ކ. މާލެ
|
1 މެއި 2024 | ބުދަ 14:05
އެމްޑީޕީގެ އިސް އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު
އެމްޑީޕީގެ އިސް އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު
އެމްޑީޕީ
މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރުން
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތް ލީޑު ކުރުމަކީ އެމްޑީޕީ ފަހުރުވެރިވާ ކަމެއް
އެންމެ ކުޑަކޮށް ދެވޭ އުޖޫރަ ޔަގީންކޮށްދިނުމަށް ވުޖޫދުކުރި ގާނޫނުތައް ހިމެނޭ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވިފައިވޭ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ ކަމަށް އެޕާޓީގެ އިސް އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެެވެ.

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ތަހުނިޔާ ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސާލިހު ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުގައި އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި، އެމްޑީޕީގެ ސަރުކާރުތަކުގައި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

Advertisement

ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތް ލީޑު ކުރުމަކީ އެމްޑީޕީން ފަހުރުވެރިވާ ކަމެއް ކަމަށެވެ. މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް، ރައްކާތެރިކަން ޔަގީން ކޮށްދެވުނުއިރު އޭގެ ތެރޭގައި އެންމެ ކުޑަކޮށް ދެވޭ އުޖޫރަ ޔަގީންކޮށްދިނުމަށް ވުޖޫދުކުރި ގާނޫނުތައް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިނިމަމް ވޭޖުގެ ގާނޫނު ތަސްދީގުކޮށް އަމަލުކުރަން ފެށިފައިވާކަން ރައީސް ސާލިހު ފާހަގަކުރެއްވިއެވެ.

ރައީސް ސާލިހުގެ ސަރުކާރުގައި ވަނީ މަސައްކަތްތެރިންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމަށާއި، އެމީހުންގެ އިންސާނީ ހައްގުތަކަށް ފުރިހަމައަށް ލިބިދިނުމަށް ޚާއްސަ ސަމާލުކަމެއްދީފައެވެ.

އެގޮތުން މަސައްކަތްތެރިންގެ ހައްގުގައި، މިނިމަމް ވޭޖް ކަނޑައެޅުމުގެ އިތުރުން ވިހެއުމާ ގުޅިގެން ކޮންމެ މަންމައަކަށް 6 މަސްދުވަހުގެ މެޓަރނިޓީ ލީވް، އަދި ބައްޕައަށް 1 މަސް ދުވަހުގެ ޕެޓަރނިޓީ ލީވް ސަރުކާރުން ހަމަޖެއްސަވާފައިވުމާއި އަދި ސާވިސް ޗާޖްގެ ފައިދާ، ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ހަމަހަމައަށް ލިބިދެވޭނެ ގޮތަށް ގާނޫނަށް ގެނެވުނު ބަދަލު ފާހަގަކޮށްލެވެއެވެ.

މަސައްކަތްތެރިން ދުވަސް ރަސްމީކޮށް ފާހަގަކުރަން ފަށާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރުގައެވެ. އެ އަހަރު ލޭބާ ރިލޭޝަންސް އޮތޯރިޓީ އަދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލް ވެސް ރާއްޖޭގައި ގާއިމުކުރިއެވެ. އަދި މަސައްކަތްތެރިންނާ ގުޅޭ މުހިންމު ގާނޫނުތަކެއް ވުޖޫދު ކޮށްފައިވެއެވެ. މީގެ އިތުރުން 2006 ވަނަ އަހަރުގެ ތެރޭގައި އެމްޑީޕީން އިސްވެ އޮވެ ޚާއްސަ ރެލީއެއް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެފަހުން ކޮންމެ އަހަރެއްގައި ވެސް މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ގޮވާލާ އެކި ހަރަކާތްތައް ކުރިއަށް ގެންދެއެވެ.

- ކޮމެންޓް