިތާމަތަކަށް ސަމާލުކަން ދެއްވަމުން އޮމްބަޑްސްޕާސަން މަލްކޮކް ވަނީ ފާއިތުވި ފަސް މަސް ދުވަހުގެ ތެރޭގައި އިސްރާއީލުން ޣައްޒާގައި ޖަރީމާތައް ހިންގަމުންދާކަން ފާހަގަކުރައްވާފައެވެ.

އޭނާ ވިދާޅުވީ އދ.ގެ ޕޮޕިއުލޭޝަން ފަންޑުން ބުނާ ގޮތުން މާބަނޑު މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ނުލިބުމުގެ ސަބަބުން 300 ޕަސެންޓާ ހަމައަށް ބައިގެންދިޔުމުގެ ފުރުސަތު ކުރިމަތިވާ ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި މާބަނޑުވި 50،000 އަންހެނުންނަށް ކާބޯތަކެއްޗާއި ސާފު ފެން ނުލިބުމުގެ ސަބަބުން "ދުޅަހެޔޮ ސިއްހަތެއްގައި ވިހެއުމުގެ ފުރުސަތު ނެތް" ކަމަށާއި ހަމަލާތައް ދޭން ފެށި ފަހުން ގެދޮރު ގެއްލިފައިވާ ދެ މިލިއަން މީހުންގެ ތެރެއިން ގިނަ އަދަދެއްގެ އަންހެނުން މިދުނިޔެ ދޫކޮށްފައިވާ ކަމަށެވެ.

ޣައްޒާގެ އަންހެނުންނަށް ކަންކަން މިދަނީ ވަރަށް ބޮޑަށް ގޯސްވަމުން، މި 8 މާރޗްގައި އަޅުގަނޑުމެން އެބަޖެހޭ މުޅި ދުނިޔެއަށް މިކަން އިޢުލާނުކުރަން
މަލްކޮކް

އޭނާ ވިދާޅުވީ ޣައްޒާގައި މަރުވި އަންހެނުންގެ އަދަދު 7500 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށާއި ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ އަންހެނުންގެ ޖަމިއްޔާތަކުން "ޣައްޒާގައި އަންހެނުންނާއި ކުޑަކުދިން މަރާލުން ހުއްޓާލާށޭ" ބުނުމަށް ގޮވާލާ ކަމަށެވެ.

ޣައްޒާގައި އިސްރާއީލުގެ ސްނައިޕަރުންގެ ފަރާތުން އަންހެނުންނާއި ކުޑަކުދިންނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި އެތައްބަޔަކު ޝަހީދުކޮށްލާފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އޮމްބަޑްސްޕާސަން އިންސްޓިޓިއުޝަންގެ ރިޕޯޓުގައި މިކަންތަކާއި ވަށާލާފައިވާ ސަރަހައްދުގެ ހާލަތުގެ އެހެނިހެން ކަންކަން ލިޔެފައިވާ ކަމަށެވެ.

ހަރުކަށި އަޑަކުން ދުނިޔެ އެކަމާ ދެކޮޅު ނުހަދާނަމަ، ފަލަސްތީނަކީ އދގައި މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިނުގަނެވިއްޖެ ނަމަ، ވަގުތުން ހަނގުރާމަ ހުއްޓާނުލެވިއްޖެ ނަމަ، ދުނިޔޭގައި ހިނގަމުންދާ ހުރިހާ ހައްގުތަކަށް އަރައިގަތުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސަރުކާރުތައް ބައިވެރިވާ ޖަރީމާތަކަކަށް ވެގެންދާނެ
މަލްކޮކް

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން ދިން ހަމަލާގައި ގާތްގަނޑަކަށް 1200 އެއްހާ މީހުން މަރުވި ކަމަށް ތެލް އަވީވް އިން ބުނި ފަހުން އިސްރާއީލުން ވަނީ ޣައްޒާއަށް ނުރައްކާތެރި އަސްކަރީ ހަމަލާތަކެއް ދީފައެވެ.

އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 30،700 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 72،000 އަށް ވުރެ ގިނަ މީހުން މިހާތަނަށްވަނީ ޒަހަމްވެފައެވެ.

އިސްރާއީލުން ވަނީ ޣައްޒާގެ އާބާދީ، ހާއްސަކޮށް ޣައްޒާގެ އުތުރުގެ ރައްޔިތުން ބަނޑުހައިހޫނުކަމުގެ ކާރިސާއަކަށް ވައްޓާލައި، ޣައްޒާއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައެވެ.

އިސްރާއީލު ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރުގެއްލިފައިވާއިރު، އެންކްލޭވްގެ އިންފްރާސްޓްރަކްޗަރުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދ.އިން ބުނެއެވެ.

ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ވަނީ ޖަރީމާހިންގުމުގެ ތުހުމަތުކޮށްފައެވެ. މިދިޔަ ޖެނުއަރީ މަހު އެ ކޯޓުން ނެރުނު ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖިނާއީ އަމަލުތައް ހުއްޓާލައި ފިޔަވަޅުތައް އެޅުމަށް ތެލްއަވީވްއަށް އަންގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް