ކ. މާލެ
|
28 އޭޕްރިލް 2023 | ހުކުރު 12:13
ސަވާދީއްތަ ދަތުރުގެ ތެރެެއިން އައި ފަތުރުވެރިން
ސަވާދީއްތަ ދަތުރުގެ ތެރެެއިން އައި ފަތުރުވެރިން
ސަވާދީއްތަ ދަތުރު
ބިޒްނަސް ސަރވޭ
ކުރިމަގުގައި ފަތުރުވެރިކަން ދާނީ ދަށްވަމުންކަމަށް ލަފާކޮށްފި
 
އިމާރާތްކުރުމުގެ ދާއިރާގައި ހިމެނޭ ވިޔަފާރިތަކުގެ މާލީ ހާލަތު ރަނގަޅުވާނެ
 
ދެވަނަ ކުއާޓަރުގައި ފަތުރުވެރިކަން ދަށްވާނެ

ރާއްޖޭގެ އިގްތިސާދަށް އެންމެ މުހިންމު އެއް ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަށް އޮތްތަނުގައި ދާނީ ދަށްވަމުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ކުއާޓާލީ ބިޒްނަސް ސަރވޭއިން ދައްކައިފިއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ބިޒްނަސް ސަރވޭ ރިޕޯޓު އެމްއެމްއޭއިން އާންމުކޮށްފައިވާއިރު، މި ސަރވޭގައި އިގްތިސާދުގައި ހިމެނޭ މުހިންމު ހަތަރު ދާއިރާކަމުގައިވާ ފަތުރުވެރިކަން، އިމާރާތްކުރުން، ދަތުރުފަތުރާއި މުވާސަލާތީ ޚިދުމަތްތައް އަދި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ވިޔަފާރިތަކުން ބައިވެރިވެފައިވެއެވެ.

މި ރިޕޯޓުން ދައްކާގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ފުރަތަމަ ކުއާޓަރުގައި ނިމިގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ކުރިމަގުގައި މި ސިނާއަތުގެ ވިޔަފާރި ކުރިއަރާ މިންވަރު މަޑުޖެހިގެންދާނެ ކަމަށް ސަރވޭގައި ބައިވެރިވި ވިޔަފާރިތަކުން ލަފާކޮށްފައިވެއެވެ. މިގޮތުން، 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި، ފަތުރުވެރިކަމުގެ ދާއިރާ ދަށްވެގެންދާނެކަމަށް އާމްދަނީ އަދި ރިސޯޓު ބުކިންގްގެ މިންތަކުން ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން، ދަތުރުފަތުރާއި މުވާސަލާތީ ޚިދުމަތުގެ ދާއިރާގައި ހިމެނޭ ވިޔަފާރިތައްވެސް ލަފާކުރަނީ ކުރިއަށް އޮތް ކުއާޓަރުގައި ވިޔަފާރިކުރާ މިންވަރު މަޑުޖެހިގެންދާނެކަމަށެވެ. އެހެންނަމަވެސް، އިމާރާތްކުރުމުގެ ދާއިރާ އަދި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ދާއިރާގައި ހިމެނޭ ވިޔަފާރިތަކުން ލަފާކުރަނީ ކުރިމަގުގައި ވިޔަފާރިކުރާ މިންވަރު އިތުރުވެގެންދާނެކަމަށެވެ.

2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދަތުރުފަތުރާއި މުވާސަލާތީ ޚިދުމަތްގެ ދާއިރާ ފިޔަވައި ސާވޭގައި ހިމެނޭ ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކުގެ މާލީ ހާލަތު 2022 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅާބަލާއިރު ރަނގަޅުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ކުރިމަގަށް ބަލާއިރު، 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި، އިމާރާތްކުރުމުގެ ދާއިރާގައި ހިމެނޭ ވިޔަފާރިތަކުގެ މާލީ ހާލަތު އިތުރަށް ރަނގަޅުވާނެ ކަމަށް ލަފާކޮށްފައިވާއިރު، ހޯލްސޭލް އަދި ރީޓެއިލް ދާއިރާގައި ހިމެނޭ ވިޔަފާރިތަކުގެ މާލީ ހާލަތު ރަނގަޅުވަމުންދާ މިންވަރު މަޑުޖެހިގެންދާނެކަށް އަންދާޒާކުރެއެވެ. ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާ އަދި ދަތުރުފަތުރާއި މުވާސަލާތީ ޚިދުމަތުގެ ދާއިރާގައި ހިމެނޭ ވިޔަފާރިތަކުން ލަފާކުރަނީ ކުރިއަށް އޮތް ކުއާޓަރުގައި ވިޔަފާރިތަކުގެ މާލީ ހާލަތު ހީނަރުވެގެންދާނެކަމަށެވެ.

ސަރވޭގައި ހިމެނޭ ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކަށްވެސް ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް ދަތިވެފައިވާކަން ފާހަގަކޮށްފައިވެއެވެ. ކުރިމަގަށް ބަލާއިރު، ފަތުރުވެރިކަމުގެ ދާއިރާ އަދި ދަތުރުފަތުރާއި މުވާސަލާތީ ޚިދުމަތުގެ ދާއިރާގައި ހިމެނޭ ވިޔަފާރިތަކުން 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް އިތުރަށް ދަތިވެގެންދާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މީގެ އިތުރުން މި ސިނާއަތްތަކުގައި މަސައްކަތްކުރަމުންދާ މުވައްޒަފުންގެ އަދަދުތަކަށް ބަދަލުތަކެއް އައިސްފައިވާކަމަށް ރިޕޯޓޮކޮށްފައިވެއެވެ. މިގޮތުން ނިމިގެން ދިޔަ ކުއާޓަރުގައި، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަދަދުތައް ކުރިއަރަމުންދާ މިންވަރު މަތިވެފައިވާއިރު، ފަތުރުވެރިކަމުގެ ދާއިރާ އަދި ދަތުރުފަތުރާއި މުވާސަލާތީ ޚިދުމަތުގެ ދާއިރާގައި ހިމެނޭ ވިޔަފާރިތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަދަދުތައް ކުރިއަރަމުންދާ މިންވަރު ވަނީ މަޑުޖެހިފައެވެ. ނަމަވެސް، މި މުއްދަތުތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ދާއިރާގައި ހިމެނޭ ވިޔަފާރިތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަދަދުތައް މަދުވެފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހަތަރު ފަހަރު އެމްއެމްއޭއިން ހިންގަމުންގެންދާ ބިޒްނަސް ސާވޭ އަކީ، ކުރު މުއްދަތުގެ ތެރޭގައި ވިޔަފާރިތަކުގެ މުހިންމު މިންތަކަށް އައިސްފައިވާ ބަދަލުތަކާއި އަދި ކުރިއަށް އޮތް ކުއާޓަރުގައި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތަކާ ގުޅޭގޮތުން، އިގްތިސާދުގައި ހިމެނޭ މުހިންމު ހަތަރު ދާއިރާކަމުގައިވާ ފަތުރުވެރިކަން، އިމާރާތްކުރުން، ދަތުރުފަތުރާއި މުވާސަލާތީ ޚިދުމަތްތައް، އަދި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ވިޔަފާރިތަކުން ދެކޭގޮތް، ދެނެގަތުމުގެ ގޮތުން ހިންގާ ސާވޭއެކެވެ. މި ސާވޭގެ މަގްސަދަކީ ކުރު މުއްދަތުގައި އިގްތިސާދަށް އަންނަމުންދާ އަދި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތައް އަވަސް މުއްދަތެއްގެ ތެރޭގައި ދެނެގަނެ، ސިޔާސަތުތައް ކަޑައެޅުމުގައި އެހީތެރިވެދިނުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
33%
0%
0%
67%
0%
ކޮމެންޓް
28 އޭޕްރިލް 2023 | ހުކުރު 18:08
ހަނިމާދޫ ހަސަން
މީ އަބަދުވެސް ވާ ކަމެއް. ލޯސީސަން ކުރިޔަށް އޮތީ. އޮގަސްޓް އިން ފެށިގެން ރަންގަޅުވާނީ