ކ. މާލެ
|
18 އޭޕްރިލް 2024 | ބުރާސްފަތި 17:35
އެމްޑީޕީގެ އިސް އެޑްވައިޒަރު އަދި ކުރީގެ ރައީސް، އިބްރާހީމް މުހައްމަދު ސާލިހު
އެމްޑީޕީގެ އިސް އެޑްވައިޒަރު އަދި ކުރީގެ ރައީސް، އިބްރާހީމް މުހައްމަދު ސާލިހު
އެމްޑީޕީ
ވަޒީފާތައް ދިނުން
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެނަމަ އިތުރަށް ރައްޔިތުންނަށް ދަތިކުރާނެ
ވަޒީފާތައް ގިނައިން ދެމުންދަނީ ތިން މަސްދުވަހަށް
ވަޒީފާ ލިބޭ ފަރާތްތަކުން އެ ވަޒީފާއާމެދު ވިސްނާލަންޖެހޭ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެކަމަށާއި، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެކަމަށް، އެމްޑީޕީގެ އިސް އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެެވެ.

ބާރަށުގައި ބުރާސްފަތި ދުވަހު ބޭއްވި "މިސްރާބު ހަމަމަގަށް" ޖަލްސާގައި ރައީސް ސާލިހު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ސަރުކާރުގެ މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ވަރަށް ބޮޑަށް ބިރު އެބައޮތްކަމަށެވެ. މަޖިލިސް އިންތިޚާބަށް ކުޑަތަންވަމުން އަންނައިރު، ކިތަންމެ ފިއްތުންތަކެއް ކުރިމަތިކުރުވާނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

Advertisement

ރައީސް ސާލިހު ވިދާޅުވީ ވަޒީފާ ލިބޭ ފަރާތްތަކުން އެ ވަޒީފާއާމެދު ވިސްނާލަންޖެހޭ ކަމަށާއި، ވަޒީފާތައް ގިނައިން ދެމުންދަނީ ތިން މަސްދުވަހަށް ކަމަށެވެ. އެއީ ވަގުތީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރާ ކަމެއް ކަމަށާއި، މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެނަމަ އިތުރަށް ރައްޔިތުންނަށް ދަތިކުރާނެ ކަމަށެވެ.

ވަޒީފާގެ ބިރު ދައްކާ މައްސަލައަށް އިޝާރާތް ކުރައްވައި ރައީސް ސާލިހު ވިދާޅުވީ، އެމްޑީޕީން ނުކުމެ ތިބީ އެ މައްސަލަ ހައްލުކުރުމަށް ކަމަށެވެ. އެހެންކަމުން މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓުދޭންޖެހޭ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ކުންފުންޏެއްގަ މަސައްކަތްކުރާ މީހަކަށް، ވަޒީފާ އަދާކުރާ މީހަކަށް ސަރުކާރާ ޚިޔާލު ތަފާތުވެގެން ނުވާނެ ކަމަށް އެބޭފުޅުން ވިދާޅުވަނީ ފާޅުގަ. ޚިޔާލު ފާޅުކުރުމަކީ އަސާސީ ހައްގެއް، ގާނޫނު އަސާސީގަ. އެ މިނިވަންކަން އޮންނަންވާނެ. ވަޒީފާ އަދާކުރުމާ ވަޒީފާގެ ރައްކާތެރިކަން ގާނޫނު އަސާސީން ކަނޑައަޅާފަ އެބައޮތް. އެއަށް ބިރެއް ނުދެއްކޭނެ. އަޅުގަނޑުމެން ނުކުމެ މިތިބީ އިރާދަކުރެއްވިއްޔާ އެ ބިރުވެރިކަމާ އެ ނާމާންކަމުން ރައްޔިތުން ސަލާމަތްކުރުމަށް. ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގަ އަޅުގަނޑުމެން ކުރާނެ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ މިދެންނެވި ގޮތަށް ސަރުކާރު ކުންފުނިތަކުގަ ވަޒީފާ އަދާކުރާ ފަރާތްތަކަށް ގާނޫނީ ރައްކާތެރިކަން ހޯދައިދިނުން. ސިވިލް ސަރވިސް މިނިވަންކުރެވިއްޖެ. ޖުޑިޝަރީއަށް މިނިވަންކަން ހޯދައިދެވިއްޖެ. ނަމަވެސް މިނިވަން މުއައްސަސާތައް އަދިވެސް އެތިބީ އެ ތާށީގަ. މިކަމަށް ވެސް އަޅުގަނޑުމެން އެބަޖެހޭ މަސައްކަތްތަކެއް ކުރަން.
އެމްޑީޕީގެ އިސް އެޑްވައިޒަރު އަދި ކުރީގެ ރައީސް، އިބްރާހީމް މުހައްމަދު ސާލިހު

ރައީސް ސާލިހު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންގެ ދިފާއުގައި މަސައްކަތްކުރާ ބައެއް ކަމަށެވެ. ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެނަމަ ރައްޔިތުން ބޭނުންވާ ގޮތަށް މި ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް