ކުރިއަށް އޮތް ޖޫން މަހު ފަށާ ޔޫރަޕުގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތުގައި ނުކުޅެވޭނެ ކަމަށާއި އެކަމަކު ޖުލައި މަހުގެ ފަހުކޮޅު އައު ސީޒަނަށް ތައްޔާރުވުމާ ހިސާބުން ލިވަޕޫލްގެ ފަރިތަކުރުންތަކުގައި ފުރިހަމައަށް ބައިވެރިވެވޭނެ ކަމަށް އެޓީމުގެ ހޮލެންޑު ޑިފެންޑަރު ވަރޖިލް ވަން ޑައިކް ބުނެފިއެވެ.
ހުސްވި އަހަރުގެ އޮކްޓޫބަރު މަހު އިނގިރޭސި ލީގުގައި އެވަޓަނާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗެއްގައި އެވަޓަންގެ ގޯލް ކީޕަރު ޖޯޑަން ޕިކްފަޑް ކުރި ޓެކުލެއްގައި ވަން ޑައިކްގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން މުޅި ސީޒަން އޭނާއަށް ވަނީ ގެއްލިފައެވެ. ލިގަމެންޓަކަށް ލިބުނު ގެއްލުން ރަގަޅު ކުރުމަށްޓަކައި ވަރަށް ބޮޑު އޮޕަރޭޝަނެއްވެސް ވަނީ ކުރެވިފައެވެ.
އުމުރުން 30 އަހަރުވީ ވަން ޑައިކް ބުނެފައިވަނީ އޭނާއަކީ މިހާރު އެންމެ ޒުވާން ގިންތީގެ ކުޅުންތެރިއެއް ނޫންކަމަށާއި އެހެންވީމާ ބޮޑު އޮޕަރޭޝަނަކަށްފަހު އެނބުރި ކުޅުމުގެ ތެރެއަށް އަންނަންވާނީ ވަރަށް ލަހުން ވަރަށް ބަލައިގެން ވަރަށް ފަރުވާތެރިވެގެން ކަމަށެވެ. މިހާރު ކަކުލުގައި އެއްވެސް މައްސަލައެއް ނެތިފައި ބަރާބަރަށް ދުވެ އުޅެވުނަސް ވާދަވެރި މެޗުތަކަށް ނުކުތުން އެކަށީގެންވާ ވަރަށް އަދި ފިޓްނުވާ ކަމަށް ފެންނާތީ ޔޫރޯގައި ހޮލެންޑް ޓީމަށް ނުކުޅެން ނިންމީ ކަމަށް ވެސް ބުންޏެވެ. ވަން ޑައިކަކީ ހޮލެންޑުގެ ކެޕްޓަނެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތް ނިމުމާއެކު ލިވަޕޫލުން އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އޮސްޓްރިއާ ނުވަތަ ފްރާންސްގައި ކޭމްޕު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ކޭމްޕަށް ފަހު އެކުވެރިކަމުގެ މެޗުތަކެއްވެސް ކުޅޭނެއެވެ. މެންޗެސްޓަރ ޔުނައިޓެޑާއެކު އެކުވެރިކަމުގެ ދެ މެޗެއް ރޭވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެނގިފައިވެއެވެ. ވަން ޑައިކްގެ އެނބުރި އައުން ފެންނާނީ މީގެ ތެރެއިން މެޗަކުންނެވެ.
ވަން ޑައިކް ބުނެފައިވަނީ ފާއިތުވި ހަތް މަހަކީ ފުޓްބޯޅަޔާ ދުރުގައި ހުންނަން ޖެހުމުގެ ސަބަބުން ވަރަށް ހިތްދަތި ދުވަސްކޮޅެއް ކަމަށެވެ. ޚާއްސަކޮށް ޔޫރޯގައި ގައުމު ތަމްސީލުކުރަން އޮތް ފުރުސަތު ދޫކޮށްލަން ޖެހުމަކީ ހިތަށް ވަރަށް ތަދުވާ ކަމެއް ކަމަށާއި އެކަމަކު މި ނިންމުމަކީ އޭނާގެ އެނބުރި އައުން ދެމެހެއްޓުމަށް ވިސްނާނަމަ އެންމެ ރަނގަޅު ނިންމުން ކަމަށް ޔަގީން ކުރާ ކަމަށްވެސް ބުންޏެވެ.
އިނގިރޭސި ލީގުގެ އައު ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓު މަހުގެ ސާދަ ވަނަ ދުވަހުއެވެ. އައު ސީޒަނުގައި މެޗުތައް ތާވަލް ކުރެވިފައިވާ ގޮތުގެ ޝެޑިއުލް ނެރުމަށް ހަމަޖެހިފައިވަނީ ޖޫންމަހުގެ ސޯޅަވަނަ ދުވަހުއެވެ. ވަން ޑައިކް ބުނެފައިވަނީ އުއްމީދަކީ އައު ސީޒަނުގައި ލިވަޕޫލްގެ ކުރީގެ ކާމިޔާބީތައް ތަކުރާރުކޮށްދިނުން ކަމަށާއި އަދި ވިހިބާވީހުގެ ވޯލްޑްކަޕަށް ހޮލެންޑް ކޮލިފައިކޮށްދީ އެ މުބާރާތުގައިވެސް ކުޅުން ކަމަށެވެ. އެހެންވީމާ ކުރިއަށް އޮތީ ކޮންމެހެންވެސް ފިޓްކޮށް ހުންނަންޖެހޭ ވަރަށް ވަރުގަދަ 18 މަސް ކަމަށް ވަން ޑައިކް ބުންޏެވެ.