މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން ބިރު ދައްކައިގެން ވޯޓުތައް ހޯދުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް އެޑްވައިޒަރު، އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ވައިކަރަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ސާލިހު ވަނީ، މި ސަރުކާރުން ވަޒީފާގެ ބިރު އިންތިހާއަށް ދައްކަމުންދާ ކަމަށާއި ސިޔާސީގޮތުން އެކި ގޮތް ގޮތަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މަޖިލިސް އިންތިޚާބާ ގުޅުވައިގެން އެފަދަ އަމަލުތައް އިތުރުވާކަން ސިފަކުރެއްވިއެވެ.
ރައީސް ސާލިހު ވިދާޅުވީ، ރާއްޖެއަށް ލިބުނު އާމްދަނީއާ އަޅައިބަލާއިރު، 2018 ވަނަ އަހަރާ ހަމައަށް އަންނައިރު އަސާސީ ޚިދުމަތްތައް ފުރިހަމަނުވެ ހުރެގެން ނުވާނެ ކަމަށެވެ، އޭގެ ކުރީ ސަރުކާރުތަކުން އެ ކަމަށް އަޅައިލިނަމަ އެހެން ނުވާނެ ކަަމަށް ވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ. 2018 ވަނަ އަހަރު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ޚިދުމަތް ފަށައިގަންނަން ޖެހުނީ އަސާސީ ޚިދުމަތްތަކާ ހިސާބުން ކަމަށާއި، އެއީ މައްސަލައެއްކަމަށް ގަބޫލުކުރައްވާ ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ވަރަށް ސާފުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ ސިޔާސަތަކީ ކުދި ރަށްތަކަށް ޚިދުމަތްކުރުމާއި ކުދި ރަށްތަކުގެ ތަރައްގީއަށްޓަކާ ކުރާ ކަންކަމަކީ އިސްރާފެއްގެ ގޮތުގައި ދެކުން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެހެންނަމަވެސް އެމްޑީޕީން އަބަދުވެސް މަސައްކަތްކުރަނީ ސީދާ ރައްޔިތުންގެ މަންފާއަށްޓަކައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އާއްމު ދިރިއުޅުމުގެ ކަންކަން ފަސޭހަކުރުމަށާއި ރައްޔިތުން އެދޭ ކަންކަން ފުރިހަމަކޮށްދިނުމަށް ނިމިދިޔަ ސަރުކާރުން ކެނޑިނޭޅި މަސައްކަތްކޮށްފައި ވާނެކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.
އަޅުގަނޑުމެންނަށް ފަށަން ޖެހުނީ އެ ހިސާބުން. ކޮވިޑްގެ ދަތި ހާލަތާއެކުގަ ވެސް ގިނަ ރަށްތަކުގައި ގިނަ ކަންތައްތަކެއް އަޅުގަނޑުމެން ކުރިން. މިއަދު މި ހުއްޓި ތިބި ހިސާބުން ބަލާއިރު ފެންނަނީ ރާއްޖޭގެ ކަންކޮޅުތަކުގަ ފަށާފަ ހުރި މަޝްރޫއުތައް ހުއްޓުމަކަށް ގެނެސްފަ ވާތަން. ސަރުކާރުގެ ސިޔާސަތުތައް ބައްޓަންވަނީ ކީއްވެގެންތޯ ސުވާލުކުރަން އެބަޖެހޭ. މީ ރައްޔިތުންގެ ފައިސާ. މި ރަނގަޅަށް ބެލެހެއްޓެން އެބަޖެހޭ.ރައީސް ސާލިހު
ހުއްޓުމަކަށް އައިސްފައިވާ މަސައްކަތްތައް އަލުން ފެއްޓުމަށްޓަކައި އެމްޑީޕީގެ ދައުރު ވަރަށް މުހިންމު ކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ. އެގޮތުން އެމްޑީޕީ ވެގެންދާނީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާނެ ބަޔަކަށް ކަަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.