ކ. މާލެ
|
24 އޭޕްރިލް 2024 | ބުދަ 20:27
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދުކޮށްލަފައިވާ ބައެއްގެ ހަށިތައް -- ފޮޓޯ: އަނަޑޯލު
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދުކޮށްލަފައިވާ ބައެއްގެ ހަށިތައް -- ފޮޓޯ: އަނަޑޯލު
ޣައްޒާ ހަނގުރާމައަށް 200 ދުވަސް
ޣައްޒާ ހަނގުރާމައަށް 200 ދުވަސް: ހަނގުރާމައިގެ މުހިންމު މަރުޙަލާތަކަށް އަވަސްކަޅިއެއް!
 
ޣައްަޒާހަނގުރާމައިން އިސްރާއީލް ހާޞިލްކުރަން ބޭނުންވާ މަޤްޞަދަކީ ޣައްޒާއިން ފަލަސްތީނުގެރައްޔިތުން ބޭރުކޮށް އިސްރާއީލްގެ ވަޒަންވެރިން އާބާދުކުރުން

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ ހަނގުރާމަވެރިން އިސްރާއީލުގެ ދެކުނުގެ ސަރަހައްދަށް ދިން ޙަމަލާއެއްގައި 1170 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އާންމުން ކަމަށް ރަސްމީ ތަފާސް ހިސާބުތަކަށް ބިނާކޮށް އޭއެފްޕީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.

މިއީ އިސްރާއީލްގެ މުޅި ތާރީޚްގައިވެސް އެގައުމަށް ބަޔަކުދިން އެންމެ ނުރައްކާތެރި ހަމަލާކަމަށް ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ކަނޑައަޅައި އެ ހަމަލާއަށް ރައްދު ދީފައިވަނީ ދުނިޔޭގައި އަދި މިހާތަނަށް އެއްވެސް އިރެއްގައި ބަޔަކު ހިންގާފައިނުވާ ފަދަ އިންސާނިއްޔަތާ ޚިލާފު ބޮޑު ގަތުލުއާންމެއްގެ ގޮތުގައި މުޅި ޣައްޒާގެ ނަސްލު ނައްތާލުމުގެ މަޤްޞަދުގައެވެ.

އިސްރާއީލްގެ އަސްކަރިއްޔާއިން ޣައްޒާގައި ހިންގަމުންދާ މި ލާއިންސާނީ ޖަރީމާތަކުގެ މުގުލުގައި ހުރި އިސްރާއީލުގެ އަސްކަރީ އިންޓެލިޖެންސްގެ ވެރިޔާ ހޯމަ ދުވަހު ވަނީ ލިބެމުންދާ ނާކާމިޔާބީ ތަކުގެ ސަބަބުން އިސްތިއުފާ ދީފައެވެ.

މިދިޔައަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަދުވަހުން ފެށިގެން ޣައްޒާގައި ހިނގަމުންދާ ހަނގުރާމައަށް 200 ދުވަސް ވެފައިވާއިރު، މި ހަނގުރާމައިގެ މުހިންމު ދިހަ މަރުޙަލާއަށް މިރިޕޯޓްގައި ބަލައިލާނަމެވެ.

އޮކްޓޯބަރު 7: ހަމާސްގެ ހަމަލާތައް

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ޔަހޫދީންގެ ޗުއްޓީ ކަމަށްވާ ސުކްކޯޓް ނިމުމުން  ދުވަހާ ދިމާކޮށް ހަމާސްގެ އެތައް ސަތޭކަ ހަނގުރާމަވެރިން އެއްގަމާއި ކަނޑުއަދި ވައިގެ މަގުން ޣައްޒާއިން އިސްރާއީލަށް ވަނެވެ.

ހަމާސްގެ ހަނގުރާމަ ވެރިންވަނީ އިސްރާއީލްގެ މަގުތަކުގައި މީހުން ހިފަހައްޓައި، ހައްޔަރުކޮށް، ބައެއް ޢާމުންގެ ގޭގެއަށް ވެސް ވަދެ ގޭގައި ތިބި ބައެއް މީހުންވެސް ހައްޔަރުކޮށް އަދި ޑެޒަރޓް މިއުޒިކް ފެސްޓިވަލެއްގައި އާންމުން މަރައި، އަސްކަރިއްޔާގެ މަރުކަޒުތަކުގައި ތިބި ސިފައިންނަށް ވެސް ހަމަލާދީފައެވެ.

މީގެ ތެރެއިން ބައެއް ވާހަކަތައް ބައެއް ނޫސްތަކުން ދޮގުކޮށްފައިވާއިރު، ހަމާސްގެ ހަނގުރާމަވެރިން އެނބުރި ޣައްޒާއަށް ދިޔައިރު 250 އެއްހާ މީހުން ރަހީނުކުރި ކަމަށް ޚުދު ހަމާސްއިންވެސް ވަނީ އެއްބަސްވެފައެވެ. ރަހީނު ކުރި މީހުންގެ ތެރެއިން ބައެއް މީހުން މިނިވަންކޮށްފައިވާއިރު، އިތުރު މީހުން މިހާރު ވަނީ މަރުވެފައި ކަމަށް ހަމާސްއިން ބުނެއެވެ. އަދި މަރުވި ބަޔަކު މަރުވެފައިވަނީ އިސްރާއީލު ސިފައިން ޣައްޒާގައި ވަކިގޮތެއް ފޮތެއް ނުބަލައި ދިން ހަމަލާތަކުގައި ކަމަށްވެސް ހަމާސްއިން ބުނެއެވެ.

އިސްރާއީލުން އެއްގަމު މަގުންނާއި ވައިގެ މަގުން ޣައްޒާއަށް ހަމަލާތައް ދެމުންދާއިރު، ޔަހޫދީންގެ ޓާގެޓަކީ ހަމާސް ހަލާކުކޮށް، ހަނގުރާމަވެރިންގެ ވަސް މުޅި ދުނިޔެއިން ފޮހެލުން ކަމުގައި ބޮޑުވަޒީރު ނަތަންޔާހޫވަނީ ވައުދުވެފައެވެ.

ހަމަލާތައް ދޭންފެށިތާ ހަ މަހަށް ވުރެ ގިނަ ދުވަސް ފަހުން 2024 އޭޕްރީލް މަހުގެ 22 ވަނަ ދުވަހު އިސްރާއީލްގެ އަސްކަރިއްޔާއިން ވަނީ އަސްކަރީ އިންޓެލިޖެންސްގެ ވެރިޔާ މޭޖާ ޖެނެރަލް އަހާރޮން ހަލީވާ އިސްތިއުފާ ދެއްވާފައިވާކަން އިއުލާނުކޮށްފައެވެ. އެ އިސްތިއުފާ އާއި އެކު އޭނާ ވެގެން ގޮސްފައި މިވަނީ ޣައްޒާ ހަނގުރާމަ ފެށުނު ފަހުން އިސްރާއީލުން އިސްތިއުފާ ދެއްވި އިސްރާއީލުގެ ފުރަތަމަ އިސް އޮފިޝަލަށެވެ.

އޮކްޓޯބަރު 13: ދެކުނު ޣައްޒާއަށް ހިޖުރަކުރުން

އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު އިސްރާއީލުން ވަނީ ޣައްޒާގެ އުތުރުގައި ދިރިއުޅޭ އާންމުންނަށް 24 ގަޑިއިރުގެ ތެރޭގައި ދެކުނަށް ދިއުމަށް ގޮވާލައި، ޣައްޒާ ސިޓީ ހިމެނޭ އުތުރުގެ ސަރަހައްދަކީ ހަނގުރާމަވެރި ސަރަހައްދެއް ކަމަށް ކަނޑައަޅައިފައެވެ.

ފަލަސްތީނުގެ އެތައް ހާސް ބަޔަކު ޣައްޒާގެ ދެކުނަށް ހިޖުރަކުރަން މަޖުބޫރުވީ އުތުރުގެ މުޅި ހުރިހާ ސަރަޙައްދެއްގެ އިމާރާތްތަކާއި، ވަޞީލަތްތައް އިސްރާއީލްގެ ހަމަލާތަކުގައި ސުންނާފަތި ވުމުގެ ސަބަބުންނެވެ.  

އޮކްޓޯބަރު 27: އިސްރާއީލްގެ ޓޭންކްތައް ޣައްޒާއަށް ވަދެގަތުން

އިސްރާއީލުން ޣައްޒާގައި ދެމުންދާ އެއްގަމު މަގުން ފެށި ހަމަލާތައް ފެށުނީ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު އިސްރާއީލުގެ ޓޭންކުތައް ޣައްޒާއަށް ވަދެ ގަނެގެން ދިއުމާއެކީގައެވެ. އިސްރާއީލްގެ ރަޙުމް ކުޑަ އަނިޔާވެރި ޓެރެރިސްޓް ސިފައިން ޓޭންކްތަކުގައި ހަމަލާތައް ދޭންފެށީ ވަކިގޮތެއް ނުބަލައި މުޅި ޣައްއްޒާ އެއްކޮށް ސުންނާފަތި ކޮށްލުމަށެވެ.

ނޮވެމްބަރު 15: އިސްރާއީލް ސިފައިން ޣައްޒާގެ ހޮސްޕިޓަލްތައް ބަލައި ފާސްކުރުން

މިދިޔަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އިސްރާއީލު ސިފައިން ވަނީ ކާބޯތަކެއްޗާއި ތެލާއި އެނެސްތެޓިކްސް ހުސްވުމާ ގުޅިގެން ފުރާނަ ގެއްލެމުންދިޔަ ގިނަބައެއްގެ ހަށިތައް ޖަމާވަމުން ދިޔަ ޣައްޒާގެ އެންމެ ބޮޑު މެޑިކަލް ފެސިލިޓީ އައްޝިފާ ހޮސްޕިޓަލަށް ރޭގަނޑުގެ ވަގުތެއްގައި ހަމަލާދޭން ފަށައިފައެވެ. މި ރެއިޑްގެ ސަބަބުން ބައިނަލްއަގްވާމީ ގޮތުން އިސްރާއީލަށް ވަރަށް ބޮޑަށް ފާޑުކިޔައި ނުރުހުން ފާޅުކުރިއެވެ.

ހަމާސް އިން ހޮސްޕިޓަލްގެ ތިރީގައި ކޮމާންޑް ސެންޓަރެއް ހިންގަމުން އަންނަ ކަމަށް އިޒްރޭލުން ބުނަމުން އަންނަ އިރު، ހަމާސް ޖަމާއަތުން އެކަން ދޮގުކުރެއެވެ.

އިސްރާއީލާއި ޣައްޒާގެ މަދަނީ ދިފާއީ އިދާރާއިން ބުނި ގޮތުގައި މިދިޔަ މާޗް މަހު ވެސް އިސްރާއީލުން އަނެއްކާވެސް އެ ހޮސްޕިޓަލަށް އަމާޒުކޮށް ދެ ހަފުތާގެ ވަރުގަދަ އޮޕަރޭޝަނެއްގައި އެތައް ސަތޭކަ ބަޔަކު ޝަހީދުކޮށް، އެ ކޮމްޕްލެކްސް ވަނީ ހަލާކުކޮށްލާފައެވެ.

ނޮވެމްބަރު 24: ހަނގުރާމަ މެދުކަނޑައިލުމާއި ރަހީނުން މިނިވަންކުރުން

ގަތަރުގެ މެދުވެރިވެގެން ކުރެވުނު މަޝްވަރާތަކުގައި އިސްރާއީލާއި ހަމާސްއާ ދެމެދު ކުރިއަށް ގެންދިޔަ ހަނގުރާމަ ހަފުތާއެއްހާ ދުވަހުގެ މުއްދަތަށް މެދުކަނޑައިލުމަށް އެއްބަސްވި އެއްބަސްވުމަށް އަމަލުކުރަން ފެށީ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

އެ އެއްބަސްވުމުގެ ދަށުން އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ 240 މީހުން މިނިވަންކުރިއެވެ. އަދި އޭގެ ބަދަލެއްގެ ގޮތުގައި ހަމާސް އިން ހަތް ދުވަހުގެ ތެރޭގައި އިސްރާއީލުގެ 80 ރަހީނުން ދޫކޮށްލިއެވެ.

މި އެއްބަސްވުމުގެ ބޭރުން ވެސް ހަމާސްއިންވަނީ އިތުރު 25 މީހުން ދޫކޮށްލައިފައެވެ. އެމީހުންގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނުނީ ތައިލެންޑުގެ ދަނޑުތަކުގައި މަސައްކަތް ކުރާ ދަނޑުވެރިންނެވެ.

ހަނގުރާމަ މެދުކަނޑައިލުމުގެ އެ އެއްބަސްވުމުގެ ދަށުން ޣައްޒާއަށް އިންސާނީ އިތުރު އެހީތައް ވެއްދުމުގެ ހުއްދަ ދިން ނަމަވެސް އެކަށީގެންވާ މިންވަރަކަށް އިންސާނީ އެހީ ނުލިބުމުގެ ސަބަބުން އިސްރާއީލުން ވަށާލާފައިވާ ސަރަހައްދުގެ އިންސާނީ ހާލަތު އަދިވެސް އޮތީ ވަރަށް ގޯސްކޮށެވެ. އޭގެ އެއް ހަފްތާ ފަހުން ހަނގުރާމަ އަލުން ފެށުމުން އިސްރާއީލުން ޣައްޒާގެ ދެކުނުގެ ސަރަހައްދަށް ހަނގުރާމަ ފުޅާކުރިއެވެ.

ޖެނުއަރީ 12: ހޫތީންނަށް ދިން ހަމަލާތައް

ޣައްޒާގައި ތިބި ފަލަސްޠީނުގެ ނިކަމެތި ރައްޔިތިންނާ އެއްބައިވަންތަކަމުގެ ގޮތުން މަސައްކަތްކުރަމުންދާކަމަށް ބުނެ އީރާނަށް ތާއީދުކުރާ ހޫޘީން ރަތް ކަނޑުގެ އުޅަނދުފަހަރަށް ހަފުތާތަކެއްވަންދެން ދިން ޙަމަލާތަކަށްފަހު، ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ޔަމަނުގެ އަމާޒުތަކަށް އެމެރިކާއާއި އިނގިރޭސިވިލާތުން ވައިގެ ޙަމަލާތައް ދޭން ފަށާފައިވަނީ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. މި ހަމަލާތަކުގެ ސަބަބުން ސަރަހައްދީ ހަނގުރާމައެއް ފެށިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ޖެނުއަރީ 26: "ގަތުލުއާންމު" ހުއްޓުވުމަށް ގޮވާލުން

ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައެއްގައި ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ނެރުނު ވަގުތީ ހުކުމުގައި ބައިނަލްއަގުވާމީ ކޯޓުން ބުނެފައި ވަނީ އިސްރާއީލުގެ އަމަލުތަކަކީ ޣައްޒާގައި ފަލަސްތީނު މީހުންނާމެދު ހިންގަމުންދާ ގަތުލުއާންމެއްކަމަށް ބެލެވޭ ކަމަށެވެ.  ދުނިޔޭގެ އެންމެ މަތީ ކޯޓުން އިސްރާއީލަށް އަމުރުކުރީ، ޖަރީމާހިންގުމުގެ އެއްވެސް އަމަލެއް ނުހިންގުމަށާއި ހަމަލާތައް ވަގުތުން ހުއްޓައިލުމަށެވެ.  

ފެބްރުއަރީ 29: ކާބޯތަކެތީގެ ގާފިލާތަކަށް ހަމަލާދިނުން

މިދިޔަ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު އިސްރާއީލު ސިފައިން ވަނީ ޣައްޒާގެ އުތުރުގައި ތިބި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ގެނައި، ކާބޯތަކެތީގެ އެހީދޭ ޓްރަކްތަކުގެ ގާފިލާއަކާ ދިމާލަށް ދިޔަ ޢާމުންގެ ބަޔަކަށް އަމާޒވާގޮތްށް ނުރައްކާތެރި ބަޑީގެ ހަމަލާތަކެއް ދީފައެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައިވަނީ ޣައްޒާގައި ހިނގި އެ ހަމަނުޖެހުންތަކުގައި 115 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާ ކަމަށެވެ.

އޭޕްރީލް 2: އެހީބެހުމުގައި އުޅުނު މީހުންނަށް ހަމަލާދިނުން

އޭޕްރީލް މަހުގެ 2 ވަނަ ދުވަހު އެމެރިކާގެ ޗެރިޓީ ވޯލްޑް ސެންޓްރަލް ކިޗަންގެ ހަތް މެމްބަރަކަށް އިސްރާއީލުންވަނީ ހަމަލާދީ މަރާލައިފައެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އެކިގައުމުތަކަށް ނިސްބަތްވާ ވޮލޮންޓިއަރުންނެވެ.

އިންސާނިއްޔަތަށް މަސައްކަތްކުރާ މިފަދަ ވޮލަންޓިއަރުންނަށް ހަމަލާދީ އެފަދަ މީހުން މަރާލުމަކީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އިތުރުން މުޅި ދުނިޔެއިން ކުށްވެރިކުރި ކަމެކެވެ.

އޭޕްރީލް 13: އީރާނުން އިސްރާއީލަށް ހަމަލާދިނުން

އީރާނުން އިސްރާއީލަށް ދިން ފުރަތަމަ ސީދާ ހަމަލާގައި އީރާނުން ވަނީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު 300 އަށް ވުރެ ގިނަ ޑްރޯން އާއި މިސައިލް އިސްރާއީލަށް ފޮނުވާލައިފައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނަނީ ގާތްގަނޑަކަށް އެއްކޮށްހެން އެ ހަމަލާތައް ހުއްޓުވާފައިވާ ކަމަށެވެ.

އޭޕްރީލް މަހުގެ އެއްވަނަ ދުވަހު އީރާނުގެ ދިމިޝްގު ކޮންސިއުލޭޓަށް ދިން ނުރައްކާތެރި ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ދިން މި ހަމަލާގެ ސަބަބުން ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމަށް 200 ދުވަހަށް ވުރެ ގިނަދުވަސް ވެފައިވާއިރު، އަދިވެސް މި ހަނގުރާމަ ހުއްޓާލާނެ ދުވަހެއް ބުނާކަށް ނޭންގެއެވެ. ރިޕޯޓްތައް ބުނާގޮތުގައި އިސްރާއީލުން ހަނގުރާމަ ހުއްޓާނީ ރަފަޙްއަށް އަރައި އެތަންވެސް ސުންނާފަތި ކޮށްލުމަށްފަހުގައެވެ. އިސްރާއީލްގެ އަމާޒަކީ ޣައްޒާއިން ފަލަސްތީނުގެ ރައްޔިތުން ބޭރުކޮށް އެތާންގައި އިސްރާއީލުގެ ވަޒަންވެރިން އާބާދުކުރުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް