ކ. މާލެ
|
24 އޭޕްރިލް 2024 | ބުދަ 11:43
ރީނާދު ޢަޠާއުﷲ؛ ޣައްޒާގެ ކުޑަކުއްޖެއް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
11 އަހަރުގެ ރީނާދުގެ ލެންސުން ޣައްޒާ...
 
ޣައްޒާގެ މަސްރަޙުން މަންޒަރާއި އަޑުތައް ގެނެސްދިނުމުގެ މަސައްކަތް ރީނާދު ފެށީ، ކާބޯތަކެތީގެ އެހީގެ ޕެކޭޖެއް ލިބުނު ހިސާބުން
 
ބައިބޯ ސިޓީ ތެރެއިން ރީނާދު ހަމަޖެހުން ހޯދަނީ އޭނާ ދިރިއުޅޭ ގޭގެ ފުރާޅު މައްޗަށް އަރައިގެން

ގަދަ ހިތްވަރާއި ހިތުގެ ސާބިތުކަން ދައްކުވައިދިނުމުގައި ޣައްޒާގެ ކުދިބޮޑު އެންމެންގެ ކިބައިން ފެނިގެންދާ މިސާލުތަކަކީ ދުނިޔޭގެ ހަމަ ކޮންމެ ހިސާބެއްގައި ހުރި މީހަކުވެސް ޢިބުރަތް ލިބިގަތުން ޙައްޤު މިސާލުތަކެކެވެ. މިއީވެސް އެފަދަ މިސާލެކެވެ. ހިއްސާކުރެވޭ ތޯ މަސައްކަތް ކުރަމުން މި ދަނީ، ޢުމުރުން އެންމެ 11 އަހަރުގެ ރީނާދު ޢަޠާއުﷲގެ ވާހަކައެވެ. ނިރުބަވެރި އިޒްރޭލުން ހިންގަމުން ގެންދާތާ 200 ދުވަސްވުމާ ގާތްވެފައި އޮތް ގަތުލުއާންމުގައި ހަފުސް ވެފައި އޮތް ޣައްޒާގައި ދިރިއުޅެމުން އަންނަ ރީނާދަކީ، ކާބޯތަކެއްޗާއި އާންމު ދިރިއުޅުމުގެ އެކި ކަންކަން، ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން އަންނަ ކުޑަކުޑަ ވްލޮގަރއެކެވެ.

ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތް ނެތިކޮށްލުމުގެ ނަމުގައި އިޒްރޭލުން މިދިޔަ އޮކްޓޯބަރ މަހު ހިންގަން ފެށި ގަތުލުއާންމާއެކު މުޅި ޣައްޒާގެ ބިނާރު ސުންނާފަތިކޮށްފިއެވެ. ހޮސްޕިޓަލުތަކާއި ސްކޫލުތަކުގައިވެސް އިސްތިސްނާއެއް ނެތެވެ. ފެނާއި، ކަރަންޓާއި މުއާސަލާތީ ޚިދުމަތްތައް ކަނޑާލާ، ހުރިހާ ގޮތަކުން ޣައްޒާގެ ރަށްވެހިން ބިކަ ކޮށްލިއެވެ. އެހެނެއް ކަމަކު، މިހާރު ޣައްޒާގެ ބައެއް ސަރަޙައްދުތަކަށް ކޮންމެވެސް ވަރަކަށް އިންޓަރނެޓްގެ ޚިދުމަތް ލިބެއެވެ.

ކޮންމެވެސް ވަރަކަށް އިންޓަރނެޓްގެ ޚިދުމަތް ލިބެން ފެށުމާއެކު ޣައްޒާގެ ރަށްވެހިން ދަނީ ވީ ވަރަކުން ފުރުޞަތުގެ ބޭނުން ހިފަމުންނެވެ. 21 ވަނަ ޤަރުނުގައި ޣައްޒާގެ ރަށްވެހިންނަށް އިޒްރޭލުން ޖައްސާފައި އޮތް ޙާލު، މުޅި ދުނިޔެއަށް އަންގައިދެވޭތޯ މަސައްކަތް ކުރަމުންނެވެ. 

ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރް އަލް-ބަލާޙް ސިޓީއަކީވެސް ގެދޮރު ގެއްލިފައިވާ ފަލަސްޠީނުގެ ރައްޔިތުން ކޭމްޕު ޖަހައިގެން ދިރިއުޅެމުން ދާ ސަރަޙައްދެކެވެ. ބައިބޯ ސިޓީ ތެރެއިން ރީނާދު ހަމަޖެހުން ހޯދަނީ އޭނާ ދިރިއުޅޭ ގޭގެ ފުރާޅު މައްޗަށް އަރައިގެންނެވެ. ސޯޝަލް މީޑިއާގައި އޭނާ ހިއްސާކުރާ ވީޑިއޯތައް ތައްޔަރު ކުރަނީ ފުރާޅުމަތީގައި އިނދެގެންނެވެ.

ނިރުބަވެރި އިޒްރޭލުގެ ޑްރޯންތައް ބޯ މަތީގައި ހުއްޓުމެއް ނެތި އެނބުރެމުން ދިޔަ ކަމުގައި ވީ ނަމަވެސް، ހަފުތާއަކު އެންމެ މަދުވެގެން އައު 1 ވީޑިއޯ ތައްޔާރު ކުރެއެވެ.

އެހީގެ ގޮތުގަ މި ލިބޭ ދަޅުކާނާގެ ބާވަތްތައް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރު ކުރަނީ ބާޒާރުން ލިބެން ހުރި އެއްޗަކަށް ބަލައިގެން. އަހަރެންގެ ދައްތައަކީ ނިއުޓްރިޝަނިސްޓެއް. ދައްތައަށް އެހީވެދީ އުލެން ކާބޯތަކެތި ތައްޔާރު ކުރަން. ހަފުތާއަކު 2 ފަހަރު ވީޑިއޯއެއްވެސް އުފައްދަން. އެކަމަކު، އެއީ އިންޓަރނެޓާއި ކަރަންޓު ލިބޭ ވަރަކުން. މި ދުވަސްކޮޅު މި އޮތް ގޮތުން، ވަރަށް އުނދަގު އެ ޚިދުމަތްތައް ހޯދަން.
ރީނާދު ޢަޠާއުﷲ؛ ޣައްޒާގެ ކުޑަކުއްޖެއް

ޣައްޒާގެ މަސްރަޙުން މަންޒަރާއި އަޑުތައް ގެނެސްދިނުމުގެ މަސައްކަތް ރީނާދު ފެށީ، ކާބޯތަކެތީގެ އެހީގެ ޕެކޭޖެއް ލިބުނު ހިސާބުންނެވެ. އެއީ އެ ޕެކޭޖު ލިބިނު ހިސާބުން، އެ ކަނޑާ، އޭގައި ހުރި ސާމާނު ބެލި މަންޒަރުތައް ވީޑިއޯ ކުރި ހިސާބެވެ. ރީނާދު، އެ މަންޒަރުތައް ދޫކޮށްލީ އިންސްޓަގްރާމްއަށެވެ. 24 ގަޑިއިރުޔވެސް ނުވަނީސް 3 މިލިއަން ވިއުޒް ލިބުނެވެ.

ކެއްކުގެ ދާއިރާގައިވެސް ރިނާދަކީ ތަފާތު ކުއްޖެއްކަން އޭނާ ސާބިތުކޮށްދެމުން ދިޔައީ ވީޑިއޯގެ ޒަރިއްޔާއިންނެވެ. އޭނާގެ ހުނަރުތައް ދައްކަމުން ދިޔަ ވަރަކަށް، ރީނާދުގެ ފޮލޯވަރުން އިތުރުވަމުން ދިޔައެވެ.

ނޫރުޙާން ޢަޠާއުﷲ އަކީ ރީނާދުގެ ދައްތައެވެ. ރީނާދުގެ ވްލޮގް ޕޯސްޓްތަކަށް ބޭނުންވާ މުހިންމު މައުލޫމާތު ފޯރުކޮށްދެނީ ނޫރުޙާންއެވެ. ނޫރުޙާންއަކީ ފާމަސިސްޓްއެކެވެ. އަދި ނިއުޓްރިޝަނިސްޓެއްވެސް މެއެވެ.

މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އަހަރެމެން މި ތިބީ، ދަޅު ކާނާއާއި، ހަމަ އެ ބާވަތުގެ ކާނާގައި ހުންނަ ޕްރިޒަރވޭޓިވްސް އަށް ހުށަހެޅިފަ ވަރަށް ބޮޑަށް. އެކަމާ ގުޅުންހުރި ބަލިތަކުގެ އަލާމާތްތައް ފެންނަން ފެށި، ޚާއްޞަކޮށް ކުޑަކުދިންނާއި މާބަނޑު އަންހެނުންގެ ކިބައިން. ހިތާމައަކީ، މިވަގުތު މި ސަރަޙައްދުގައި އެކަމަށް ފަރުވާއެއް ދެވެން ނެތީމަ، އެހެންވެ، ބައެއް ބަލިމީހުންނަށް މަރުވާ ހިސާބަށް ޙާލަތު ގޯސްވެފަވެސް އެބަހުރި.
ނޫރުޙާން ޢަޠާއުﷲ؛ ރީނާދުގެ ދައްތަ

ޙަމާސް ޖަމާޢަތަކީ އިޒްރޭލާއި އިޒްރޭލަށް އެއްބާރުލުންދޭ ޤައުމުތަކުން ޓެރަރިސްޓުންގެ ޓެގު އަޅުވާފައި އޮތް ޖަމާޢަތެކެވެ. ޓެރަރިސްޓު ހަނގުރާމަވެރިންތަކެއް ނެތިކޮށްލުމުގެ ނަމުގައި އިޒްރޭލުން ހިންގަމުން ގެންދާ ގަތުލުއާންމުގައި މި ދުނިޔެއާ ވަކިކޮށްލި ކުޑަކުދިންގެ ޢަދަދު، 13000 އަށް ވުރެ މައްޗަށް އަރައެވެ. ގަތުލުއާންމުގެ ފުރަތަމަ 4 މަސް ދުވަހުގެ ތެރޭގައި އެކަނިވެސް 13300 ކުދިން މަރާލިއިރު، 2019 ވަނަ އަހަރާއި 2022 ވަނަ އަހަރާ ދެމެދު މުޅި ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރި ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގައި މަރާލާފައި ވަނީ 12193 ކުދިންނެވެ. ޖިސްމާނީ އަނިޔާތަކުގެ އިންތިހާ ވޭން ތަޙައްމަލު ކުރަމުންދާ ޣައްޒާގެ ކުޑަކުދިންގެ ޢަދަދު މަދެއް ނޫނެވެ. ނަފްސާނީ އަނިޔާގެ ވާހަކަ ދައްކާ ކޮޅުންލާކަށް ނެތެވެ.

ރީނާދު ފަދަ ކުދިންގެ ވާހަކައަކީ، އަހަރެމެންގެ މި ދިވެހި މުޖުތަމަޢުގައި ބޮޑުވަމުން އަންނަ ކުދިންނަށްވެސް ކިޔައިދޭން ޖެހޭނެ ވާހަކަތަކެކެވެ. ފުރިހަމަ މިނިވަންކަމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ފަސްގަނޑަކަށް އުފަންވެ، ނިރުބަވެރިންގެ ޙަމަލާއެއް އަތުވެދާނެ ވަގުތަކަށް ވިސްނަން ނުޖެހި، ޅަ ޢުމުރުގެ ދުވަސްތައް ގުނާ، ޢިލްމު ހާސިލުކޮށް، ޒުވާން ޢުމުރާ ބައްދަލު ކުރާ އިރުވެސް ލިބޭ މިންވަރަށް ޝުކުރު ކުރަން ނުދަންނަ އެތައް މި ކުދިންނެއް މި ފަސްގަނޑުގައި ތިބި ކަމީ މައިންބަފައިންގެ ހައިސިއްޔަތުން އަހަރެމެން އެންމެވެސް މިއަދު ހިތާމަ ކުރަން ޖެހޭ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް