ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި ސަރަހައްދުގައި ކަމާ ގުޅޭ އެއްޗެއް ފެނިއްޖެ ނަމަ ފުލުހުންނަށް ރިޕޯޓު ކުރުމަށް އަންގައިފިއެވެ.
އަންގާރަ ދުވަހުގެ ހަވީރު ވަރޗުއަލްކޮށް ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ މެއި ހަ ވަނަ ދުވަހު ހިނގި ހާދިސާއާ ގުޅިގެން ފުލުހުންގެ ތަހުގީގުގެ ބޭނުމަށްޓަކައި އެހާދިސާ ހިނގި ސަރަހައްދު ސީން ކޯޑަން ކޮށްފައި އޮތް އޮތުން މިހާރު ވަނީ ނިމުމަކަށް ގެނެސް ސަރަހައްދު ހުޅުވާލެވިފައި ކަމަށެވެ.
އޭސީޕީ ރިޔާޒު ވިދާޅުވީ އެސަރަހައްދު ހުޅުވާލީ ކްރައިމް ސީން އިންވެސްޓިގޭޝަންގެ ބޭނުމަށް ނަގަން ޖެހޭ ހުރިާ ސާމްޕަލެއް ނެގުމަށްފަހު ކަމަށެވެ.
އެސަރަހައްދު ހުޅުވާލެވިފައި މިވަނީ އެސަރަހައްދުން ކްރައިމް ސީން އިންވެސްޓިގޭޝަންގެ ބޭނުމަށްޓަކައި ނަގަން ޖެހޭ ހުރިހާ ސާމްޕަލެއް މައްސަލައާ ގުޅިގެން އެތަނުގައި ހުރި ކަމަށް ބެލެވޭ ތަކެތި އަޅުގަނޑުމެންގެ ފޮރެންސިކް ޑިޕަރޓްމެންޓުން ބަލާ ނަގަން ޖެހޭ ތަކެތި ނަގާ ސާމްޕަލްތައް ނެގުމަށްފަހު. ބޮން ގޮއްވުމާއި ގުޅިގެން އެސަރަހައްދަށް ބުރާގެން ގޮސްފައިވާ އެތިކޮޅުތައް ބައިތައް ޖުމްލަކޮށް ވަނީ ނެގިފައި. ނަމަވެސް އެއްވެސް ގެއަކުން މިހާދިސާއާ ގުޅުންހުރި އެއްވެސް އެއްޗެއް ފެނިއްޖެނަމަ އަޅުގަނޑުމެންނަށް އަންގާލަ ދެއްވުން އެދެން.އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު
ބޮން ގޮއްވުމާއި ގުޅިގެން އެސަރަހައްދަށް ބުރައިގެން ގޮސްފައިވާ އެތިކޮޅުތައް ބައިތައް ޖުމްލަކޮށް ނެގިފައިވާކަން ފާހަގަކުރައްވައި އޭސީޕީ ރިޔާޒު ވިދާޅުވީ އެއްވެސް ގެއަކުން މިހާދިސާއާ ގުޅުންހުރި އެއްވެސް އެއްޗެއް ފެނިއްޖެނަމަ އަންގައިދިނުމަށް އެދޭ ކަމަށެވެ. ބޮން ގޮވުމާއެކު ދުރަށް ވިއްސައިގެން ދިޔަ ބައެއް ރޭޒާ ފުށްތައް ފެނިގެން މިހާތަނަށް ވެސް އެސަރަހައްދުގެ ބައެއް ގެތަކުން ގުޅައި އެކަން އަންގާފައިވާ ކަމަށް އޭސީޕީ ރިޔާޒު ފާހަގަކުރެއްވިއެވެ.
އެފަދަ ހާލަތްތަކުގައި އެޓެންޑްކޮށް އޭތި ނަގާފައި. އަދިވެސް މިފަދަ އެއްޗެއް އޮތުމަކީ އެކަށީގެންވާ ކަމެއް. އަދި އެފަދަ އެއްޗެއް ފެނިއްޖެނަމަ ފުލުހުން ގާއިމްކޮށްފައިވާ ހޮޓްލައިން 9704000ށް ނަންބަރަށް ގުޅައި ދިނުމަށް އެދެން.އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު
ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގެ ކައިރީގައި ސައިކަލެއްގައި އައިއީޑީއެއް ގޮއްވާލުމުން އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒާ ފުށް ވަދެފައިވެއެވެ. ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ފޫއަޅުވާލި ރޭޒާ ފުއްތައް ނަގަން 16 ގަޑިއިރަށްވުރެ ދިގު އޮޕަރޭޝަންތަކެއް ކުރިއެވެ.
ނަޝީދަށް ފަރުވާ ދެއްވި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން މީޑިއާތަކަށް އާއްމުކުރި މައުލޫމާތުން ރައީސް ނަޝީދުގެ ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާ ކަމަށް ޑޮކްޓަރުންގެ ޓީމުން ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފައެވެ. މި ހަމަލާ އަމާޒުވި ސީދާ ސަބަބެއް އަދި ނޭނގުނު ނަމަވެސް ބޮޑަށް ގުޅެނީ ހަރުކަށި ފިކުރާ ކަމަށް ފުުލުހުން މިހާތަނަށް އާއްމުކުރި މައުލޫމާތުތަކުން އެނގެއެވެ.