ކ. މާލެ
|
15 ނޮވެންބަރ 2023 | ބުދަ 11:12
އަދީބާއި ޒިޔަތަށް ދެއްވި ލުޔާއެކު މިނިވަންވެފައިވާއިރު، ޝަމީމް ވަނީ އޭނާގެ ބްލޮގްގައި އެކަމަށް އަލިއަޅުއްވާލައްވާފައި
އަދީބާއި ޒިޔަތަށް ދެއްވި ލުޔާއެކު މިނިވަންވެފައިވާއިރު، ޝަމީމް ވަނީ އޭނާގެ ބްލޮގްގައި އެކަމަށް އަލިއަޅުއްވާލައްވާފައި
މައާފު ދިނުމާއި އަދަބަށް ލުއިދިނުން
20 އަހަރުގެ ޙުކުމަކުން 5 އަހަރު ތަންފީޒުކުރުމުން ރައީސްގެ މާފު ހޯދަން އެދެވޭގޮތަށް ޤާނޫނު ބަދަލުކުރީ ޔާމީނުގެ ވެރިކަމުގައި
 
މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު އޮތް ގޮތުން، އެއިން އެއްވެސް މަރްޙަލާއެއްގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ދައުރެއް ނެތް
 
ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތެއްގެ ހައިސިއްޔަތުން ކަންބޮޑުވުން ކުޑަނޫންކަން ޝަމީމް ފާހަގަ ކުރެއްވި
 
މިކަމުގައި ޢާންމުންގެ މެދުގައި އޮތް ނުތަނަވަސްކަމަށް އޮތް ޙައްލަކީ، ރައްޔިތުންގެ މަޖިލީހުން ގެނެސްދެވޭނެ ޙައްލެއް

އިލްތިމާސްއަށް ހުށަހެޅޭނެ މުއްދަތު ތިންބައިކުޅަ އެއްބައި އޮތްތަން، ހަތަރުބައިކުޅަ އެއްބަޔަށް ކުޑަކުރާގޮތަށް ޤާނޫނު ބަދަލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައިކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ކުރީގެ ނައިބްރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ މައްޗަށް ބޮޑު ޙުކުމެއް ކޮށްފައިވަނިކޮށް އެމީހުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ލުޔާއެކު މިނިވަންވެފައިވާއިރު، ޝަމީމް ވަނީ އޭނާގެ ބްލޮގްގައި އެކަމަށް އަލިއަޅުއްވާލައްވާފައެވެ.

ޝަމީމް ވިދާޅުވީ، ޖިނާއީ ޢަދުލުގެ ނިޒާމުގައި، މީހުންނަށް އަދަބު ދިނުމާއި، އެ އަދަބަށް ވަކި ހިސާބަކުން މަޢާފު ދިނުމަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ހިނގާކަމެއް ކަމަށާއި، ނަމަވެސް އެކަން ހިނގަނީ ވަކި ހަމަތަކަކާއި އުޞޫލުތަކަކުންކަމަށެވެ.

ރާއްޖޭގައި އަމަލުކުރަމުންދާ މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގައި، މަޢާފު ދިނުމުގައި ބަލަންޖެހޭ މިންގަނޑުތައް ހުރީ، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ހުންނަފަދަ، އެކަށީގެންވާ ގޮތަކަށްކަމަށް ޝަމީމް ވިދާޅުވިއެވެ.

އެހެންނަމަވެސް، އެޤާނޫނުގެ 29 ވަނަ މާއްދާ (މަޢާފުދިނުމުގެ ޚާއްޞަ އުޞޫލު) އަށް ބެލުމުން، އެދުވަސްވަރުގެ ޙާލަތާއި، މިޤާނޫނު އުފެދިގެން އައި ގޮތުގެ ތާރީޚީ ޙަޤީޤަތްތައް ހާމަވާކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.

ޝަމީމް ވިދާޅުވާ ގޮތުގައި މިޤާނޫނުގައި މައްސަލަ އޮތީ ދެކަމެއްގައެވެ.

ފުރަތަމަ ކަމަކީ، އެޤާނޫނުގެ 7 ވަނަ މާއްދާ (އިލްތިމާސް ހުށަހެޅޭނެ މުއްދަތު) ގައި، އަދަބު ލުއިކޮށްދިނުން އެދި އިލްތިމާސެއް ހުށަހެޅޭނީ އެމީހެއްގެ މައްޗަށް ސާބިތުވި ކުށުގެ އަދަބަށް ކަނޑައަޅާފައިވާ މުއްދަތުގެ ތިންބައިކުޅަ އެއްބައި ތަންފީޒުވެ ދިޔުމަށްފަހު ކަމަށް އޮތް މާއްދާކަމަށް ޝަމީމް ވިދާޅުވިއެވެ. އެގޮތުން އެކަން އޮންނަންވީ މަދުވެގެން ހަތަރުބައިކުޅަ ތިންބައި ތަންފީޒުކޮށް ނިމުމުންކަމަށް ދެކިލައްވާކަމަށް ޝަމީމް ބްލޮގްގައި ލިއުއްވާފައިވެއެވެ.

އޭގެ މާނައަކީ، 20 އަހަރުގެ ޖަލު ޙުކުމެއްނަމަ، 6 އަހަރާއި 6 މަސްދުވަހެވެ. އަޅުގަނޑަށް ފެންނަނީ ކްލެމެންސީގެ އުޞޫލު އުވާލާށެވެ. ނަމަވެސް، އެކަން ބާއްވާނަމަ، އެކަން އޮންނަންވީ މަދުވެގެން ހަތަރުބައިކުޅަ ތިންބައި ތަންފީޒުކޮށް ނިމުމުން ކަމަށެވެ. އޭރުން، 20 އަހަރުގެ ޙުކުމެއްނަމަ، 15 އަހަރު ތަންފީޒުކުރަންޖެހޭނެއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

އެހެން އެކަން އޮއްވައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި އިލްތިމާސްއަށް ހުށަހެޅޭނެ މުއްދަތު ތިންބައިކުޅަ އެއްބައި އޮތްތަން، ހަތަރުބައިކުޅަ އެއްބަޔަށް ކުޑަކުރަން އިސްލާޙެއް ހުށައެޅުނުކަން ޝަމީމް ފާހަގަ ކުރެއްވިއެވެ. އޭގެ ނަތީޖާއަކީ 20 އަހަރުގެ ޙުކުމެއް އޮތް މީހަކު، 5 އަހަރު ތަންފީޒުކުރުމުން، އިލްތިމާސްއަށް ހުށަހަޅަން ފުރުސަތު ލިބިގެން ދިއުމެވެ.

އޭގެ ބޭނުމަކީ، ޖަލުގައި ތިބި ޒުވާނުން ޖަލުން ނެރި، މުޖްތަމަޢަށް ފައިދާހުރި ބަޔަކަށް ހެދުން ކަމަށް ބުނެއެވެ. އޭގެ ނަތީޖާއަކީ، 20 އަހަރުގެ ޙުކުމެއް އޮތް މީހަކު، 5 އަހަރު ތަންފީޒުކުރުމުން، އިލްތިމާސްއަށް ހުށަހަޅަން ފުރުޞަތު ލިބުމެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު އޮތް ގޮތުން، އެއިން އެއްވެސް މަރްޙަލާއެއްގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ދައުރެއް ނޯންނަކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، ޤާނޫނީ ނިޒާމު މިހާރު އޮތް ގޮތުން، މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ރައީސަށް ފުޅާ ބާރުތަކެއް ލިބިވަޑައިގަންނަވާކަމަށެވެ.

އެބާރު ބޭނުންކުރައްވާ ގޮތާމެދު ސުވާލު އުފެއްދުމަކީވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަމެއް ނޫންކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

އެހެންނަމަވެސް، އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުންނާއި ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތެއްގެ ހައިސިއްޔަތުން އެކަމުގެ ދެރައާއި ކަންބޮޑުވުން ކުޑަނޫންކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.

ނަމަވެސް، ޕްރޮސިކިއުޓަރ ޖެނެރަލަށް ކަމަކާ ބެހެވޭނީވެސް، ކަންބޮޑު ވެވޭނީވެސް، ރުޅިއާދެވޭނީވެސް، ރުހެވޭނީވެސް، އުފާ ވެވޭނީވެސް ޤާނޫނުގައި ބެހޭށާއި ކަންބޮޑުވާށާއި ރުޅި އަންނާށާއި ރުހޭށާއި އުފާވާން ފުރުޞަތު ދީފައި އޮތްނަމައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޝަމީމް ދެކިލައްވާ ގޮތުގައި މިކަމުގައި ޢާންމުންގެ މެދުގައި އޮތް ނުތަނަވަސްކަމަށް އޮތް ޙައްލަކީ، ރައްޔިތުންގެ މަޖިލީހުން ގެނެސްދެވޭނެ ޙައްލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
50%
50%
0%
0%
ކޮމެންޓް
ގުޅުންހުރި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
ރައީސް މުއިއްޒު ގެންދަވަނީ އަވަހާރަފުޅު ނުލައްޕަވާ ހުންނަވައިގެން ވެސް ރައްޔިތުންނަށް އިތުރުފުޅު ހައްދަވަމުން - ރައީސް ޞާލިޙު
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު
މި ސަރުކާރު ވެރިކަމަށް އައިސް މުޅި ޤައުމު ހުއްޓުމަކަށް ގެނެސްފި - ރައީސް ސާލިހު
މިސަރުކާރުގެ ކެންޑިޑޭޓުންނަށް ދެވޭ ވޯޓަކީ ކުދިރަށްތަކުގެ ތަރައްގީއާއި ދެކޮޅަށް ދެވޭ ވޯޓެއް: ރައީސް ޞާލިޙް