ރާއްޖޭގެ ހުޅަނގުއުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑު، އިތުރަށް ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ އަދި އޭގެފަހުން ތޫފާނަކަށް ވެސް ބަދަލުވެދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން ބުނީ މި ކޮޅިގަނޑު ކުރިއަށް އޮތް 12 ގަޑިއިރުގެ ތެރޭގައި އިތުރަށް ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ އަދި އޭގެ 24 ގަޑިއިރު ފަހުން ތޫފާނަކަށް ބަދަލުވެދާނެ ކަމަށެވެ. އަދި މި ތޫފާނުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރާނެ ކަމަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ލަފާކުރެވޭ ގޮތުގައި މިކޮޅިގަނޑު ޖެހެމުން ދާނީ އުތުރުހުޅަނގުއުތުރަށް ރާއްޖެއާއި ދުރަށް ކަމަށެވެ. މި ކޮޅިގަނޑާ ގުޅިގެން ރާއްޖޭގެ އަތޮޅުތަކުގެ މަތީގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުން ދާ ކަމަށެވެ. އަދި ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ސަރަހައްދުގައި ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭ ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ކުރަންފެށި ވިއްސާރައާއެކު މި މަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް ހުޅަނގު މޫސުން ވަނީ ފެށިފައެވެ. އެގޮތުން ވޭތުވެ ދިޔަ 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުނެވެ. އެންމެ ގިނައިން ވާރޭވެހިފައިވަނީ ލ. ކައްދޫއަށެވެ. އެގޮތުން ކައްދޫއަށް 59 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާގެ ތަފާސްހިސާބުތައް ދައްކައެވެ.
މީގެ އިތުރުން ގއ. ގެމަނަފުއްޓާއި ހއ. ކެލާއަށް ވެސް ބޯކޮށް ވާރޭ ވެހިފައިވެއެވެ. އަދި ރާއްޖޭގެ އެހެން ހިސާބުތަކަށް ވެސް ބޯކޮށް ވާރޭވެހި ބައެއް ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި ބައެއް މީހުންގެ މުދަލާއި ތަކެއްޗަށް ވަނީ ގެއްލުން ލިބިފައެވެ. އެގޮތުން ހުކުރު ދުވަހު ހދ. ކުޅުދުފުއްޓަށް ގަދަ ވައި ޖެހި އައި ކޮޅިގަނޑެއްގައި ގެއެއްގެ ފުރާޅު އެއްލައިލުމާއެކު ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ފުރާޅަށް ގެއްލުން ލިބި މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.
އަދި ފެންބޮޑުވުމުގެ ހާދިސާތައް ދިމާވި ހުރިހާ ރަށެއްގައި، ރައްޔިތުންނަށް އެހީތެރިވުމުގައި ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. ކުޅުދުއްފުށީގެ އިތުރުން މި ވިއްސާރައިގައި ފުވައްމުލަކަށް، އައްޑޫ، ތުރާކުނު އަދި ހޯރަފުއްޓަށް ވެސް ވަނީ ގެއްލުން ވެފައެވެ. އެގޮތުން ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ހިތަދޫގެ ނަރުދަމާގެ ނިޒާމުން ނަޖިސް ފެން ބޭރުވެފައި ވެއެވެ. އޭގޭ ސަބަބުން ހިތަދޫގެ ގިނަ ސަރަހައްދުތަކަށް ނަޖިހުގެ އަސަރުކޮށްފައި ވާކަމަށް އެ ސިޓީގެ މޭޔަރު އަބްދުﷲ ސާދިގު ވިދާޅުވިއެވެ.
މީގެ އިތުރުން، އައްޑޫ ލިންކް ރޯޑުގައި ހުރި އަޑިގަނޑުތައް ކަނޑައިގެން ގޮސް ގެއްލުން ވެފައި ވާކަމަށް ސާދިގު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ ތަންތައް ބެއްދުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށާއި، އޭގެ ސަބަބުން އުޅަނދު ދުއްވާ މީހުންނަށް ކުރިމަތިވެދާނެ ނުރައްކަލުގެ އިންޒާރު ދެމުން ގެންދާކަމަށެވެ.
މީގެ އިތުރުން ފުވައްމުލަކުގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރު، އެ ސިޓީއަށް ލިބުނު ގެއްލުމުގެ ވާހަކަ ހިއްސާ ކުރައްވަމުން ވިދާޅުވީ ބޯކޮށް ވެހުނު ވާރޭގެ ސަބަބުން، ފެނުގެ އަސަރު ކޮށްފައި ވަނީ ކަނޑައެޅިގެން ކިތައް ގެޔަކަށް ކަމެއް ދަންނަވަން މިވަގުތު ދަތިކަމަށެވެ. އެހެން ނަމަވެސް ލިބުނު ގެއްލުމުގެ އެސެސްމަންޓެއް މިހާރު ހަދަމުން ދާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ލަފާ ކުރެވޭ ގޮތުގައި 60 އިންސައްތަ ގޭގެއަށް ފެނުގެ އަސަރު ކޮށްފައި ވާކަމަށާއި އޭގެ ތެރެއިން 4 ގެއެއްގެ މީހުން އެހެން ގެތަކަށް ބަދަލު ކުރަން ޖެހުނު ކަމަށް ވެސް ވިދާޅުވިއެވެ.
އަދި މިހާރު ކުރަމުންދާ ވިއްސާރައިގައި ތުރާކުނާއި ހޯރަފުއްޓަށް އުދައަރައި މީހުންގެ މުދަލާއި ތަކެއްޗަށް އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ.