ކ. މާލެ
|
16 ނޮވެންބަރ 2023 | ބުރާސްފަތި 10:19
ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހު
ރައީސް އޮފީސް
މަގޭ ރިޕޯޓް
ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރައްވާ ވަޑައިގަންނަވަނީ ރާއްޖެއަށް ހަމަޖެހުން ގެނެސްދެއްވުމަށްފަހު!
 
ރައީސް ޞާލިހު ވެރިކަމަށް ވަޑައިގެންނެވީ ސިޔާސީ ހަމަޖެހުން ގެނެސްދެއްވާނެ ކަމުގެ ވައުދުފުޅާއެކުގައި
 
ޔާމީންގެ ވެރިކަމުގައި މުޅި ޤައުމުގައި އޮތީ ސިޔާސީ ހަމަނުޖެހުން
 
ޔާމީންގެ ވެރިކަމުގައި އަބުރުފުޅު ޤާނޫނާއެކު ޓީވީ ޗެނަލްތަކާއި ނޫސްތައް ޖޫރިމަނާ ކުރި

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހު 2018 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ އޭރު ރާއްޖެ އޮތް ހާލަތު ބަދަލުކޮށްދެއްވާނެ ކަމުގެ ވައުދުފުޅާއެކުގައެވެ. އޭރު ވެރިކަމުގައި ހުންނެވި ބޭފުޅާ ބާރުގެ ބޭނުން ކުރައްވައި ކުރެއްވި ކަންތައްތަކުގެ ސަބަބުން މުޅި ރާއްޖެ އޮތީ ހަލަބޮލި ކަމެއްގެ ތެރޭގައެވެ. ރައީސް ޞާލިހު ބޭނުންފުޅުވީ އެ ހަލަބޮލިކަން ނަންތާލާށެވެ. ހަނިވެފައި ހުރި އެތައް ހައްގެއް އަނބުރާ ހޯދަދިނުމަށެވެ. މިއަދު އެމަނިކުފާނު ފަސް އަހަރުގެ ރިޔާސީ ދައުރު ފުރިހަމަ ކުރައްވައި, ވަޑައިގަންނަވާއިރު ޤައުމުގެ ހާލަތު މިވަނީ އެތައް ގުނައެއް ބަދަލުވެފައެވެ.

މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އެންމެ ބޮޑަށް ފެނިގެންދިޔަ ބަދަލަކީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމެވެ. ފަސް އަހަރުވަންދެން މި މިނިވަންކަން އޮތީ ވަރަށް ބޮޑަށް ހަނިކޮށްފައެވެ. އެކި ގޮތްގޮތުން ނޫސްވެރިންގެ މިނިވަންކަމާއި އެއްވުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް އޭރުގެ ސަރުކާރުން މަސައްކަތް ކުރިއެވެ. އެގޮތުން, އަބުރުފުޅު ޤާނޫނުގެ ދަށުން ނޫސްވެރިން ހައްޔަރު ކުރުމާއި ނޫސްތަކާއި ޓީވީތައް ޖޫރިމަނާ ކުރުމާއި މުޒާހަރާތައް ހުއްޓުވުމަށް ބާރުގެ ބޭނުންކުރުމާއި ސިޔާސީ ފަރާތްތައް މުއްދަތެއް ނެތް ގޮތަށް ބަންދު ކުރުން ފަދަ އެތައް މަންޒަރުތައް ވަނީ ފެނިފައެވެ. ދިވެހިން އޭރު ބޭނުންވީ ރާއްޖެއިން ފެންނަމުންދިޔަ އެ މަންޒަރު ބަދަލު ކޮށްލާށެވެ. ބޭނުންވީ ސިޔާސީ ހަމަޖެހުމެވެ.

މިއަދު ރާއްޖޭގެ ނޫސްވެރިންނަށް ފުރިހަމަ ކަމާއެކު ޚަބަރުތައް އާއްމުންނާ ހިސާބަށް ގެނެސްދެވެއެވެ. ބުނެވޭ އެއްޗެއްގެ ސަބަބުން ޖޫރިމަނާއެއް ނުކުރެއެވެ. އަބުރުގެ ގާނޫނު މިވަނީ އުވާލެވިފައެވެ. ނޫސް ނުވަތަ ޗެނަލް ބަންދުކޮށްލާނެ ކަމުގެ ބިރެއް ނެތެވެ. ނޫސްވެރިންނާއި ސިޔާސީ މީހުން ހައްޔަރެއް ނުކުރެއެވެ. ސިޔާސީ އިސް ފަރާތްތައް މި ފަސް އަހަރު ހޭދަ ކުރަން ޖެހުނީ ވާނުވާ ނޭނގި ކުޑަގޮޅިއަކު ނޫނެވެ. ސަރުކާރާ ދެކޮޅަށް ވެސް އަޑު އުފުލުމުގެ ފުރުސަތު އޮތީ ފަހިވެފައެވެ.

2018 ވަނަ އަހަރު ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކާއެކު ރައީސް ޞާލިހަށް އިންތިޚާބު ކާމިޔާބުވުމުން އޭރުގެ ރައީސް ޔާމީން ރައްޔިތުންގެ އެ ނިންމުން ގަބޫލުފުޅު ނުކުރައްވައި ހަމަނުޖެހުންތައް އިތުރުކުރަން މަސައްކަތް ކުރެއްވިއެވެ. އެގޮތުން, އިންތިޚާބު ބާތިލުކުރަން ކޯޓަށް ވަޑައިގެން, މަގުމަތީގައި މުޒާހަރާތައް ކުރުން ހިމެނެއެވެ. މިދިޔަ ސެޕްޓެމްބަރުގައި ރައީސް ޞާލިހަށް ވެސް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ. ނަމަވެސް އިސްކުރެއްވީ ރައްޔިތުންނެވެ. ޤައުމުގެ ހަމަޖެހުމެވެ. ރައްޔިތުންގެ ނިންމުން ގަބޫލުކުރައްވައި ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެކެވެ.

މީގެ އިތުރުން ރައީސް ޞާލިހަކީ ރާއްޖޭގެ ތާރީހުގައި ވެސް ކޯލިޝަނަކާއެކު ވެރިކަމަށް ވަޑައިގަތުމަށްފަހު އެ ކޯލިޝަން, ދައުރު ނިމެންދެން ދެމެހެއްޓެވި ހަމައެކަނި ރައީސެވެ. މީގެ ކުރީގެ ވެރިންގެ ފަރާތުން ފެނިގެންދިޔައީ ވެރިކަމަށް ވަޑައިގަންނަތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދެބަސްވުންތައް އުފެދި, ކޯލިޝަން ރޫޅިގެން ހަމަނުޖެހުންތައް އުފެދިގެން ދިޔަ މަންޒަރެވެ. ރިޔާސީ އިންތިޚާބުގައި ކޯލިޝަނުގައި ހިމެނޭ ބޭފުޅުން އެމަނިކުފާނާ ވާދަކުރައްވަން ނިންމެވުމުން ވެސް މިހާރުގެ ކޯލިޝަނަށް ބަދަލެއް ނުގެންނަވައެވެ. ކެބިނެޓުގައި ތިއްބެވި މެމްބަރުން ބަދަލެއް ނުކުރައްވައެވެ.

ރައީސް ޞާލިހުގެ މި ފަސް އަހަރު ނިންމަވާލައްވަނީ އެތައް ގޮންޖެހުންތަކާއެކު އެމަނިކުފާނު ވެވަޑައިގެންނެވި އެތައް ވައުދުފުޅެއް ފުއްދަވައިދެއްވުމަށްފަހުއެވެ. އެމަނިކުފާނުގެ ވެރިކަމުގައި އައި އެންމެ ބޮޑު ގޮންޖެހުމަކަށްވާނީ މުޅި ދުނިޔެއަށް 2020 ވަނަ އަހަރު ކުރިމަތިވި އާލަމީ ވަބާ ކަމަށްވާ ކޮވިޑް-19 ކަން ޔަގީނެވެ. ކޮވިޑުގެ ސަބަބުން ދުނިޔޭގެ އިގްތިސާދު ދަށްވެ ރާއްޖެ ވެސް ހުއްޓުމަކަށް އައެވެ. އެ ދުވަސްވަރު ޤައުމުތަކުގެ އިގްތިސާދަށް ކުރި އަސަރުގެ ސަބަބުން ބައެއް ގައުމުތަކުގެ އިގްތިސާދަށް އެއްކޮށް ފުނޑުފުނޑުވިއެވެ. އަދިވެސް އެ ޤައުމުތަކަށް އެއުޅެނީ އެކަމުން އަރައިނުގެނެވިގެންނެވެ. ނަމަވެސް ހިންގުންތެރި, ރަނގަޅު މާލީމީއެއް ހުރުމުން އެފަދަ ކަންކަމުން ވެސް އަރައިގަނެވޭނެކަން ރައީސް ޞާލިހު ސާބިތު ކޮށްދެއްވިއެވެ. އެމަނިކުފާނު އެ ދުވަސްވަރު އެޅުއްވި ފިޔަވަޅުތަކުން ރާއްޖޭގެ އިގްތިސާދު މިހާރު މިވަނީ ރިކަވަރ ކުރެވިފައެވެ.

ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރައްވައި ރައީސް ޞާލިހު ވަޑައިގަންނަވާއިރު ޤައުމުގައި ހަމަޖެހުން ގާއިމުކޮށްދެއްވާނެ ކަމަށް އެމަނިކުފާނުވެވަޑައިގެންނެވި ވައުދުފުޅު މިވަނީ ވަރަށް ބޮޑަށް ފުރިހަމަ ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް