ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިން މީހުން ހޯދުމަށްފަހު ހައްގު އަދަބު ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން (އެޗްއާރްސީއެމް) ގޮވާލައިފިއެވެ.
ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުގައި އެޗްއާރްސީއެމްގެ މެމްބަރު އަހްމަދު އަދުހަމް ވިދާޅުވީ މި ކަންތައް ވަރަށް ކައިރިން ބަލަމުންދާ ކަމަށާއި މި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މިފަދަ ހަމަލާތަކުގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކެއްގެ ދިރިހުރުމުގެ ހައްގާއި އެހެނިހެން ހައްގަށް ބުރޫއަރަމުންދާ ކަމަށެވެ. އަދި އިލްތިމާސަކީ ކަމާ ގުޅުންހުރި މުއައްސަސާތަކުން މި މައްސަލަ އަވަހަށް ތަހުގީގުކޮށްދިނުން ކަމަށް ވިދާޅުވިއެވެ.
އެއްޗެއް ގޮއްވާލި މައްސަލަ ތަހުގީގު ކުރަމުންދާއިރު ހުރިހާ ފަރާތްތަކުން ވެސް ތެދު ޚަބަރު ހިއްސާކުރުމަށް އެޗްއާރްސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ. އެޗްއާރްސީއެމުން މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވާއިރު ނަޝީދަށް އަމާޒުކޮށް ބުރާސްފަތި ދުވަހުގެރޭ ދިން ނިރުބަވެރި ހަމަލާގެ ޚަބަރުތައް ދުނިޔޭގެ މީޑިއާތަކުން ވެސް ވަނީ ކުށްވެރިކޮށްފައެވެ.
މި ހަމަލާ ކުށްވެރިކޮށް ބައިނަލްއަގުވާމީ މަސްރަހުގައި ގިނަ އަދަދެއްގެ ބަޔަކު ޓުވީޓު ކޮށްފައިވާއިރު ހަމަލާ ކުށްވެރިކޮށް އަވައްޓެރި ބައެއް ގައުމުތަކުން ވެސް ވަނީ ނޫސް ބަޔާންތައް ނެރެފައެވެ.