Advertisement
ކ. މާލެ
|
10 މެއި 2017 | ބުދަ 20:43
މީޑިއާ ކައުންސިލް މެމްބަރު މިސްބާހު އައްބާސް
މީޑިއާ ކައުންސިލް މެމްބަރު މިސްބާހު އައްބާސް
ފޭސްބުކް
މީޑިއާ ކައުންސިލް
މިސްބާހުގެ އިތުބާރު ނެތް ކަމަށް ފާހެއް ނުކުރި
ގަވާއިދުގައި ބުނަނީ ކޮންމެ މަހަކު މަދުވެގެން އެއް ޖަލްސާ ބާއްވަންވާނެކަމަށް
ނަމަވެސް ކައުންސިލުން ނިންމާފައިވަނީ ހަފްތާއަކު އެއްޖަލްސާ ބޭއްވުމަށް

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރު މިސްބާހު އައްބާސްގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލަ ފާސްނުކޮށް އިތުރަށް ދިރާސާކުރަން ނިންމައިފި އެވެ.

މިސްބާޙުގެ އިތުބާރު ނެތްކަމުގެ މައްސަލަ، ކައުންސިލަށް ހުށަހަޅާފައިވަނީ ކައުންސިލް މެންބަރު އަސްއަދު ޝަރީފެވެ.

މިސްބާޙުގެ އިތުބާރު ނެތްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ، ކައުންސިލުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރައްވަންޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި މިސްބާހު އިހުމާލުވެވަޑައިގެންފައިވާ ކަމަށާއި، އެކަމަށް ދެއްވަންވާ ސަމާލުކަން ނުދެއްވާ ކަމަށެވެ.

ބުދަ ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެމައްސަލަ އިތުރަށް ދިރާސާކުރުމަށް ނިންމާފައިވަނީ ހުށަހަޅާފައިވާ އެމައްސަލާގައި ކައުންސިލްގެ ގާނޫނާ ގަވާއިދާ ފުށުއަރާ ކަންތައްތައް ހުރުމުން ނެވެ.

މިސްބާހުގެ އިތުބާރު ނެތްކަމަށް ހުށަހެޅީ ޖެހިޖެހިގެން ތިން ބައްދަލުވުމަށް މިސްބާހު ހާޒިރު ނުވާތީ ކަމަށް ބުނެއެވެ. ނަމަވެސް ކައުންސިލްގެ ގަވާއިދުގައި ބުނެފައިވަނީ ކައުންސިލްގެ ބައްދަލުވުމެއް ކޮންމެ މަހަކު އެއްފަހަރު ބާއްވާން ވާނެ ކަމަށެވެ. ނަމަވެސް އަލަށް އެކުލަވާލި ކައުންސިލުން ނިންމާފައިވަނީ ކޮންމެ ހަފްތާއަކު މަދުވެގެން އެއް ބައްދަލުވުން ބާއްވަންވާނެ ކަމަށެވެ. އެހެންކަމުން މިސްބާހުގެ ދިފާއުގައި ވާހަކަ ދެއްކި ކައުންސިލް މެމްބަރުން ވިދާޅުވެފައިވަނީ މިސްބާހު ކައުންސިލްގެ ގާނޫނާއި ގަވާއިދާ ހިލާފުނުވާ ކަމަށާއި އެހެންކަމުން މިސްބާހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިހާރު ހުށަހަޅާފައިވާ ގޮތަށް ނުނިންމޭނެ ކަމަށެވެ.

ޖުމްލަ 15 މެންބަރުން ތިއްބަވާ މީޑިއާ ކައުންސިލްގެ އާންމު އިންތިހާބު ބާއްވާފައިވަނީ ޖެނުއަރީ މަހު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 41 މިނެޓު ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް